16 Mar 2012, 18:41
އައްޑޫ ލިންކްރޯޑްގައި ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލްނުކުރެވިގެން ގޮސް ހިނގި އެކްސިޑެންޓެއްގައި 14 އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު އެ އެކްސިޑެންޓް ހިނގީ ފޭދޫއަށް އަރާ ބޮޑުމަގުން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލު ލިންކްރޯޑުގެ ސްޓޭޑިއަމާ ވީފަޅީގެ ބެންޑުން އަޅަން އުޅުނު ވަގުތު ކޮންޓްރޯލު ނުވެ ގޮސް ކަމަށެވެ. އަދި އެ ވަގުތު ސައިކަލުގެ ފަހަތުގައި އިން ފޭދޫ ދަފްތަރު ނަމްބަރު 2، މުހައްމަދު ސާމީ 14، ވިއްސައިގެން ގޮސް ބަނދަރު ހަދަން ޖަހާފައި ހުރި ހިލަތަކުގައި ޖެހި ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ބުންޏެވެ. ސާމީ އަށް ހިތަދޫ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އެކްސިޑެންޓް ހިނގި އިރު ސައިކަލު ފަހަތުގައިން ފޭދޫ ބްލޫހީރޯ، މުހައްމަދު އަލީފް 15، ގެ ގައިން ހަންމަށައިގެން ދިއުމުގެ އިތުރުން ކަނާތު ފައިގެ ބޮޑުވާ އިނގިލި ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އައްޑޫސިޓީގެ ކުނިކޮށި ސަރަހައްދުގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި ވަނީ 54 އަހަރުގެ މީހަކު މަރުވެފަ އެވެ.