"ޤުރުއާނަކީ ހަށިގަނޑާއި އަދި ފުރާނައިގެ ބަލިތަކަށްވެސް ޝިފާއެކެވެ. އެއީ ދިރިއުޅުމުގެ ބަޔަކަށް ހެދުމުން ދުޅަހެޔޮކަން މަތީގައި ދެމިތިބެވޭނެއެވެ."

***

"ގޯ...ގޯ......އަވަހަށް ގެއަށް ވަދޭ..." އެ ޒުވާނާ ބިރުގެންފައި ހުރި ޚައިރާއަށް އެންގިއެވެ. ޚައިރާ ދެފަޔަށް ބާރުލާފައި ދުއްވައިގަތްގޮތަށް އެތެރެއަށް ވަދެ ދޮރު ލައްޕާލާފައި ބިއްލޫރިގަނޑުން ބޭރަށް ބަލަންފެށިއެވެ.

އެ ޒުވާނާ ޕިޓްބުލް މައިތިރިކުރާނީ ކިހިނެއްހެއްޔެވެ؟ އެސޮރުގެ ޝިކާރަ ފައްސައިލުމުން ވަކިން ރުޅި އަންނާނެ ނޫންހެއްޔެވެ؟ ނަމަވެސް ޝޮކާއި ބިރާއި އެތައް މަސްހުނި ޝުއޫރުތަކެއްގައި ހަފުސްވެ ހުރި ޚައިރާއަށް ފެނުނީ އެ ޒުވާނާ ޕިޓްބުލް ހަމަޔަކަށް އަޅުވާ އޭގެ މައްޗަށް ގަދަވެ ބާރު ފޯރުވިތަނެވެ. އެފަދަ ކޮންމެ ކަމަކަށް އޭނަގެ ނަފުސް ހާނުވާފައި ހުރި މީހެއްފަދައިން ޕިޓްބުލްއާއި ވަކި ދުރުމިނެއް ބަހައްޓާ ގާތަށް އައުމުން އޭގައި ކޮޅުފައިން ޖަހަން އުޅުނުގޮތުން ސިހި އެސޮރު ފަހަތަށް ޖެހި އަނެއްކާ ހަމަލާއަށް އައެވެ. ނަމަވެސް ޒުވާނާ ހުޝިޔާރުކަމާއެކު އޭނަގެ އުކުޅުތައް ބޭނުންކޮށްގެން އެންމެފަހުން އެ ސޮރު ޖެހިލުންވެ ދުރަށް ދުއްވައިގަތްތަން ފެނުނެވެ.

އެހުރިހާ އިރެއްވާންދެން ޚައިރާ ނޭވާ ހިފަހައްޓާލައިގެން ހުރެ ނޭވާ ކޮޅަށް ދިޔުމުން ދޫކޮށްލިއެވެ.

"އަހަރެން މިހިރީ ކާޓޫނެއްހެން މިތަނުގައި ގުޑާނުލައި. އަނގައާއި ލޯ ތަންމިނަށް ހުޅުވައިގެން ޖޯކަރެއްހެން ހުއްޓިފައި މިހުރެވުނީ ސަލާމަތްކޮށްދިން މީހާއަށް އެހީވާން ނޭގިފައި. އޭނަ ކިހާ ރަގަޅު. އެހާ ކުޅަދާނަ ޖެހިލުންކުޑަ މީހެއް. މިފަދަ ޚަބަރުތައް ޑެއިލީމެއިލް ގައި ޖަހަންވީ............"

ޚައިރާއަށް ހިތުގައި އަތް އަޅާ ބާރުކޮށްލެވުނެވެ.

"މިއީ ކާކުތަ؟ އިސްތަށިގަނޑު ދިގުކޮށްލައިގެން ހުޅިއެއް ޖަހާލައިގެން ހުރިއިރުވެސް އެހާ ފިރިހެންވަންތަ......"

އެމީހަކަށްޓަކާ ހިތުގައި ބުނަން ނޭގޭފަދަ ޚާއްސަ ރުހުމަކާއި ގަދަރެއް ދެވުނުތަނާހެން ސިކުންތުކޮޅަކުން އެ އިހުސާސްތައް ބަދަލުކުރުވީ އެ ޒުވާނާގެ އަމަލަކުންނެވެ. ޚައިރާއަށް ފެނުނީ ސްކާފުން މޫނާއެކު ފޮރުވައިލިތަނެވެ. އެއާއެކު ކުރިމަތިން ދެން ސިފަވީ "ފްލާވާލޭންޑް"އިން ފެނުނު މުސްލިމް މީހާގެ ސިފަތަކެވެ. އެއީ ހަމަ އޭނައެވެ. އެދުވަހު މޫނު ފޮރުވައިގެން ހުރުމުން ޚައިރާއަށް އޮޅުނީއެވެ. އެމީހާއަކީ ދެވަނަ މީހެއްނޫނެވެ. ޚައިރާއަށް ބިރުން އަޑެއް ލައްވައިލެވުނެވެ. ޕެނިކް އެޓޭކްގެ އުދަގޫތައް އެންމެ ފުރިހަމަ ބާރުމިނާއެކު އޭނައަށް ޖެހިގަތުމާއެކު އަވަސްވެގަތީ އަސްލަންއަށް ގުޅުމަށެވެ.

"ދޮންބެ. އަވަށްޓެރިއަކަށް ވެގެން މިސިޒް ކެތްރީންގެ ގޭގައި އުޅެނީ އެއްކަލަ ދުވަހު ފްލާވާ ޝޮޕަށް ވަން ނުލަފާ މުސްލިމް ކަލޭގެ.." ޚައިރާ އެ ބޮޑުގޭގެ ހުރިހާ ދޮރަކާއި ކުޑަދޮރަކާއި ދިމާލަށް ދުވަމުން ތަންޑުތައް އަޅުވާފައި ހުރިތޯ ޗެކްކުރަމުން އުޅުނުއިރު ނިތުގައި ދަލުގެ މުތީތަކެވެ. މޭގަނޑު ފަޅާލާފައި ހިތް ފުންމައިލަފާނެހާ ބާރަށް އެހިތް ތެޅެމުން ދިޔައިރު ގޭގެ ހިމޭންކަމުގެ ތެރޭ އެ އަޑު ކަންފަތުގައި ހަރުލައިފިއެވެ.

"ބައްޕަ ބުނުއްވި ކެތްރީން އައުމުގެ ކުރިން އޭނަ ނެރެލާނަމޯ. ޑޯންޓް ވޮރީ. އެއްވެސް ކަމެއް ނުކުރެވޭނެ..."

"ނޫން ހީޒް ޕަވާފުލް. ދެންމެ ޕިޓްބުލްއަކާއި ކުރިމަތިލާ އެވެސް ބަލިކޮށްލައިފި.." ޚައިރާ ކިޔާދިނެވެ.

"ޑޯގްތައް ކޮންޓްރޯލް ކުރުމުގެ ތަޖުރިބާ ހުރުމަކީ އަދި ހުރިހާ ކަމަކަށް މޮޅުވުމެއްނޫން ސިސް...ދޮންބެ އަންނަންދެން ހަމަޖެހިލައިގެން ހުރޭ.. ހުރިހާ ދޮރުތަކެއް ލޮކްކޮށްލާ..މާގިނައިރެއްނުވެ މިއަންނަނީ." އަސްލަން ހަދަންވީގޮތް ކިޔައިދިނެވެ.

ޚައިރާގެ މާޔޫސްކަން އިތުރުވިއެވެ. ސްކޫލްގައި އުޅުނުއިރު އޭނަ ޑޭޓްކުރި ކުދިންނަށްވުރެ އަޅައިގަންނަގޮތެއް ހުރި ހުވަފެނީ ލޯބިވެރިޔާ ފެނި އުއްމީދެއް ލިބުނުތަނާ އެ ހުޅުކޮޅު ނިވިއްޖެއެވެ. އޭނައަށް ކަމުދިޔަ ޒުވާނާއަކީ މުސްލިމެކެވެ. ނިރުބަވެރިއެކެވެ. އޭނައަށް ދުވަހެއްގެ ކޮޅުންވެސް އެފަދަ މީހަކާއި ލޯބި ކީއްކުރަން އެކުވެރިކަން ބޭއްވުމަކީ އެލީސާއަށް ދެވޭ އަނިޔާއެކެވެ. އޭނައަށް ލޯބީގެ އުއްމީދު ލިބި ހިތަށް ލިބުނު އުފާކޮޅު ވަޔަށް ބުރައިގެން ދިޔުމުން ކުރިއަށްވުރެ ހިތާމައާއި އެކަނިވެރިކަން ބޮޑުވިއެވެ. މި ބޮޑު އަރާމު ގެއާއި ފައިސާއިން ހާސިލުވަނީ ކޮންކަމެއް ހެއްޔޭ ހިތާހިތުން ސުވާލުކުރެވުނެވެ. ދިރިއުޅުމުގެ ބޭނުމަކީ ކޮބާހެއްޔޭވެސް އެހުނެވެ. ޔަގީނުންވެސް ހަޔާތުގެ އުދާސްތަކުގެ ތެރެއަށް ބޮޅެއް އިތުރުވެ ހިތް ނުތަނަވަސްކުރުވީ ނޭވާވެސް ނުހިނގާވަރަށެވެ.

***

ފުރާޅުގައި ސްނޯގެ ފަރުދާއެއް ދެމިފައި ވުމާއެކު އެހުދު މާބްލްއިން ހަދާފައިވާ ރީތި މިސްކިތް ސްނޯ ތެރޭ ފެންނަގޮތުން ބަޔާން ނުކުރެވޭހާ ފުރިހަމައެވެ. ދުނިޔެމަތީގެ ސުވަރުގެއޭ ބުނެވޭހާ ރޫހާނީ ފުރިހަމަކަމެއް ލިބިފައިވާ ތަނެކެވެ.

ސިއާރާ ކާރު ޕާކްކޮށްލީ "މަސްޖިދު ބައިތުލް އަހަދު" އާއި ތަންކޮޅެއް ދުރުގައެވެ. ކޯޓުގެ ބޭރުން ކަޅު އަބާޔާ ލުމަށްފަހު މޫނު މައްޗަށް ފޮތިކޮޅު ވައްޓައިލުމާއެކު އެ އަޅި ރީތި ދެލޯ ލޯތަކަށް ފަރުދާވިއެވެ. މިހާރު މީހުންނަށް އޭނައަކީ ސިއާރާކަން އެނގޭނެ އެއްވެސް ގޮތެއްނެތެވެ. ސިއާރާ ނިކަން ހަމަޖެހިލައިގެން ހުރެ ބެކްޕެކް އެޅުވުމަށްފަހު ހިނގައިގަތްއިރު އިނގިލީގައި އަޅުވާފައި އޮތީ ރިހިކުލައިގެ ތަސްބީހައެކެވެ. މިސްކިތުގެ ތެރެއަށް ވަނުމުން ރޫހާނީ ދުނިޔެއަކަށް ވަދެވުނުފަދަ އަރާމު އަމާން އިހުސާސެއް ކުރެވި ސިކުނޑިވެސް ލުއިވެގެން ދިޔައެވެ. އެތެރޭގެ މާބްލް ތަކުގައި ކެލިގްރާފަރުންގެ ކުޅަދާނަ މަސައްކަތްތައް އޭގެ ފާޑުވެރިކަމާއެކު ފެންނަން ހުއްޓެވެ. ﷲގެ އިސްމުފުޅާއި ޤުރުއާންގެ އާޔަތްތައް ފެންނަނީ އާޝޯޚުވާހާ ފުރިހަމައަށް ލިޔެފައިވަނިކޮށެވެ. ބޯ ދޫލަތަކާއި ޚަތިމް ބަހައްޓާފައިވާ ރެކްތަކުން ފެށިގެން މިހުރާބާއި ހަމަޔަށްވެސް އެހާ ނަލައެވެ.ބިތްތަކުގައި ޖަހާފައި ހުރި ތަށިމުށްޓަކީ އަތްތެރި މަސައްކަތުގެ ކުޅަދާނަ މިސާލެކެވެ. ބޮޑެތި ޗާންދަލިޔާގެ ރަން އަލުން ރޭގަނޑު ތަން އުޖާލާކުރުވިޔަސް ދުވާލަށް އެތަނުގެ ފުޅާ ކުޑަދޮރުތަކުން ގުދުރަތީ އަލި ވަންނަގޮތަށް ފަރުމާކުރެވިފައިއެވެ.

މިސްކިތުގެ އިތުރުން ހޯލަކާއި ހަލާލް ކާނާ ލިބޭ ފިހާރަތަކާއި ރެސްޓޯރެންޓެއް އިސްލާމީ އިލްމު އުގަންނާ ދޭ މަރުކަޒަކާއި އޮފީސް އިމާރާތެއްވެސް އެ މިސްކިތުގެ ހަރަމްގެ ތެރޭގައިވިއެވެ.

އެތަނުގެ އެތެރެއަށް ވަނުމާއެކު ސިއާރާގެ ހިތުގައި ހާރިސްއާއި ބައްދަލުވުމުގެ އުއްމީދު އިތުރުވެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. ހާރިސްގެ ދަރުސްތައް އަޑުއެހުމަށްފަހު އެ ޝޭޚުގެ އެންމެ ބޮޑު ފޭންކަމުގައި ވެ އޭނަ ހުރީ ބައްދަލުވާހިތުން ކެތްމަދުވެފައެވެ. އޭނައަށް ހިދާޔަތް ލިބުނު ސަބަބަކީވެސް ހާރިސްއެވެ. ވީމަ ހިތުގައި ވަނީ ލޯތްބާއި ޝުކުރު އަދި ގަދަރެވެ.

"މިއަދު ދަރުސް ކެންސަލްވެއްޖެ..." ސިއާރާގެ އެކުވެރިޔާ ކާއިނާތު ސަލާމް ގޮވައިލުމަށްފަހު ސިއާރާއަށް ދިން ޚަބަރަކުން ހިތް އޮއްސުނެވެ.

"ކިހިނެއްވީތަ؟"

"ހާރިސް ފުލުހުން ގެންދިޔައީ. ﷲ އޭނަ ސަލާމަތްކުރައްވާށި...."

"އާމީން." ސިއާރާ ހިތުގެ އަޑިން ދުޢާކުރިއެވެ.

"މިތާގައި އެމީހުން ދެކެނީ އަހަރެމެންނަކީ ޓެރަރިސްޓުންގެ ގޮތުގައި ދޯ. ހާރިސް ދީން ފަތުރަން މަސައްކަތްކުރާތީ އަދި އޭނަގެ ދަރުސްތަކުން ހިދާޔަތް ލިބޭ ފަރާތްތައް އިތުރުވަމުންދާތީ ސަރުކާރަށްވެސް އެކަން ބަލައި ނުގަނެވުނީކަމަށްވާނީ.އެކަމަކު މާތްﷲ ސާބިތުކަން ދެއްވައިފި މީހަކަށް ކުރިއަށް ދެވޭނެ. ﷲ އެމީހަކާއިއެކު ވޮޑިގެންފިމީހަކު އެހެން ބަޔަކަށް ބަލިކުރުމަކީ ވާނެކަމެއްނޫން. އަހަރެންވެސް މިއައީ ދަރުސް އަހާހިތުން ކެތްމަދުވެފައި ހުރެ. އެއީ ހަމަ އެންމެ ރަގަޅު ޝޭޚު.ގޭގެ ކަންތައް ކިހިނެއް؟ އަދިވެސް މަންމަމެންނަކަށް ނޭގޭތަ؟" ކާއިނާތު ވެސް ހުރީ މޫނުގެ ފޮތިކޮޅު ހިއްލާނުލާ ފޮރުވިގެންނެވެ.

"އިއްޔެ ބުރާސްފަތިވީމަ ރޯދަ ހިފިން. މަންމަ އެކަމާއި ވަރަށް ކަންބޮޑުވެގެން އުޅުނު. އަހަރެން ބުނިން ޑައިޓްވެސް ކުރަންވާނެ ނޫންހެއްޔޭ. މަންމައަށް އަހަރެން އިސްލާމްވިކަން އެނގިއްޖެއްޔާ......" ސިއާރާއާއި ކާއިނާތު މިސްރާބުޖެހީ ހަލާލް ކާއެއްޗެހި ވިއްކަން ހުންނަ ފިހާރައާއި ދިމާލަށެވެ.

"އަހަންނަށް އެންމެ އުދަގޫވަނީ ކައްކާ އެއްޗެއްސަށް މަންމަމެން ރާ އަޅާތީ. އެހެންވެ މަންމަ އަޅާ މީރު ކޭކުތަކަށްދާންދެން ނުކައި ހުންނަން މިޖެހެނީ. ކުންފުނިތަކުން ހަލާލު ކާ އެއްޗެހި ލޭބަލް ކުރާކަންވެސް ނަސީބެއް. އެހެންވެ ބަނޑަށް މަރުނުވެ އެބަހުރެވޭ. ކެއުމާއި ބެހޭގޮތުން ގުރުއާނުގައިވާ ވަހީ ބަސްފުޅާއި އޭގެ ތަފްސީރު އިވުނުފަހުން ހަލާލް އެއްޗެއް ނޫނީ ކާކަށް ހަމަ އެއްގޮތަކަށްވެސް ނުކެރޭ. އަހަރެމެން ހެއްދެވިފަރާތުން އެ އެއްޗެހި ހަރާމް ކުރެއްވުމުގެ ހިކުމަތެއްވާނެ. ބައެއް މުސްލިމުން އެހާވަރުން ޤުރުއާން ފޮލޯކޮށް ހަލާލް އެއްޗެހި ނޫނީ ނުކައި އެހާވަރުން ކޮންމެހެން ނޫޅޭ ދޯ. އަހަރެމެން ރިވާޓުން މާ ބޮޑަށް ދީނާއިހެދި އުޅެވެއޭވެސް ހިތަށް އަރާ....."

"މަ ވެސް ކޮންމެ ފަހަރަކު ގެއިން ނިކުންނަމުން ޖެހެނީ ކަޅުހެދުން ލާ މޫނު ނިވާކުރަން. ގެއަށް ވަންނަ އިރަށް ކުރީގެ ސިއާރާއަށް ބަދަލުވާން ޖެހޭ. ފައްޅިއަށްދާން ޖެހޭ ކޮންމެ ދުވަހަކު ކޮންމެވެސް ބަހަނާއެއް ދައްކާފައި އެކަމުން ރެކިގަންނަން. ކިތައް ދުވަހަށްބާ މަންމައަށް ސިއްރުކޮށްގެން އުޅެވޭނީ. ސުބުހާނަﷲ. އެކަމަކު މުސްލިމަކަށް ވެވުމުން ޑިޕްރެޝަން ފިލާ ހިތަށް ހަމަޖެހުން ގެނުވާދީފި. އަހަރެމެންގެ ފުރާނަތަކަށް ދެވޭ ކާނާއަކީ ޒިކުރުކުރުން ކަމަށް ހާރިސްވެސް ބުނި....."

"ޔަޕް ހާރިސްގެ އަޑުން ޤުރުއާން އިވުމުން އެ އަޑުން އަހަރެން ކާމް ކޮށްދޭ. ގައިގާ ހުންނަ ކޮންމެ ލޯއްޔެއް ކޮޅަށް ޖެހޭ. މާޝާﷲ ދުނިޔޭގެ އެހެން އެއްވެސް ކަމަކުން އަހަންނަށް މިފަދަ ރަގަޅު އިހުސާސެއް ނުކުރެވޭ. މި ދީނުގެ ފުރިހަމަކަން އެނގުމުން އަދި ރަގަޅަށް އަންޑަސްޓޭންޑް ވާ ވަރަކަށް އަޖައިބެއްފަދަ އިހުސާސެއް ދޯ ކުރެވެނީ. ﷲ އަކްބަރު. މޭ ﷲ ކީޕް އަސް އޮން ދަ ސްޓްރެއިޓް ޕާތް......"

ކާއިނާތު ވަށިގަނޑެއް ނަގައިގެން ޗީޒް ހުރި ހަރުގަނޑު ކައިރިއަށް ދިޔައެވެ.

ކާއިނާތުގެ ހިތުގައި ހާރިސްއަށްޓަކާވަނީ ކޮންފަދަ ލޯތްބެއްހެއްޔޭ އަހަން އުޅެފައިވެސް ސިއާރާ ހިމޭންވިއެވެ.

ސިއާރާއާއި ކާއިނާތުއާއި ދެ އަންހެންކުދިންނަކީވެސް އަލަށް އިސްލާމް ދީނުގެ ހިދާޔަތް ލިބުނު ދެކުދިންކަމުގައި ވިޔަސް ހާރިސްގެ ދަރުސްތަކުން ރަގަޅު އަސަރުތައް ކޮށް ދީނަށް އުޅެން މަސައްކަތްކުރާ އަޅުވެރި ދެކުދިންނެވެ. ނަމަވެސް އީސާއީދީނުގެ އަހުލުވެރިންނާއެކު ދިރިއުޅެންޖެހުމުން ދެކުދިންނަށްވެސް ކުރިމަތިވަމުންދާ ދަތިތަކާއި އުދަގުލާއެކުވެސް މާތްﷲ އެކުދިންނަށް މަގުދައްކަވާ ދީނުގައި އުޅުމުގެ ސާބިތުކަން ދެއްވައިފިއެވެ.

***

"މިސްޓަރ ކްރޯފޯޑްގެ ފެމިލީއިން އިންތިޒާރުކުރާނެ. ދަރިފުޅު އަވަސްކުރޭ....." ކެތްރީން ގޮވައިލިއެވެ.

ސިއާރާ މުސައްލަ ފަށްޖަހާފައި އަލަމާރިއަށް ލުމަށްފަހު ތަޅުލިއެވެ.

"މާތްﷲ އާއި ވަކީލް."ސިއާރާ ދޮރު ހުޅުވައިލުމާއެކު ނޭފަތުގައި ޖެހުނީ މަންމަ ބޭނުންކޮށްފައި ހުރި ސެންޓުގެ ވަހެވެ. ލުއި މޭކަޕަކާއެކު ފިޔާތޮށިކުލައިގެ ހެދުމެއްގައި މަންމަ ފެންނަނީ ޒުވާން ފުރައިގެ އަންހެންކުއްޖެއްހެންނެވެ.

"ތިހެދުމުގައި ދަނީ؟ ދަރިފުޅާ...އެކަމަކު މިދަނީ ޑިނަރއަކަށޭ. އޯވަރސައިޒް ޓީޝާޓަކާއި ހަރުވާޅެއްގައި ދިޔުމުން އެމީހުން ހީކުރާނީ ކީކޭ؟" ކެތްރީން ގެ ނިތަށް ރޫގިނަވިއެވެ."ކިތަންމެ ފަގީރުވިޔަސް މަންމަމެންގެ އިއްޒަތެއް އަބުރެއް އޮންނާނެ. އެއްޗެއް ނެތަސް މީހުންގެ ކުރިމަތީގައި އެކަން ދައްކައިގެންނުވާނެ. އެހެންނޫނަސް މަންމަ ދަރިފުޅަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމަކޮށްދީފަ މިހުންނަނީ. ހެދުން ބަދަލުކޮށް ތައްޔާރުވޭ. ކުޑަކޮށް މޭކަޕްވެސް ކޮށްލަންވާނެ އިނގޭ..."

***

"ކޭޓް. ފުލުހުންނަށް އޭނަގެ ކުށުގެ ރިކޯޑެއް ނުފެނުމުން ދޫކޮށްލައިފި. ކިހިނެއް ހަދަންވީ؟" މާކް ސުވާލުކުރިއެވެ.

"މަތީބައިގާ އޭނަ އުޅެނީ ދޯ؟ ކުއްޔަށް އޭނަ ހުރީމަ ފަހަރެއްގައި އަޅުގަނޑަށް ފައިދާ ވާނީ. އޭނަގެ ނަމަކީ ހާރިސް ؟" ކެތްރީން ފޯނު ކަންފަތުގައި ޖަހައިގެން ހުރިއިރު ތުންފަތްމަތީގައި ނުފިލާ ހިނިތުންވުމެކެވެ.

ނުނިމޭ