16 Mar 2012, 17:47
ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެއްސީ)ގެ ރައީސް އާދަމް މުހަންމަދުގެ ކާރަށް ބަޔަކުޔު ހަމަލާ ދީ އެކާރުގެ ބިއްލޫރިގަނޑު މިއަދު ތަޅާލައިފި އެވެ.
ފުލުހުން ބުނީ ޖޭއެސްސީގެ ރައީސް އާދަމް މުހަންމަދުގެ ކާރުގެ ބިއްލޫރިގަނޑު ތަޅާލީ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުން ނުކުމެވަޑައިގެން ކާރުގައި ގެއަށް ވަޑައިގަންނަވަނިކޮށް ޗާންދަނީމަގާ ޖުމްހޫރީ މައިދާން ގުޅުނު ކަންމަތިން ކަމަށެވެ. ކާރުގެ ކުރިމަތީ ބިއްލޫރިގަނޑު ތަޅާލީ ގަލެއް އެއްލައިގެން ކަމައްވެސް ފުލުހުން ބުންޏެވެ.
މަންޒަރު ދުށް މީހުން ބުނީ އެ ވަގުތު ކާރުގައި އާދަމް މުހަންމަދުގެ އިތުރުން ކުޑަކުއްޖަކު ވެސް އިން ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއްނުކުރެ އެވެ.
މިއަދުގެ ހުކުރު ނަމާދަށްފަހު އެމްޑީޕީއަށް ތާއީދު ކުރާ ބަޔަކު ވަނީ ޖުމްހޫރީ މައިދާނަށް އެއްވާން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުންނާއި ސިފައިން ނުކުމެ ވަނީ އެ ސަރަހައްދަން އެއްވާން މަސައްކަތް ކުރި މީހުން ފޮނުވާލާފަ އެވެ.