21 Mar 2022, 20:03
އިންޑިއާއިން ރާއްޖެ ގެނައި ގަސް ކާނާ ޝިޕްމެންޓެއްގައި އެތެރެ ކުރަން އުޅުނު 17 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައިސްފައިވާ އެއާކާގޯ ޝިޕްމެންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ކަސްޓަމްސްއަށް ޝައްކު ކުރެވިގެން މި މަހުގެ 20 ވަނަ ދުވަހު އެ ޝިޕްމެންޓް ބަލައި ފާސްކުރި ކަމަށެވެ.
އެގޮތުން ބަލައި ފާސްކުރިއިރު ޝިޕްމަންޓް ކަސްޓަމްސްއަށް ޑިކްލެއާ ކޮށްފައިވަނީ "އޯގަނިކް ފާރޓިލައިޒަރ" ގެ ގޮތުގައެވެ. އަދި މިޝިޕްމަންޓުގައި ހުރި އޯގަނިކް ފާރޓިލައިޒާ ޕެކެޓްތަކުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތި އެންމެ ފުރަތަމަ ޓެސްޓް ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް (ހަޝިޝް އޮއިލް) އަށް ވަނީ ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އިތުރަށް ކަސްޓަމުން ބުނީ މި ތަކެތީގެ ބަރުދަނުގައި 17 ކިލޯ ހުރިއިރު އެތަކެތީގެ މަގުމަތީގެ އަގު 13 މިލިއަން ހަލައްކަ ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މިމައްސަލައިގައި ކަސްޓަމްސްއިން އަތުލައިގެންފައިވާ 17 ކިލޯގެ މަސްތުވާތަކެތި ފުލުހާއި ހަވާލު ކުރުމުން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.