22 Mar 2022, 03:37
ގާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ރަޖިސްޓްރީކުރެވި ލައިސަންސް ނުވަތަ އެކަށީގެންވާ ހުއްދަ އޮންނަ އިތުބާރުކުރެވޭ ފަރާތްތަކާއެކު ނޫނީ ފައިސާ އިންވެސްޓު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މިފަދައިން ފުލުހުން އިލްތިމާސްކުރީ ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް، ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާ ކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާތީކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެކަމުގެ ޖިނާއީ ތަހުގީގެއް މިހާރު ކުރިއަށްދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މިމަހުގެ 10ވަނަ ދުވަހު އެމްއެމްއޭ އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެފަދަ ސްކީމްތައް ހިނގަމުންދާތީ ސަމާލުވުމަށް އެދިފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކިންގް ފޮރެކްސް ޓްރޭޑިން ކުންފުނީގެ މައްސަލަ ވަނީ ހޫނުވެފައެވެ.
އެކަމާ ގުޅިގެން މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ނެރުނު ބަޔާނުގައި ވަނީ މިފަދަ ސްކީމްތައް ހިނގަނީ އެއަށް އިތުރު މީހުން ގުޅި ފައިސާ ލަމުން ދާތީ ކަމަށެވެ. އަދި އެ ފައިސާ ބޭނުން ކުރަނީ ސްކީމް ހިންގާ މީހުންގެ އަމިއްލަ ބޭނުމަށް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އެހެންކަމުން، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކަމެއް ނޫންކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެ ބަޔާންތަކުގައި އަލްހާނުގެ ކުންފުނީގެ ނަން ނެތް ކަމުގައި ވިޔަސް، އޭނާ ވަނީ އެއީ އެ ކުންފުންޏަށް ނިސްބަތްކޮށް ނެރުނު ބަޔާންތަކެއް ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގައި އެ ކުންފުނީ ގެ އެކައުންޓުތައް ވެސް ވަނީ ފްރީޒްކޮށްފައެވެ.
އަލްހާން ވަނީ އޭނާގެ ކުންފުންޏަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއްވެސް މީހެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނަގާފައި ނުވާނެ ކަމަށެވެ.