25 Mar 2022, 13:08
"އެންމެ އަގުހުރި އެކައްޗަކީ ވަގުތެވެ. ކުރު އުމުރުގައިވެސް ބަރަކާތް ލައްވައިފިނަމަ ވަގުތު ބޭކާރުނުކޮށް ދިގު އުމުރެއް ލިބުނު މީހެއްފަދައިން ހެޔޮކަން ކުރެވޭނެއެވެ. ވަގުތުގައި ބަރަކާތް ލައްވާފަދައިން ތިމާގެ އަމަލުތައް ބަހައްޓަވާށެވެ."
***
މަގުގެ ދެފަރާތާއި އެކި ދިމާލުން ކޮންމެވެސް ވަރަކަށް ވިރަމުން ދިޔަ ސްނޯ ފެންނައިރު ފަޒާގެ ފިނިކަން ކުރީ ދުވަހަށްވުރެ މާ ގަދައެވެ. އިރުގެ އަލި ސްނޯއަށް އެޅުމުން ހުދު ޖަވާހިރެއް ދަޅަ އަޅާފަދައެވެ. އެކަމަކު ފިނިގަދަކަމުން ދުރުދުރަށްދާންދެން ދުންފިނީގެ ތެރެއަށް މަންޒަރުތައް ގެއްލިފައެވެ. ސިއާރާ ކާރު ދުއްވަމުން ދިޔައިރު އޭނަ މޫނު އަޅައިގެން ހުރި ފޮތިކޮޅު ނަގާ ކަޅު އަބާޔާވެސް ގަޔާއި ވަކިކޮށްލިއެވެ. އިސްތަށިގަނޑުގައި ތޮތްޕެއް އަޅައިލުމަށްފަހު ބޭރުން ކްރީމް ކުލައިގެ ކޯޓެއްލައިގެން ކުޑަކޮށް މޭކަޕްކޮށްލައިފިއެވެ. އަދި ސީޓުމަތީގައި ހުރި ހެދުންތައް ބެކްޕެކަށްލުމުން އެއްކޮށް އޭނަގެ ތަސައްވަރު ބަދަލުވިއެވެ.
ކާރު ޕާކްކޮށްލާފައި ސިއާރާ ކާރުން ފައިބަމުން ބެކްޕެކް ބުރަކަށީގައި އަޅުވައިލިއެވެ. އޭރުވެސް އޭނަ ކަންފަތުގައި ހެޑްސެޓް އަޅައިގެން ހުރެ ކޮންމެވެސް އެއްޗެއް އަހަމުން ދިޔަ އެވެ. އެ އަޑު އަހަމުންދަނީ އޭނަ ގަޔާވާ އެއްޗެެއްކަން އެނގެނީ ހީލިގޮތަކުންނެވެ.
އޭނައަށް ހާރިސް ވަރުގެ ފުރިހަމަ ޝޭޚެއް އަދި ފެނިފައެއްނުވެއެވެ. ހާރިސް ގެ އަޑު އިވުނު ފުރަތަމަ ދުވަހު އެބުނި ޖުމްލައާއިމެދު އޭނަ ދުވާލު ހަތަރުދަމު ވިސްނިގޮތަށް އެރޭ ނިދުމުގެ ފޮނި އަރާމުން މަހުރޫމްކުރުވިއެވެ. ހާރިސް ޗެނެލްއަށް ވަނުމަށްފަހު އެ ދަރުސްތައް އަޑުއަހަން ފެށުމުން ބުނަން ނޭގޭފަދަ ލޯތްބެއް ހިތުގައި އުފެދިގަތެވެ. އަބަދުވެސް ބޭނުންވަނީ އެ ހިތަށް ފިނިކަން ގެނެސްދޭފަދަ އަޑުއަހަން ހުރުމަށެވެ. އެއިން ކޮންމެ ޖުމްލައެއް ސިއާރާގެ ސިކުނޑީގައި ލިޔެވެންފެށިއެވެ. ނޯޓްސް ނަގަން ފެށުނެވެ. މަންމަ ގާތުގައި އޭނަ އިސްލާމްދީންގެ ވާހަކަ ދެއްކުމުން މޫނުމަތިން ފެނުނު ނުރުހުމާއެކު ހިތްހަމަނުޖެހޭކަން އެނގުމުން ސިއާރާ ދީން އުނގެނެން ފެށީ ނިކަން ސިއްރުންނެވެ. އޭނަ ޝަހާދަތްކިޔުމަށްފަހު އެކަންވެސް މަންމައާއި އާއިލާއަށް ސިއްރުކުރިއެވެ.
ގެއަށް ވަނުމުން އަރާމު ހޫނުކަމެއް ވަށައިލިއެވެ.
"ދަރިފުޅު ހާދަ ލަހުން ގެއަށް ތިއައީ؟"
"ކޮލެޖް ނިމިގެން އެކުވެރިންނާއެކު ޕްރޮޖެކްޓެއް ނިންމަން އުޅުނީ......"
"ކޮންމެ ދުވަހަކު އެކަން ފާހަގަ އެބަކުރެވޭ، މަންމައަށް ދަރިފުޅު ކަމެއް ސިއްރުކުރަނީތަ؟" ކެތްރީން ސިއާރާގެ މޫނަށް ބަލައިލީ ފުން ނަޒަރަކުންނެވެ.
"ނޫނޭ. ކޮންކަހަލަ ކަމެއް ސިއްރުކުރާން އޮންނާނީ؟" ސިއާރާ ހިނި އައެވެ.
"ޚާއްސަކުއްޖަކާއެކު ޑޭޓަކަށް ދަނީކަމުގައި މަންމަ ހީކުރީ؟ އެފަދަ ދުވަހެއް ނުފެންނާނެތަ؟" ކެތްރީން ގެ ސުވާލުން ސިއާރާ ކަންބޮޑުވިއެވެ.
"މަންމާ. އަދި އެކަހަލަ ކަމަކާއި ވިސްނާނީ ކިޔަވާ ނިމިގެން. ބިޒީކަމުންގޮސް ދިރިއުޅުމާއިމެދު ސީރިޔަސްކޮށް ވިސްނަން ވަގުތެއްނުވޭ. މަންމަ އަބަދުވެސް ބުނަމެއްނު ރަގަޅު ދިރިއުޅުމެއްގެ ބިންގާއަކީ ތައުލީމުކަމަށް. އަމިއްލަ ފައިމައްޗަށް ތެދުވާށޭ. އަދި އަމިއްލަ ބޮސްއަކަށް ވާށޭ. އެހެން މީހުންގެ ދަށުން މަސައްކަތްކުރުމަށްވުރެ ވެރިއެއްގެ ގޮތުގައި ހުރުމުން ލިބޭނެ ސްޓްރެސްކުޑަވާނެއޭ. އެހެންވެ ބޮސްއަކަށްވާން މި ޓްރައިކުރަނީ. ޑޯންޓް ވޮރީ މަމް. އެފަދަ ޚާއްސަ ކުއްޖަކު ފެންނައިރަށް ގެނެސް މަންމައާއި މީޓްކުރުވާނަން............................"
ސިއާރާ ކޯޓު ގޮނޑިމަތީގައި ފަތުރާލުމަށްފަހު މަންމައާއެކު އެތެރެއަށް ހިނގައިގަތެވެ. ގޭތެރޭގައި ދުވަނީ އާފަލު ޕައި ފިހެވޭ މީރުވަހެވެ. ކުޅުދިޔާވާފަދައެވެ. އިރުގަނޑެއްނުވަނީސް ދެމައިންނާއި ކެތްރީންގެ މަންމައާއި ބައްޕަ ހޫނު ލާޓޭއާއެކު އާފަލު ޕައިކާން މޭޒުދޮށުގައި އިށީދެލައިގެން ތިބިއިރު ދެކެވެމުން ދިޔައީ ކްރިސްމަސް ފާހަގަކުރުމުގެ ވާހަކައެވެ. ތަންކޮޅެއް ކުރިން ސިއާރާއަށް އެއީ އުފާވެރި އެދުވަކަށް އިންތިޒާރުކުރެވޭ ދުވަހަކަށްވިޔަސް މިހާރު އެއްވެސް ޝައުގެއްނެތެވެ. ވަނީ ފާޑެއްގެ ފޫއްސެކެވެ. މަންމަމެންނަށް ހިދާޔަތް ދެއްވުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ.
***
ސިއާރާ ވުޟޫކުރަން މޫނު ދޮވެލައިގެން ނުކުމެ މުސައްލަ ފަތުރައިލިތަނާ މަންމަ ދޮރުގައި ޓަކިދިނެވެ. އަވަހަށް އޭނަ މުސައްލަ އެއްޗެހި ފޮރުވައިލިގޮތަށް ދޮރު ހުޅުވައިލިއިރު ނޭވާ ތަންކޮޅެއް އަވަސްވެފައެވެ.
"މިއޮތް ފިނީގައި މާ ވަރަކަށް ފެންވަރަނީތަ؟" ކެތްރީން އެތެރެއަށް ވަނެވެ.
"ރެސްޓްކޮށްލަން ކަމަށް އުޅުނީ.....ފިނީގައި ފެންވަރާލީމަ ތާޒާވާނެއްނު މަންމާ.."
"މަންމަ މިއުޅެނީ މަންމަގެ މައިފުނަ ގެއަށް ބަދަލުވާން. ކުރިން އެގެ ވިއްކާލާފައި މަންމަ ހުރީ ފަގީރުކަމުގެ ސަބަބުން އެހެން ގޮތެއް ނެތިގެން އެކަމަކު މިހާރު މަންމަގެ އެކުވެރިއަކު ފަހުން ފައިސާދޭގޮތަށް އެ ގެ އަނބުރާ މަންމައަށް ގަނެދީފި...."
"އަލް............" ސިއާރާއަށް އަލްހަމްދުލިﷲ ނުބުނެވުނީ ހަމަ ކިރިޔާއެވެ.
"ވާއު.....ހަމަ ގްރޭޓް ނިއުސް މަންމާ.." ސިއާރާ ކުޑަކޮށް ކެއްސާލާފައި މަންމަގެ ކަނދުރާގައި އަތްއަޅުވައިލިއެވެ. އޭރު އޭނަގެ ހިތުގެ ތެޅުން އަވަސްވެ ކަރުތެރެވެސް ހިކިއްޖެއެވެ. އޭނަ މުސްލިމަކަށް ވިކަން އެނގިއްޖެއްޔާ މަންމަ އަށް ވާނެގޮތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. މަންމަ މުސްލިމުންދެކެ އެހާ ރުޅި އަންނަ ސަބަބެއް އޮޅުން ނުފިލިޔަސް މުސްލިމުންނާއިމެދު މަންމަގެ ހިތުގައި ނުރުހުމާއި ފޫހިކަން އޮންނަކަން ސިއާރާ ދަނެއެވެ.
"އަދި އެއް ވާހަކަ. އެބައޮތް ޕްރޮޕޯސަލް އެއް..."
"އޯ..މަންމަ އެމީހެއްގެ ގާތު ބުނިނަމަ އަދި އަޅުގަނޑު މީހަކާއި އިންނަން ޚިޔާލެއްވެސް ނުކުރަމޭ........." ސިއާރާ ލޯބޮޑުކޮށްލުމާއެކު މަންމަ ގާތުގައި އިށީދެ އަތުގައި ހިފަހައްޓައިލިއެވެ.
"އެއީ ހުރިހާގޮތަކުން ދަރިފުޅާއި އެންމެ އެކަށީގެންވާ ބައިވެރިޔާ. މަންމަ އެ ކުއްޖާގެ ބައްޕަ ގާތުގައި ވެފައި އޮތް ވައުދެއް ކޮންމެހެންވެސް ފުރިހަމަކޮށްދޭން އެބަޖެހޭ. އެހެންނޫނަސް ދަރިފުޅު އޭނައާއި ބައްދަލުކޮށް ޑޭޓްކޮށް ދެކުދިން އެކަކު އަނެކަކަށް ދަސްކޮށް ކަމުދަންޏާ މަންމަމެން މިކަން ކައިވެންޏާއި ހަމަޔަށް ގެންދާނީ." ކެތްރީންގެ ވިސްނުން ހުރީ އެންމެ "ހުޅަގު" ގޮތަށެވެ. ސިއާރާގެ ގަބޫލުކުރުންތަކާއި ދިމާ އިދިކޮޅަށެވެ.
އޭނަގެ ހަގީގަތް އަދި މަންމަ ގާތު ބުނެވޭކަށް ނެތެވެ. މަންމަ އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް ހޮވަން ޚިޔާރުކުރި ބައިވެރިޔާ މުސްލިކަމަކަށް ވުމަކީ ނާދިރު ކަމެކެވެ. އޭނަ ބޭނުމީ ހަލާލުގޮތުގައި ލޯބީގެ ގުޅުން ބޭއްވުމަށެވެ. އޭނަގެ މާޒީގައިވެސް ކަޅު ސަފުހާތަކެއްވެއެވެ. އެފަދަ ނަހަލާލު ގުޅުމެއްގައި ބަދެވި ނުބައި ރާސްތާއަކާއި ދިމާލަށްގޮސް ޖެހުނު ލައްގަނޑުގެ މަތިން ހަނދާން ނައްތައިލެވުނުކަމަކަށް އަދިވެސް ނުވެއެވެ. ފުރަތަމަ ލޯބިކަމުގައި ހީކުރެވުނު ޒުވާނާގެ ފަރާތުން ހިތް ހަލާކުވުން ފިޔަވާ އެހެން ކަމެއް ނުލިބުނެވެ. ނަހަލާލު ގުޅުމުގައި ބަރަކާތެއް ނުވެއެވެ. މިފަހަރު މިއޮތީ އަނެއް އިމްތިހާނާއި ކުރިމަތިވެފައެވެ.
***
ސިއާރާގެ އަތުގައި އޮތް ޚަތިމަށް ގެއްލިފައި އިނދެފައި ކުޑަދޮރުގެ ފޮތިގަނޑު ކަހައިލުމާއެކު ސްނޯ ވެހެމުންދާކަން އެނގުނެވެ. މަންމަގެ ވާހަކައިން ހިތަށް ލިބުނު ބިރުވެރިކަމާއި މޮޅިވެރިކަމާއެކު ޤުރުއާން ހުޅުވައިލުމާއެކު ސީދާ ހެއްދެވި ފަރާތާއި ވާހަކަދެއްކުނު ފަދަ އިހުސާސެއް ކުރެވުނެވެ. އެފަރާތުން އަންގަވަނީ ހިތާމަ ނުކުރުމަށެވެ. ކެތްކުރުމަށެވެ. އޭނަ ހަދަންވީގޮތަކާއިމެދު ވިސްނާ ކުރި ހިތާމައަށް އެ އާޔަތުން ހައްލު ހޯދަދީފިއެވެ. ހިތާމަތަކުން އަރައިގަންނަވީ ގޮތް އޮޅުން ފިލައިފިއެވެ. ވެހެމުން ދިޔަ ސްނޯއިން ދުނިޔެ ފިނިކުރަމުން ދިޔަގޮތަށް އެ އާޔަތުން އޭނަގެ ހިތަށް ފިނިކަން ގެނެސް ބުނަން ނޭގޭފަދަ އުފާވެރިކަމެއްގެ ތެރެއަށް ނަފުސް ގެނބުނެވެ.
ބަގަރާ ސޫރަތުގެ ސާޅީސްފަސްވަނަ އާޔަތުގައި ﷲ ސުބުހާނަހޫ ވަތައާލާ ވަހީކުރައްވާފައިވަނީ
"وَاسۡتَعِيۡنُوۡا بِالصَّبۡرِ وَالصَّلٰوةِ އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި ހޯދާށެވެ."
ޤުރުއާން މޭގައި ޖައްސާ ބާރުކޮށްލެވުނުއިރު ކަރުނަތިއްކެއް އެ ދޮން ކޯތާފަތުން ތިރިއަށް ފައިބައިގެން ހިގައްޖެއެވެ.
***
ޚައިރާ އޭނަގެ އަރާމު ކޮޓަރީގެ ކުޑަދޮރުގެ ދާލަމަތީގައި ކުޝަންތަކުގެ ތެރެއަށް ގެނބިގެން އިނެވެ. އަގުބޮޑު ފަރުނީޗަރުތަކާއި އަންހެންކުއްޖަކު ހިތްއެދޭނެފަދަ ހުވަފެނީ ކޮޓަރިއެއްގައި އުޅުނަސް އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ފައިސާއިން އުފާވެރިކަން ގަނެނުލެވެއޭ އެބުނަނީ ތެދެއް ނޫންހެއްޔެވެ؟ ކުއްލިއަކަށް ޚައިރާއަށް ސިހުމެއް ލިބުނީ ޖެހިގެން ހުރި މިިސިޒް ކެތްރީންގެގޭގެ މަތީބައިގެ ކުޑަދޮރު ހުޅުވައިލުމާއެކު ފެނުނު ރީތި ސޫރައަކުންނެވެ. ޔަގީނުންވެސް ހަމައެކަނި ހަރުވާޅެއްގައި ހުރިއިރު ފެނުނު ކަސްރަތީ ހަށިގަނޑާއި ހާވާލާފައިވާ ދިގު އިސްތަށިގަނޑުން އޭނަ ގެ ހިތް އަވަސްކުރުވިއެވެ. ވެހެމުންދާ ސްނޯގެ ތެރެއިން އެފެނުނު މަންޒަރު ފޯނަށް ނެގުނުތަނާހެން އެ ޒުވާނާ ދޮރު ލައްޕާލައިފިއެވެ.
"އެއީ ބައްޕަ އެބުނާ ޓެރަރިސްޓް؟ އެކަމަކު ހާދަ ހެންސަމްއޭ. މުސްލިމުން އެހާ ރީތިތަ؟ބިއާޑް ހުއްޓަސް ބައެއް މީހުން ހަމަ ރީއްޗޭ. މައި ފްރެންޑްސް. އެމީހުން ގަބޫލެއްވެސް ނުކުރާނެ. އެކަމަކު މިއޮތީ ހެކި. އެމީހުންނަށް މި ފޮޓޯ ދެއްކީމަ މޮޔަވާނެ........." ޚައިރާ އޭނަގެ ފޯނަށް ބަލަން އިނީ ކުޑަކޮށް އަނގަ ހުޅުވިފައެވެ.
ގަޑިއެއްހާއިރުވަންދެން ޚައިރާ އެތަނުން ގުޑާނުލާ އިނީ އަލުން އެ ދޮރު ހުޅުވާލަފާނެކަމާއެކު ބޭގަރާރު ހިތަކާއެކުގައެވެ. ޚާދިމާއަކު ކާން އަންނަން ގޮވުމުން ހިތާއި ދެކޮޅަށް ބޭރަށް ނުކުތެވެ. އޭނަގެ އިންތިޒާރުގައި މަންމައާއި ބައްޕަ އަދި އަސްލަން ކާން ނުފަށާ ތިއްބެވެ. އެންމެނަށް ސަލާމް ގޮވާލުމަށްފަހު ޚައިރާ އަމިއްލައަށް ކޮފީ ހަދައިގެން އައިސް އިށީނެވެ. އޭނަ ޚާދިމާއަށް އަންގާފައިވަނީ އޭނަގެ ކާ އެއްޗެހި ތައްޔާރުނުކުރުމަށެވެ. އޭނަ އަމިއްލަ އަތުން ތައްޔާރުކޮށްގެން ނޫނީ ކާން ބޭނުން ނުވަނީއެވެ.
"ޚައި. މިއަދު ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓެއް އެބައޮތް..." އަސްލަން ބުނެލިއެވެ.
"ކޮން ޑޮކްޓަރަކަށް. އައިމް ފައިން." ޚައިރާ ބުމަ ކައިރިކޮށްލިއެވެ.
"ޗެކްއަޕަކަށް....." ބައްޕަވެސް އަވަހަށް ބުނެލިއެވެ.
"މިއަދު ބައިވަރު ޕްލޭންސް އެބަހުރި.އައިމް ފައިން. އަޅުގަނޑު ޑޮކްޓަރަކަށް ދައްކާކަށް ބައްޔެއް ހުރީއެއްނޫން....." ޚައިރާ މޭޒުގެ އެންމެ ކޮޅުގައި ހުރި ގޮނޑީގައި އިށީނެވެ." ބައްޕަ ބުނުއްވީމެއްނު ޖެހިގެން ހުރި ގޭގައި ޓެރަރިސްޓެއް ހުންނަ ވާހަކަ. އެ މީހާ......................................."
"ކަންބޮޑުނުވޭ ދަރިފުޅު. މިސިޒް ކެތްރީން އެގެ ގަނެފި..."
"އޯ....." އެ ޚަބަރުން ޚައިރާގެ ހިތަށް އުދަގޫވިއެވެ.
"ކެތްރީން އައުމުން ރަގަޅު އަވަށްޓެރިއަކު ލިބިދާނެ. އަސްލަން ސިއާރާ މަތިން ހަނދާން ހުންނާނެ.." އެޚަބަރު އިވުމާއެކު އަސްލަންގެ މޫނުމައްޗަށް ވެރިވި ޝުއޫރުތައް އޭނަ ނިކަން އަވަހަށް ފޮރުވައިފިއެވެ.
***
ހިމޭންކަން ވެރިވެފައިވާ ގޭތެރެއިން އެއްވެސް މީހެއްގެ ޚަބަރެއްނުވުމުން ޚައިރާ މަގަށް ނުކުތެވެ. މިގަޑީގައި އެންމެން ފައްޅިއަށް ދިޔައީ އާދީއްތަ ދުވަހުގެ އަޅުކަމަށެވެ. ޚައިރާ ބޮލުގައި ރިއްސާކަމުގެ ބަހަނާ ދައްކާފައި ކަންނެތްވެގެން ނުތެދުވެ އޮތީއެވެ. ރޭ ސްނޯ ވެހުމުގެ ސަބަބުން މަގުގެ ދެފަރާތުގައި ސްނޯގެ ފުނިވަރުތަކެވެ. ކުއްލިއަކަށް އޭނަގެ ކުރިމައްޗަށް ނުކުތް ޕިޓްބުލް އޭނައާއި ދިމާލަށް އަންނަން ފެށުމުން ދުއްވައިގަންނަންވެސް އެހީއަކަށް އެދި ހަޅޭއްލަވައިގަންނަވަންވެސް އޭނަގެ ގުނަވަނެއް ހަރަކާތެއް ނުކުރިއެވެ. ޕިޓްބުލް އޭނައާއި ދިމާލަށް ފުންމައިގަންނަން އުޅެނިކޮށް އެދޭތެރެއަށް ވަނީ އެހެން ދިޔަ ޒުވާނެކެވެ.
"ގޯ...ގޯ......އަވަހަށް ގެއަށް ވަދޭ..." އެ ޒުވާނާ ބިރުގެންފައި ހުރި ޚައިރާއަށް އެންގިއެވެ. ޚައިރާ ދެފަޔަށް ބާރުލާފައި ދުއްވައިގަތްގޮތަށް އެތެރެއަށް ވަދެ ދޮރު ލައްޕާލާފައި ބިއްލޫރިގަނޑުން ބޭރަށް ބަލަންފެށިއެވެ.
އެ ޒުވާނާ ޕިޓްބުލް މައިތިރިކުރާނީ ކިހިނެއްހެއްޔެވެ؟ އެސޮރުގެ ޝިކާރަ ފައްސައިލުމުން ވަކިން ރުޅި އަންނާނެ ނޫންހެއްޔެވެ؟
ނުނިމޭ