21 Mar 2022, 19:09
ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ސެންތިއާގޯ ބާނެބާއޯގައި ކުޅުނު މެޗުން މޮޅުވެ ދިނީ އެނބުރި އަންނާނެކަމުގެ މެސެޖެއްކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.
ރެއާލާ ދެކޮޅަށް ރޭ ކުޅުނު މެޗު ބާސާއިން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ބޮޑު ނަތީޖާއަކުންނެވެ.
ރޭގެ މެޗަށް ރެއާލުން ނިކުތީ ބާސެލޯނާގެ މައްޗަށް ޖެހިޖެހިގެން ހަ ވަނަ މޮޅު ހޯދުމަށެވެ. ރޭގެ މެޗުގެ ކުރިން ބާސާއާ ރެއާލުން ވަނީ މި ސީޒަނުގައި ދެ މެޗެއް ކުޅެފައެވެ. އެ ދެ މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ރެއާލުންނެވެ.
ރޭގެ މެޗުން މޮޅުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޒަވީ ބުނީ ބާސާއިން މިދިނީ އެނބުރި އަންނާނެކަމުގެ މެސެޖެއް ކަމަށެވެ.
"ހަތަރެއް ސުމަކުން ބާނެބާއޯގައި މޮޅުވުމަކީ އުނދަގޫ ކަމެއް. ކުޅުންތެރިންގެ ކުޅުމާމެދު އަހަރެން މި ހުރީ ވަރަށް ހިތްހަމަ ޖެހިފައި. އަހަރުމެން މި ދިނީ އެނބުރި އަންނާނެ ކަމުގެ މެސެޖެއް،" ބާސެލޯނާގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ޒަވީ ބުންޏެެވެ.
މީގެ އިތުރުން ޒަވީ ބުނެފައިވަނީ ރޭ ބާސާއިން ހޯދި މޮޅަކީ އެމީހުން ފާހަގަ ކުރާނެ މޮޅެއް ކަމަށެވެ.
"އަހަރުމެން މިކަން ފާހަގަކުރާނަން. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. އެކަން ފާހަގަކުރުމާއި، ރެސްޓު ކުރުމަށް ކުރިއަށް އޮތީ ބްރޭކެއް،" ޒަވީ ބުންޏެވެ.
ޒަވީ ބާސެލޯނާއާ ހަވާލުވިފަހުން އެޓީމުން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ އެ ޓީމާ ހަވާލުވިފަހުން ކުޅުނު ފުރަތަމަ އެލްކްލެސިކޯގައި ވަނީ މޮޅުވެފައެވެ.