"ރަމަޟާން މަހަށްޓަކައި މިހާރުއްސުރެ ތައްޔާރުވާށެވެ. މިއީ ތިމާގެ ނަފުސް ސަލާމަތްކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ."

***

"ތި އަވިއައިނު. ތީ ތިކުއްޖާގެ އެއްޗެއް ނޫނެއްނު؟" ނަވޫދަށް އެ ސުވާލުކުރެވުނުއިރު ލައިލްވެސް އެހިސާބާއި އަރާ ހަމަވީއެވެ.

"އޭ...." ލައިލްވެސް ތުހުމަތުގެ އިނގިލި ދިއްކޮށްލަމުން ހަޅޭއްލަވައިގަތެވެ."ތިއީ މަގޭ އެއްޗެއް. މަގުމަތީ އުޅޭ ފޭރޭމީހުންނަށްވުރެ މިކުދިން ނުބައި......"

އަލްވާގެ އަނގަ ހުޅުވުނީ ލިބުނު ޝޮކާއި ފޫހިވީވަރުންނެވެ.އެއްވެސް ތާކުން ތާކުނުޖެހޭ ތުހުމަތެއް ކުރެވުނީއެވެ. މެހެކް ނުހިފެހެއްޓިނަމަ އެ ޒުވާނުންނާއި ވަރުގަދަ ކުރިމަތިލުމަކަށް އޭނަ ދިޔައީހެވެ.

"އަހަރެން ވަގަށް ނެގި އެއްޗެއް ނޫން.."އަލްވާ ހަރު އަޑުން ކިޔައިލިއެވެ.

"އާނ ނެގި..." އެހާ ފައުޅުކަން ބޮޑުގޮތަކަށް ދޮގުހެދުމުން ލައިލް އަވަހަށް އެސްފިޔަ ޖަހައިލިއެވެ. އެއީ އޭނަގެ އައިނުކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ.

"ބޮޑު މާސިންގާ ފިރިހެނުން ސްކޫލްކުދިންތަކާއި މައްލަވަކޮށްގެން ތިއުޅެނީ. ލަދެއްވެސް ނެތް ބަޔަކީތަ؟" މެހެކް އޭނައާއި ގާތަށް އަލްވާ ދަމައިގަތެވެ. އެ އަޑު އިވި އެހެން އަންހެންކުދިންވެސް ފާޑުކިޔާފަދަ ނަޒަރަކުން އެ ފިރިހެނުންނަށް ބަލަންފެށިއެވެ.

ނަވޫދްވެސް ގަބޫލުކުރުން ދަތިގޮތަކަށް އަނގަޔަށް ހަދައިލިއެވެ.

"ބަލައިލަބަލަ..." ލައިލް އަލްވާ އަޅައިގެން ހުރި އައިނުގެ ލެންސްގައި އިނގިލި ޖައްސައި ކޮށްޕާލުމާއެކު ލެންސް ވެއްޓުނެވެ. އަލްވާގެ މޫނު ރަތްވިއެވެ. އޭނަ ހަގީގަތުގައިވެސް ވައްކަމެއް ނުކުރެއެވެ. އައިނު އޮތީ ބިންމަތީގައެވެ. އޭގެ ވެރިޔާ މިގޮތަށް އޭނަ ލަދުގަންނަވަނީ ކީއްވެހެއްޔެވެ؟

"އޭނަ އެކުއްޖާގެ މޫނުމަތީ ޖަހައިފި..."

"އާން އަހަރެންވެސް ދެކުނިން.." އަންހެންކުދިންގެ އަޑުހަރުކަމުން އެދެމީހުންނަށް ރީތިކޮށް ކިޔާ އެއްޗެހި އޮލުންފިލިއެވެ. އެވަގުތަކީ ސުފިޔާންވެސް އޭނަގެ އެހީތެރިޔާއާއެކު ނިކުތް ދަނޑިވަޅެވެ. އެމީހުންގެ މިސްރާބު ހުރީ ކާރާއި ދިމާލަށެވެ. އޭނަގެ ފޮތް ފިހާރަކައިރިއަށް އެއްވެ ތިބި މީހުންތައް ފެނި އޭނަގެ ފިޔަވަޅުތައް ހުއްޓުނެވެ. ސްކޫލް ޔުނިފޯމްގައި ތިބި ދެ އަންހެންކުދިން ފިރިހެނުންނާއި ކުރިމަތިލަނީއެވެ. އޭނަގެ ފިހާރަ ކައިރީ ހައިޖާނު ހިންގަނީއެވެ.

"މި ކުދިންނަށް ވެގެން މިއުޅެނީ ކިހިނެއް؟" މަންޒަރު ބަލަން ހުރެފައި ސުފިޔާން ސުވާލުކުރިއެވެ. އެންމެ ބޮޑަށް އޭނަގެ ސަމާލުކަން ދަމައިގަތީ އެމީހުންގެ ހުރި އަބުއިކަމެވެ. ދެ ޒުވާނުން ތިބީ ބާ ހެދުންތަކުގައެވެ. ކަޅުކުލައިގެ އިސްތަށިގަނޑުގެ ވެރިޔާ ޒައިތޫނި ފެހިކުލައިގެ ގަމީހެއްގައި ދަވާދު ބުރާފައިވާ ޖިންސެއްގައި އެއްލާލާވަރުގެ ބޫޓެއްގައެވެ. ސުފިޔާންގެ ނަޒަރު ދެން ހުރި ޒުވާނާއަށްވެސް ދަތުރުކުރިއެވެ. "ބަޒްހެއަރ ކަޓް" އަކާއި ތޮރުފާފައިވާ ބޮޅެއްލައްވާފައިވާ ހުރުމުން ކޮންމެ ހެދުމެއްގައި ހުއްޓަސް ކުށްވެރިއެއްގެ ސިފަގަނޑު ޖަހައެވެ. އެމީހުން ސްކޫލްކުދިންތަކާއި އަރައިރުމެއްގައި ތިބިކަމަށް ފެނުނެވެ. އެންމެ ލެންސެއްލައްވާފައި ހުރި އައިނެއް އަޅައިގެން ހުރި އަންހެންކުއްޖަކުވެސް އޭނައަށް ފެނުނެވެ. އޭރު އެތަނުގައި ތިބި އަންހެންކުދިން ގާތުން މައުލޫމާތު ހޯދައިގެން ކިނާން އެނބުރި އައެވެ.

"އެތަނުން އެކަކު ސްކޫލް ކުއްޖެއްގެ ގައިގާ ޖަހާފައި އައިނު ހަލާކުކޮށްލީ. އަޅުގަނޑު އެމީހުން ފުލުހުންނަށް ރިޕޯޓްކުރަންވީތޯ؟"

"އާނ. އަހަރެމެންގެ ފޮތް ފިހާރައިގެ ކުރިމައްޗަށް މިވަގުތު ފުލުހުން ދެކެން ކިހާ ބޭނުންވާނެ ކިނާން. އަދި މިހުރިހާ ރިޕޯޓަރުންނާއެކު..ވަރަށް ބަރާބަރު..." ސުފިޔާން ގެ އަޑުގައި ހުރީ ޖެއްސުމެވެ.

"އެކްސްކިއުޒް މީ ކިޑްސް.." ސުފިޔާން ފެނުމުން އެންމެން އޭނައަށް ތަންދިނީ ހުރި ހައިބަތުގެ ބޮޑުކަމުންނެވެ. އޭނަ ކުރިއަށްގޮސް އެކުދިންނާއި އަރާ ހަމަކުރިއެވެ." އެންމެން މާ ކަންބޮޑުވެފައި ތިބިީ ކޮންކަމަކާތަ؟"މެހެކްއަށް އޭނަގެ ކަކުލުހުޅުން ވާގިދިޔަކަމުގެ އިހުސާސްވެ އަލްވާގެ އަތުގައި އެލިގަނެވުނީ ހަށިގަނޑު ސަމާލުކުރުމަށެވެ. މިއީ ހަމަ ހުވަފެނެއްހެއްޔެވެ؟ ކުރިމަތީގައި މިހިރީ މެހެކްގެ ހުވަފެނުގެ ރަސްގެފާނެވެ. އެންމެ ފުރިހަމައަށް ފަހާފައިވާ އާ ބޭންކު ނޫޓެއްފަދަ ރިހިކުލައިގެ ސޫޓެއްގައެވެ. ހަމަ ސީދާ އެ ޒުވާނާގެ ލޮލުގައި ހުރި ރީތިކުލައެވެ. ރީތިނޫން އެންމެ ސިފައެއްވެސް ނެތެވެ. ރީތިކޮށް ފުނާ އަޅާފައިވާ ކެރެމެލް ޗޮކްލެޓްކުލައިގެ ކުރު އިސްތަށިގަނޑާއި އަޑުގައިވި އޯގާތެރިކަންވެސް މެއެވެ. ހެދުން އަޅާފައިވާލެއް ރީތިކަމުން ސީދާ ޕެރިސް މިލާން ނޫނީ އެފަދަ ފެޝަން ރަންވޭއަކުން ޕެރެޝޫޓްވެގެން އައި ތަރިއެއްފަދައެވެ. އެއީ މެހެކްއަށް ދެވޭނެކަމަށް އުއްމީދުކުރި ހިސާބެއްވެސް ނޫނެވެ.

"މިއީ ކާކުތަ؟" ލައިލް ސުވާލުކުރިއެވެ.

"މި މީހުން ޖެހިތަ؟" ސުފިޔާންގެ ނަޒަރު ސީދާވީ އަލްވާގެ މޫނަށެވެ.

"ނޫން. ވީގޮތަކީ އެއީއެއްނޫން.." އަލްވާ ބޯ ހޫރައިގަތެވެ.

"ރަގަޅު. އެހެންވީމަ މިތާ މައްސަލައެއް އޮތް ހެނެއް ހިޔެއްނުވޭ.." އޭނަ ހީލިއެވެ. އަދި އޭނަގެ ޖީބުން ނެގި ކުޑަ ފޮތެއްގައި އެއްޗެއް ލިޔުމަށްފަހު އަލްވާއަށް ދިއްކޮށްލިއެވެ." އާ އައިނެއް ގަނެލާ..."

މެހެކް ދޫކޮށްލި ނޭވާގެ އަޑު އަލްވާއަށް އިވުނެވެ. ލައިލް އެކަމާއި ދެކޮޅަށް އެއްޗެއް ބުނަން އުޅެފައިވެސް ކިނާން އޭނަގެ ކަންފަތަށް އިވޭހާ މަޑުން ބުނެލި އެއްޗަކުން ލޯ ބޮޑުކޮށްލުމާއެކު ހަތިޔާރު ބެހެއްޓިއެވެ.

"ހެެލޯ ސަރ. މި ރީތި ހެދުނު މަނިކުފާނުގެ ހާލުކޮޅު ކިހިނެއްތޯ؟" ލައިލް ގުދުވެލިއެވެ.

"އިރުއޮއްސެން އުޅެނީ." ތިމަންނަ ލަދުނުގަންނަވާށޭ ބުނާފަދަ ނަޒަރަކުން ލައިލްގެ މޫނަށް ނަވޫދު ބަލައިލިއެވެ. ސުފިޔާން ލައިލްގެ ކޮނޑުމަތީގައި ފިރުމާލިއެވެ.

"ވީއިރު މިތާ މައްސަލައެއް ނެތް ދޯ. ތިއައީ ސްޓެޗޫ މަސައްކަތުގައި ދޯ.." ވަޑާން މަސައްކަތުގައި ގެންގުޅޭ ފޮށި ފެނުމާއެކު ސުފިޔާންއަށް މިއީ ކޮންބަޔެއްކަން ޔަގީންވިއެވެ." އަދި ބައްދަލުކޮށްލަން ބޭނުން އެކަމަކު މިއަށްވުރެ ރަގަޅު މާހައުލެއްގައި. މިހާރު ދާންވެއްޖެ.." ލައިލްއާއި ނަވޫދުއަށް ކުރެވުނުކަމަކީ އޭނަގެ ވާހަކަތަކަށް ބޯ ޖަހައިލުމެވެ. އެގޮތަށް ސުފިޔާން އެ މައްސަލަ ހައްލުކޮށް ނިންމައިލީ އޭނައާއި އޭނަގެ ފޮތް ފިހާރައާއި ދެކޮޅަށް ދައްކާނެ ވާހަކައަކަށް ނޫސްވެރިންނަށް ޖާގައެއް ނުދީއެވެ. އޭނަ އެތަން ދޫކޮށް ދިޔައީ މެހެކްއާއި އެހެން އަންހެންކުދިންގެ ހިތްތައް ހިފައިގެންނެވެ. އަދި އޭނަ ޖަހައިގެން ހުރި ސެންޓްގެ ވަސް މާހައުލަށް ދޫކޮށްލުމުން އެހިސާބުގެ ވައިގާ އެ މީރުވަސް އެތައް އިރެއްވާންދެން ހަރުލައްވާފައެވެ. ވެނީލާ އަދި ފޮނިތޮށީގެ އަސަރެއްވެސް އޭގައި އެކުލެވުނެވެ. ލައިލްއަށް ކެތްނުކުރެވިގެން ގުދުވެލާފައި އަލްވާގެ އަތުގައި އޮތް ޗެކަށް ބަލައިލެވުނެވެ.


"ފައްސަތޭކަ ޑޮލަރު؟" ލައިލްއަށް އަޑެއް ލައްވައިލެވުނެވެ." ގަބޫލެއްވެސް ނުކުރެވޭ. ތިމާގެ މިލްކަކަށްނުވާ އައިނަކަށް ފައިސާ ލިބުމުން ކީކޭ ހިތަށް އަރަނީ؟"

އަލްވާ ގުދުވެ ބިންމަތީގައި އޮތް ލެންސްނެގިއެވެ. އަދި އައިނާއެކު ލައިލްގެ އަތުތެރެއަށް ގަޅުވާލައިފިއެވެ. އެމޫނުގައިވި ހުރިހާ ނުރުހުމެއް ފިލާ އުޖާލާވެ ލޯވެސް ދިއްލިފައިވި ސަބަބަކީ އެ ޗެކެވެ. އޭނަ އެ ޗެކް ނަވޫދުއާއި ލައިލްގެ މޫނުމަތީގައި ހޫރުވައިލިއެވެ." ތެންކިއު ކައިންޑް ބްރަދަަރސް.."

ފައިސާގެ ބާރުގަދަކަމުން ކޮންމެ ހާލަތެއްވެސް ބަދަލުކޮށްފާނެއެވެ. އަލްވާ ވަގުތުން މެހެކްއާއި އަތް ގުޅުވާލައިގެން އިސް އުފުލާލައިގެން ހުރެ ދާން ހިނގައިގަތެވެ.

"އެއީ ކުޑަކުދިންނަށް ނުވިނަމަ........" ލައިލް އަތް މުށްކަވައިލަމުން ދަތްކުނޑިވިކައިގަތެވެ.

***

"މެހެކް... މި ފައިސާ ބަހައިލާނީ ދެމީހުންނަށް.." އަލްވާ ފޯރިއާއެކު ބުނެލުމުން މެހެކް ވަގުތުން ދެކޮޅުހެދިއެވެ.

"ކޮންމެ ހަފްތާއެއްގައި ބައްޕަ ޕޮކެޓްމަނީ ދޭކަން އެނގެއެއްނު. އެހެންވީމަ އަހަރެން ފައިސާ ބޭނުމެއްނޫން. އެކަމަކު.....އެ މީހާ ރީއްޗެއް ނޫންތަ؟"

"އަހަރެންގެ ބައްޕަމެން މަށާއިމެދު ފަޚުރުވެރިއެއް ނުވާނެތަ؟ ހޮޓަލަށް އެއާކޮންޑިޝަނާއެއް ގަނެލާ ފާރުތައް ޕެއިންޓްކޮށްލެވޭނެ. ހަލާކުވެފައިވާ ބޮކިތައް އާކޮށް ހުރިހާ ޚަރަދެއްކޮށްލުމަށްފަހުވެސް ސްޓީވެން ކިންގްގެ ވާހަކައެއް ގަނެލެވިދާނެ. ގޯޝް.އައި ކާންޓް ވެއިޓް.. މިއީ މަގޭ ލަކީ ޑޭ........"

"އަހަރެން މި ކިޔާ އެއްޗެއް ނީވޭތަ އަލްވާ؟" މެހެކް އަލްވާގެ ކޯތާފަތުގައި ވިކައިގަތެވެ."އެއީ ދަންނަ މީހެއްތަ؟ ދުވަހަކު ނުދެކޭ މޫނެއް. ހުރިހާ ރީތި މޫނުތައް އެމްސްޓެޑަމްގައި އުޅެނީކަމަށްވާނީ. އަހަރެމެން މިއުޅެނީ ނުބައި ތަނެއްގައި."

"ދުނިޔެ ފުރިފައިވަނީ ރަގަޅު މާތް އިންސާނުންތަކުން ކަމަށް ގަބޫލުކުރެވޭ. އެކަން މެހެކް ނުދަންނަތަ؟" މެހެކްފަދައިން އަލްވާގެ މޫނުންވެސް ފެނުނީ ހުވަފެނީ ގޮތެކެވެ. އެކަމަކު ދެހިތުގައި އުފެދިފައިވަނީ މުޅިން ތަފާތު ޝައުގެވެ.

އޮއްސެމުން ދިޔަ އިރު މުޅި އުދަރެސް ހުޅުދާން ކޮށްލިގޮތުން އާޝޯޚު ކުރުވާހާ ފުރިހަމައެވެ. އޮރެންޖާއި ރަން އަދި ފިނިފެންމަލުގެ އެކި ކުލަތަކުން އުޑުމަތި ޒީނަތްތެރިކުރަމުން ދިޔައިރު އަލްވާވެސް ބަހުގެ ކުޑަދޮރުކައިރީގައި ބޭރަށް ބަލަން އިނީ ދަތްދޮޅީގައި އަތް ވިއްދާލައިގެންނެވެ. ކަނޑުގެ ޚާއްސަ ވަހާއި ރާޅުތަކުގެ ރާގުން ހަމަޖެހުން ލިބިގަންނަމުން މާކެންއަށް ދަތުރުކުރަމުން ދިޔައެވެ. ޚާއްސަ ދުވަހެއްގެ ރީތި ނިމުމެކެވެ.

***

ހަގީގަތާއިމެދު ވިސްނައިލަން އަލްވާއަށް މަޖުބޫރުވީ ގޭގެ ކުރިމަތީގައި މަޑުކޮށްލައިގެން ހުރެއެވެ. އޭނަގެ މައިންބަފައިންނަށް އޭނަ ވަޒީފާއެއް އަދާކުރާވަރަށް ބޮޑުވެއްޖެކަން ބުނެދޭނީ ކިހިނެއްހެއްޔެވެ؟ ދިގުނޭވާއަކަށްފަހު ހަމަޔަކަށް އަޅުވާލުމަށްފަހު އޭނަ ދޮރުގެ ރަޅު އަނބުރާލަން އުޅުމުގެ ކުރިން ދޮރު ހުޅުވނެވެ. ކުރިމަތީގައި ހުރީ މަންމައެވެ. ލޯ ރަތްވެ ދުޅަވެފައެވެ. ބޭރަށްދާން އަޅާ ހެދުމުގައެވެ. އެކަމަކު ބޮލުގައި އޮތް ސްކާފް ލައިގެން ހުރި ހެދުމަކާއި ނުގުޅެއެވެ.

"މަންމާ..." އަލްވާ ނުތަނަވަސްވިއެވެ. އޭނަގެ މޫނަށް އެރި އެތިފަހަރު އައީ ހަމަ ކުއްލިއަކަށެވެ. ހީވެސް ނުކުރާފަދަގޮތަކަށެވެ. ތަދަށްވުރެވެސް ލިބުނު ޝޮކްގެ ސަބަބުން އަލްވާގެ މުޅި ހަށިގަނޑުވެސް ގަނޑުވިއެވެ. ހޫނު ކަރުނަތަކުން ލޮލުން ދިލަ ނެގިއެވެ. މުޅި އުމުރުގައި މަންމަގެ އަތް އޭނައަށް ހިއްލައިލިި ފުރަތަމަ ފަހަރެވެ. މަންމަ ވިދުވަރެއްހެން އެތަނުން ނުކުމެގެން ދިޔުމުން ބޭއިޚުތިޔާރުގައި މޫނުގައި ފިރުމަން ހުރެވުނެވެ. ބޮޑުކޮޓަރީގެ ކައުޗްގައި އިށީދެލައިގެން އިން ހާމިދުއަށް އޭނަގެ ނަޒަރު ދަތުރުކުރިއެވެ. ހާމިދު އަޑުނީވޭވަރަށް އެއްޗެކޭ ބުނެލަމުން އަތުތެރޭގައި މޫނު ފޮރުވިއެވެ. އަދި ހިތްހަމަޖެހުނު ފަދަ ގޮތަކަށް ކޮނޑު އުފުލުނެވެ.

"އަލްވާ ކޮންތަނަކުން ތިއައީ؟" ހާމިދުގެ އަޑުގައި މަޑުމައިތިރިކަމެއްވިއެވެ. އަލްވާ ގާތަށް އައުމުން ބައްޕަގެ ރަތްވެފައިވާ ދެލޯވެސް ފެނުނެވެ. އޭނަ ހަމަރަގަޅަށްވެސް އޭނަގެ މައިންބަފައިންގެ ހިތުގައި ޖައްސާ ރޮއްވާލީހެއްޔެވެ؟ އޭނަގެ ހިތް ގެނބޭގޮތްވިއެވެ. ބައްޕަގެ ގާތުގައި އިށީންނަން ދިޔައިރު އެލީސާ ތަޅުންމަތީގައި އިށީދެ އިންތަންވެސް ފެނުނެވެ. އޭނަގެ ވަށައިގެން ކަރުދާސްތަކާއި ކުލަ ފަންސުރުތައް އުކާލެވިފައެވެ. އަލްވާއާއި ދިމާލަށް މޫނު ހަދާލާފައި އޭނަ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. އެލީސާ އިނީ "މިސިން" ޕޯސްޓަރެއް ހަދާށެވެ. އެ ކަރުދާހުގައި އަލްވާގެ ނިކަން ހުތުރު ތަސްވީރެއް ކުރަހާފައެވެ. އެކަމަކު އެކުއްޖާގެ އުފެއްދުންތެރިކަމަށް އޭނަ އޭ ސްޓާރއެއް ދޭނެއެވެ. އެކުރި މަސައްކަތާއި ހުނަރަށް އެވަރު ހައްގެވެ. އަލްވާ ބައްޕަގެ ގާތުގައި އިށީންއިރު ކުށްވެރި އަދި ލަދުވެތިކަމުގެ އިހުސާސުން ހިތް ފުރިއްޖެއެވެ. އޭނަ ގެއްލުމުން އާއިލާ ކަންބޮޑުވާނެވަރު އޭނައަށް ނުވިސްނުނީ ކީއްވެހެއްޔެވެ؟

"ބައްޕާ. އަޅުގަނޑު ދިޔައީ އެމްސްޓެޑަމްއަށް.."

ހާމިދު ލައިލައި ހުރި ނޭވާވެސް ހުއްޓުނުހެން އަލްވާއަށް ހީވިއެވެ.

"ކާކާއި އެކީގައި؟" ހާމިދު މަސައްކަތްކުރީ ހިމޭންކަމާއި އެކު ނަފުސް މަސަލަސް ކުރުމަށެވެ.

"މެހެކްއާއެކު ދިޔައީ. އެއްވެސް ނުބައިކަމެއް ކުރިމަތިނވެ ސަލާމަތުން އާދެވިއްޖެ. ބައްޕާ. މިހާރު އަޅުގަނޑަކީ ކުޑަކުއްޖެއްނޫން. އަށާރަ އަހަރު ފުރެނީ. ބޭރުގައި އުޅުނަސް އަމިއްލަ ނަފުސް ރައްކާތެރިކުރެވޭނެ...." އަލްވާ ބޮޑުމީހެއްފަދައިން ވާހަކަދައްކަން މަސައްކަތްކުރިއެވެ.

"އެއީއެއްނޫން މައްސަލައަކީ އަލްވާ. ސްކޫލަށް ދިޔައީ. މެންދުރަށް ސްކޫލް ނިމޭނެ. ދެން މިހާރު ގެއަށް ތިއައީ އޮއްސުނު އިރާއެކީ. ރޭގަނޑު ވެފައި ގާތްގަނޑަކަށް އެހެރީ." ހާމިދު އަލްވާއަށް ދިން ނަޒަރަކުން ކަންބޮޑުވުމާއެކު ކައުޗް ތެރެއަށް އަލްވާ ކުޑަވެގަތެވެ."އަލްވާގެ އާއިލާއެއް އެބަވޭ. ބައްޕަމެން މިތިބީ. އެގޮތަށް ގެއްލުނީމަ އަހަރެމެން ކަންބޮޑުނުވާނެކަމުގައި އަލްވާ ދެކުނީތަ؟ އަހަރެމެންނަކީ އަލްވާގެ ޕޭރެންޓުން. ދަރިއަކު ގެއަށް ނައުމުން ހުރިހާ ތަނެއް ހޯދާނެ ދޯ. މަންމައާއި ބައްޕަ މިޓައުންގައި ނުފޮރުޅާ އެންމެ ގާކޮޅެއްވެސް ނެތް. އެތައް ގަޑިއެއްވާންދެން ބަދަރުމަތީގައި ތިބިން."

އެކަންތަކާއިމެދު ނުވިސްނުނީތީ އަލްވާ ހިތާމަކުރިއެވެ. އޭނައަށްޓަކާ އެމްސްޓަޑަމްއަށް ގޮސްފައި އެނބުރިއައުމަކީ ކުރު ދަތުރެކެވެ. އެތައް ބަޔަކު އެގޮތަށް ދަތުރުފަތުރުކޮށް އުޅެއެވެ. އެމްސްޓަޑަމް ސްކޫލަށް ދަރިވަރުން ގޮސް އައިސް ވެއެވެ. އެއީ އޭނައަށްޓަކާ އެހާ ބޮޑު ކަންތައްގަނޑެއް ނޫނެވެ. އޭނަ ހަގީގަތުގައި އޭނަގެ މައިންބަފައިންގެ ނަޒަރުން ނުވިސްނުނީއެވެ.

"ބައްޕާ. އަޅުގަނޑު ބުނެދީފާނަން. އަޅުގަނޑު ދިޔައީ ވަޒީފާއެއް ހޯދަން. ޕާޓްޓައިމް ވަޒީފާއަކަށް ދާހާ ބޮޑުވެއްޖެ. އަޅުގަނޑުގެ ގްރޭޑްގެ ހުރިހާ ކުދިންހެން ދޭ....."

"ވަޒީފާ؟ ކީއްވެ؟" ހާމިދު ބުމަ އަރުވައިލިއެވެ.

"އަޅުގަނޑު އެހާވަރަށް ބޮޑުވެއްޖެ. ގޭ ކަންތައްތަކުގައި އެހީތެރިވާން އަޅުގަނޑު ބޭނުން...." އަލްވާގެ ޖަވާބުން ހާމިދު ފުން ނޭވާއެއްލިއެވެ." އަޅުގަނޑު ވަޒީފާއެއް ހޯދަން މާކެން ބަލައިލިއިރު މިތަނުގައި އެހާ ރަގަޅުތަނެއް ނެތް. އެކަމަކު އެމްސްޓަޑަމްއިން ވަރަށް ރަގަޅު ތަނެއް ފެނިއްޖެ..." އަލްވާ ބުރަކަށީގައި އަޅުވާ ދަބަހުން ނޫހެއް ނަގާފައި އޭނަގެ ބައްޕައަށް ބަލައިލީ އުއްމީދުން ފުރިގެންވި ނަޒަރަކުންނެވެ. ހާމިދުވެސް އެ ނޫސް ކީއިރު ލައިބްރަރިއަންގެ އެހީތެރިއަކަށް އޮތް މުސާރަ ފުދޭވަރެއްގެ ބޮޑު އެއްޗެއް ކަމުގައި ގަބޫލުކުރަން ޖެހުނެވެ. ނަމަވެސް އެ ވަޒީފާ އަލްވާއަށް ލިބުމުގެ ފުރުސަތަކީ ހަމަ ސުމެކެވެ. އެތައް ބަޔަކު އެފަދަ ފުރުސަތަކަށް ބަލަބަލާ ތިބޭނެއެވެ. އަދި ތައުލީމީގޮތުން މާ ކުރީގައި އުޅޭ މީހުންނާއި އެހެން ގޮތްގޮތުން އެކަމަށް ލާއިގުމީހުންވެސް އުޅޭނެއެވެ. ސަތާރަ އަހަރުގެ ކުއްޖަކަށްވުރެ އެހެން މީހުންނަށް އެ ފުރުސަތު ބޮޑުވާނެކަން ޔަގީނެވެ. ނަމަވެސް އެހެން ބުނެގެން އަލްވާގެ އުއްމީދުތައް މުގުރާލާކަށް ހާމިދުއަކަށް ނުކެރުނެވެ.

"އަޅުގަނޑަށް ވަޒީފާ ލިބިއްޖެއްޔާ ބައްޕަ ފޮނުވާނަން ނޫންތަ؟ ދުވަހަކުވެސް ކުރިން ކަމަކަށް ނޭދެން. މިއީ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ވިޝް."އަލްވާ އާދޭހުގެ ރާގެއްގައި ބުނަމުން ދިޔައެވެ.

"ކުރިން ބައްޕަ ކައިރިން ދުވަހަކުވެސް ކަމަކަށް ނޭދޭކަން ޔަގީންތަ؟" އެތައް ފަހަރެއްގެ މަތިން ފިހާރައަށް ދާއިރު މެޓާއާއި އެހެން އެއްޗެއްސަށް އެދޭކަން ޔަގީނުންވެސް އަލްވާ ހަނދާން ނައްތާނުލާނެކަން ހާމިދުއަށް އެނގޭތީ ހިނިއައެވެ.

"މެހެކްވެސް އަޅުގަނޑާއި އެކު ދާނެ. އަޅުގަނޑު އެމްސްޓެޑަމްއަށް ދާ ކޮންމެ ފަހަރަކު ދާނަމޭ މެހެކް ބުނި. ސަމަރ ބްރޭކް ނިމެންދެން ދާނީ. ސަމަރ ބްރޭކް ނިމުނީމަ ބޭކަރީގައި މަސައްކަތްކުރާ ލޭޑީގެ ދަރިފުޅު ކައިވެންޏަށްފަހު މި ޝަހަރު ދޫކޮށް ދާނެ އެހެންވެ އިތުރު އެހީއަށް ބޭނުންވާކަމަށް އޭނަ ބުނެފައިއޮތީ. އަދި އަޅުގަނޑަށް އެތަނުން މަސައްކަތް ލިބޭނެ. ހުރިހާ ކަމެއް ރާވާފައި މިއޮތީ. އެހެންވީމަ އަޅުގަނޑަށް އިތުބާރު ކުރައްވާ..."

"އެންމެ ރަގަޅު. ތި ވަޒީފާ ލިބިއްޖެއްޔާ ދެވޭނެ. އެކަމަކު ނުލިބިއްުޖެއްޔާ ދެން އިތުރު ވަޒީފާއެއް ހޯދަން އުޅެގެންވެސް ނުވާނެ. އަޑުއިވިއްޖެތަ؟" ހާމިދުގެ ޖަވާބުން ލިބުނު ހިތްހަމަޖެހުމާއެކު ބައްޕަގެ ގައިގާ ބައްދައިލެވުނެވެ. ބައްޕައަށް ވިސްނޭނެކަން ކުރިންވެސް އަލްވާއަށް އެނގުނެވެ." އެކަމަކު މަންމަވެސް އެއްބަސްވާން ވާނެ ދޯ. މަންމައާއި ވާހަކަދައްކަބަލަ...ދަރިފުޅަށް ކަމެއްވެދާނެތީ މަންމަ ހާދަ ކަންބޮޑުވިއޭ. ހާދަ ދެރަވެގެން އުޅުނޭ. ޕޮލިސްސްޓޭޝަނަށް ދާން އުޅެނިކޮށް ދަރިފުޅު ތި އައީ.."

އަލްވާ އޭނަގެ ބައްޕަމެންގެ ކޮޓަރީގެ ދޮރު ހުޅުވާލިއިރު މަންމަ އެނދުގައި އޮތީ ބިއްދޮށަށް އެނބުރިގެންނެވެ. އަލްވާ މަޑުމަޑުންގޮސް މަންމަގެ ގާތުގައި އޮށޯވެ މަންމަގެ ގައިގާ އަތް ވަށައިލިއެވެ. އަމީރާ އަނގައިން ނުބުނެ އޮތީއެވެ.

"މަންމާ. އަޅުގަނޑަށް މާފުކުރައްވާ. މަންމަ ގާތު ނުބުނެ ދެން އެއްވެސް ތަނަކަށް ނުދާނަން."

އިރުގަނޑެއްފަހުން އަމީރާ ތެދުވެ އިށީނެވެ.

"މަންމާ. އައިމް ރިއަލީ ސޮރީ...."އަލްވާވެސް ތެދުވުނެވެ. އަމީރާ އިރުކޮޅެއްވާންދެން އަލްވާގެ މޫނަށް ބަލަން އިނުމަށްފަހު ދަރިފުޅު ގެނެސް މޭގައި ޖައްސައިލުމަށްފަހު ބާރަކަށް ބައްދައިލިއެވެ. އަމީރާ ހަމަޔަކަށް އެޅުމުން އަލްވާ އެމްސްޓްޑަމް ދަތުރުގެ ޚަބަރު މަންމައަށް ކިޔައިދިނެވެ. އަލްވާ އެއްވެސް ތަނަކަށް ވަޒީފާއަށް ދާން އަމީރާ ވަގުތުން އިންކާރުކުރިއެވެ. އެކަމަކު ހާމިދުއާއި ދެމީހުން އެކަމާއި ދިގު ބަހުސެއް ކުރުމަށްފަހު އެ ބުނާ ވަޒީފާ ލިބިއްޖެއްޔާ ފޮނުވަން ނިންމިއެވެ.

ދުވަސްގަނޑެއްފަހުން އަލްވާމެންގެ ގޭގެ ފޯނު ރިންގުވިއެވެ. އެއީ ހާމިދުއާއި އަމީރާއަށް އައި އިންޒާރުގެ ކޯލެކެވެ. އެކަމަކު އެ ކޯލުގެ ސަބަބުން އަލްވާއަށް ވިލާތަކުގެ ތެރޭ އުދުހެވޭހެން ހީވިއެވެ. އެ ވަޒީފާއަށް ކުރިމަތިލި ސަތޭކަ ފަންސާސް ކުދިންގެ ތެރެއިން ރޯޒްކްލިފް ބުކްސްޓޯރގެ ވަޒީފާއަށް ހޮވުނީ އަލްވާއެވެ.

ނުނިމޭ