ކިޔޭވް (21 މާޗް 2022): ރަޝިއާ ސިފައިން ކުރުމުއްދަތެއްގެ ތެރޭގައި ޔުކްރޭންގެ ބޮޑެތި ސިޓީތައް އަތްދަށުލުމަށް ގެންގުޅުނު ސްޓްރެޓެޖީ ނާކާމިޔާބުވުމުން ރަޝިއާއިން މިހާރު ގެންގުޅެނީ ބިރުވެރި ސްޓްރެޓެޖީ ކަމަށް ޔުކްރޭނުން ބުނެފިއެވެ.

ޔުކްރޭންގެ ވައިގެ ސިފައިންގެ ތަރުޖަމާނު ޔޫރީ އިގްނާތު ވިދާޅުވިގޮތުގައި ރަޝިއާގެ ސްޓްރެޓެޖީ މިހާރު ވަނީ ބަދަލުކޮށްފައެވެ. ރަޝިއާގެ އައު ސްޓްރެޓެޖީ ބިނާކޮށްފައިވަނީ ބާރުގަދަ ވައިގެ ހަމަލާތަކެއްދީގެން ޔުކްރޭންގެ ސިޓީތައް ބިމާހަމަކުރުމުގެ މައްޗަށްކަމަށް އޭނާ ވިދާޅުވިއެވެ.

އިގްނާތު ވިދާޅުވީ އެއްގަމުމަގުން ހަނގުރާމަކޮށްގެން ޔުކްރޭންގެ ބޮޑެތި ސިޓީތައް ކޮންޓްރޯލް ނުކުރެވޭނެކަން ރަޝިއާއަށް ޔަގީންވުމުން އޭގެބަދަލުގައި ރަޝިއާ މިހާރުގެންދަނީ ބާރުގަދަ މިސައިލްތަކާއި ފައިޓާޖެޓްތަކުން ޔުކްރޭންގެ ބޮޑެތި ސިޓީތަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތައްދީ އެތަންތަން ފުނޑުފުނޑު ކުރަމުންނެވެ.

ރަޝިއާގެ ހަމަލާތަކުގައި އެންމެ ބޮޑަށް ހަލާކުވެފައިވާ ޔުކްރޭންގެ މަރިއަޕޯލް ސިޓީ

ރަޝިޔާއިން ހޮނިހިރު ދުވަހުވަނީ އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ ކިންޒަލް މިސައިލެއް ބޭނުންކޮށްގެން ޔުކްރޭންގެ ހަތިޔާރު ގުދަންތަކުގެ ތެރެއިން ބިޔަ ގުދަނެއް ފުނޑުފުނޑު ކޮށްލާފައެވެ. އެގުދަނަކީ ބިމުގެ އަޑީގައި ހުރި ގުދަނެއްކަމަށްވެއެވެ. އެއަށްފަހު އިއްޔެވެސްވަނީ ހައިޕާ ސޮނިކްގެ ކިންޒަލް މަރުކާގެ މިސައިލެއް ބޭނުންކޮށްގެން ޔޫކްރޭންގެ ދެކުނުގައިވާ ތެލުގެ މަރުކަޒަކަށް ހަމަލާދީ އެތަން ބިމާހަމަކޮށްލާފައެވެ.

ތެލުގެ މަރުކަޒަށް ހަމަލާދިނީ ރަޝިއާގައި އުފައްދާފައިވާ މިގް އެކާވިސް މަރުކާގެ އަޑަށްވުރެ ބާރަށް ދަތުކުރާ ފައިޓަރ ޖެޓަކުންނެވެ. ކިންޒަލް މިސައިލްއަކީ އެމެރިކާގައިވެސް ނެތްބާވަތުގެ ބާރުގަދަ މިސައިލެކެވެ. ހައިޕާ ސޮނިކް މިސއިލް ޓެކްނޮލޮޖީ އެމެރިކާގައިވެސް ނެތްއިރު އެއީ ރާޑަރުތަކަށްވެސް އަރާ އެއްޗެއް ނޫނެވެ.

ރަޝިއާގެ އައު ސްޓްރެޓެޖީ ބިނާކޮށްފައިވަނީ ޔުކްރޭންގެ އަސްކަރީ އަދި މަދަނީ އިންފްރާސްޓްރަކްޗަރ މުޅިން ހަލާކުކޮށްލުމުގެ މައްޗަށް ކަމަށާ އެއީ ހަނގުރާމައިގެ ޖަރީމާކަމަށް ޔުކްރޭންގެ ވައިގެ ސިފައިންގެ ތަރުޖަމާނު ވިދާޅުވިއެވެ. ރަޝިއާގެ އަމާޒުތަކުގެ ތެރޭގައި އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުން ޔުކްރޭންގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ފޮނުވާ ހަތިޔާރުގެ ޝިޕްމަންޓްތައް ހުއްޓުވުން ހިމެނޭކަމަށާ ނަމަވެސް ރަޝިއާއަށް އަދިވެސް އެކަން ނުކުރެވޭކަމަށް ޔުކްރޭންގެ އަސްކަރީ ތަރުޖަމާން ވިދާޅުވިއެވެ.

ރަޝިއާއިން އިއްޔެވަނީ ޔުކްރޭންގެ އިރުދެކުނުގެ އައްސޭރި ފަށުގެ ސިޓީއެއްކަމަށްވާ މެރިއަޕޯލް އިން ޔުކްރޭން ސިފައިންނާއި އާންމުން ނުކުތުމަށް އަންގާފައެވެ. މިއަދުގެ މެންދުރުފަހުން އެސިޓީއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށް ރަޝިއާގެ ދިފާއީ ވުޒާރާއިންވަނީ ބުނެފައެވެ.

ރަޝިއާގެ ހަަމަލަތަކުގައި ޔުކްރޭންގެ އިމާރާތްތައް ފުނޑުފުނޑުވެފައި

ރަޝިއާގެ ދިފާއީ ވުޒާރާ ބުނާގޮތުން އެގައުމުގެ ކަނޑުގެ ބާރުތަކުން އިއްޔެވަނީ ޔުކްރޭން އާ އެތަށް ސަތޭކަ މޭލެއްގެ ދުރުގައިވާ ކެސްޕިޔަން ކަނޑާއި ޔުކްރޭންގެ ދެކުނުން އޮންނަ ކަޅުކަނޑުގެ އަޑީގައި ދަތުރުކުރާ ރަޝިއާގެ ސަބްމެރިންތަކުން ޔުކްރޭންގެ އެތަށް ސިޓީއަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ރަޝިއާގެ ކަނޑުގެ ބާރުތަކުގައި ހިމެނޭ އެންމެ ވަރުގަދަ އެއް ހަތިޔާރަކީ ސަބްމެރިންއެވެ. ރަޝިއާއަކީ ދުނިޔޭގައި ސަބްމެރިން އެންމެ ގިނަ ގައުމު ކަމަށްވުމުގެ އިތުރުން ސަބްމެރިންގައި މިސައިލް ހަރުކޮށްގެން ތަންތަނަށް ހަމަލާދިނުމުގެ ގާބިލްކަންވެސް އެންމެ ބޮޑު ގައުމެވެ.

އަސްކަރީ ރިޕޯޓްތައް ބުނާގޮތުން ޔުކްރޭންގެ އުތުރާއި އިރުމަތީގެ ގިނަ ސަރަހައްދުތަކެއް ރަޝިއާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި އޮތްނަމަވެސް ވެރިރަށް ކިޔޭވް އާއި އެނޫން ބޮޑެތި ސިޓީތަކަށް ވަދެގަތުމުގެ ރަޝިއާ ސިފައިންނަށް މާބޮޑު ކުރިއެރުމެއް އަދިވެސް ނުލިބެއެވެ. އެއީ ބިމުގެ ގޮތުން ބޮޑު އެތަންތަން ކޮންޓްރޯލް ކުރެވޭވަރަށް ރަޝިއާ ސިފައިންގެ މޭންޕަވާ ނުވަތަ ސިފައިންގެ އަދަދު މަދުވުމުންކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. ނަމަވެސް އެސިޓީތައް ހިފުމަށް ރަޝިއާ ސިފައިން ކުރާ މަސައްކަތް އަދިވެސް ދޫކޮށެއް ނުލައެވެ.

ޔުކްރޭންގެ ކޮމާންޑަރުން ވިދާޅުވާގޮތުގައި ރަޝިއާ ސިފައިން މިހާރުގެންދަނީ ވެރިރަށް ކިޔޭވްގެ ވަށައިގެންވާ އުތުރާއި ހުޅަނގުގެ ސަރަހައްދުތަކުގައި ޚަންދަގު ކޮނެ އެތަނުގައި ދިގުމުއްދަތަކަށް ތިބުމުގެ ރޭވުމެއްގެ ދަށުން މަސައްކަތް ކުރަމުންނެވެ. ޚަންދަގު ކޮންނަނީ ޔުކްރޭން ސިފައިން ދޭ ހަމަލާތަކުން ދިފާއުވުމަށް ކަމަށްވެސް ޔުކްރޭންގެ ކޮމާންޑަރުން ވިދާޅުވެއެވެ.

ރަޝިއާގެ އެސްޔޫ -25 މަރުކާގެ ފައިޓާޖެޓެއް

ޔުކްރޭން ސިފައިން ރަޝިއާ ސިފައިންނަށް ހަމަލާދެނީ އެމެރިކާއާއި އިނގިރޭސިވިލާތާއި ޖަރުމަނުފަދަ ޔޫރަޕްގެ ގައުމުތަކުން ދޭ އެންޓި އާމޯ ހަތިޔާރުންނެވެ. މީގެތެރޭގައި ގިނައީ ޓޭންކްތަކާއި ހަތިޔާރުއެޅި އަސްކަރީ ވެހިކަލްތަކަށް ހަމަލާދިނުމަށް ޚާއްސަ ކޮށްގެން އުފައްދާފައިވާ ކުރުރާސްތާގެ ވަރަށް ބާރުގަދަ އަދި އެކިއުރޭޓް މިސައިލްތަކެވެ.

މިބާވަތުގެ އެތަށް ސަތޭކަ މިސައިލްތަކެއް ކޮންމެ ދުވަހަކު ޕޮލެންޑްގެ ސަރަހައްދީ ރޮނގުންނާއި ރުމޭނިއާގެ ސަރަހައްދީ ރޮނގުން ޔުކްރޭނަށް އެތެރެކުރެއެވެ. މީގެ މިސައިލްތަކުން ދޭ ހަމަލާތަކުގައި ރަޝިއާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށްވެއެވެ.

ރަޝިއާ ވަނީ މިގޮތަށް އެތެރެކުރާ ހަތިޔާރުގެ ޝިޕްމަންޓްތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފައެވެ. އަދި ބައެއް ހަމަލާތައް ރަޝިއާއިން ދީފައިވެސް ވެއެވެ. ނަމަވެސް ޔުކްރޭނަށް ހުޅަނގުގެ ހަތިޔާރު ވެއްދުން ހުއްޓުވުމުގައި ރަޝިއާ ވަނީ ނާކާމިޔާބުވެފައެވެ.

ރަޝިއާގެ ހަމަލާތައް މައިގަނޑު ގޮތެއްގައި މިހާރު އަމާޒުކުރަނީ ޔުކްރޭންގެ ހަތިޔާރު ގުދަންތަކާއި ތެލުގެ މަރުކަޒުތަކަށާއި ކޮމިއުނިކޭޝަން މަރުކަޒުތަކާއި ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކަށެވެ. ރަޝިއާއިންވަނީ ޔުކްރޭންގެ އަސްކަރީ ވައިގެ މަރުކަޒުތަކާއި މަދަނީ ވައިގެ ބަނދަރުތައް އެއްކޮށް ކަހަލަގޮތަކަށް ހަލާކުކޮށްލާފައެވެ. އަދި ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކުގެ ބޮޑުބައިވެސްވަނީ ހަލާކުކޮށްލާފައެވެ. މިއާއެކު ޔުކްރޭންގެ ވައިގެ ސިފައިންގެ ބާރުވަނީ މުޅިން ކަހަލަ ގޮތަކަށް ކެނޑިފައެވެ. ނަމަވެސް ހުޅަނގުގެ ހަތިޔާރުތަކާއެކު ޔުކްރޭންގެ ވައިގެ ދިފާއީ ބާރުތައް އަދިވެސް ވަރަށް ވަރުގަދައެވެ.

ކަޅުކަނޑުގައި ހަރަކާތްތެެރިވާ ރަޝިއާގެ ސަބްމެރިން އެއް

ރަޝިއާގެ ވައިގެ ހަމަލާތައް އާދަޔަ ޚިލާފަށް ވަރުގަދަކަމުން ޔުކްރޭންގެ ބޮޑެތި ސިޓީތައް ފުނޑުފުނޑުވަމުންދަނީ ކުރިން ލަފާކުރިވަރަށްވުރެ މާއަވަހަށްކަމަށް ރިޕޯޓްތައް ބުނެއެވެ. ރަޝިއާ ސިފައިން ކިޔޭވްއާއި ޔުކްރޭން ގެ ބޮޑެތި ސިޓީތައް ހިފުމުގައި ނާކާމިޔާބުވެފައި ވީނަމަވެސް ރަޝިއާގެ މިސައިލް ހަމަލާތަކުން އެސިޓީތައް ފުނޑުފުނޑުވެ ބިމާ ހަމަވަމުންދަނީ ބާރު ސްޕީޑެއްގައެވެ. އަދި ފަހުގެ އެއްވެސް ހަނގުރާމައެއްގައި ރެފިއުޖީން ނުއުފެދޭ މިންވަރަށް ރަޝިއާގެ ހަމަލާތަކާ ގުޅިގެން ޔުކްރޭން ހަނގުރާމައިގާ ޔުކްރޭންގެ ރައްޔިތުންދަނީ ރެފިއުޖީންނަށްވެސް ވަމުންނެވެ.

ރަޝިއާގެ ހަމަލާތަކާއެކު 25 ދުވަހުގެ ތެރޭގައި ޔުކްރޭންގެ ރައްޔިތުންގެ ތެރެއިން އެގާރަ މިލިޔަން މީހުންވަނީ ރެފިއުޖީން ނަށް ވެފައެވެ. ހަނގުރާމަ ދިގުލައިފިނަމަ ވިއްސަކަށް މިލިޔަން މީހުން ރެފިއުޖީންގެ ގޮތުގައި ޔުކްރޭނުން ޔޫރަޕްގެ ގައުމުތަކަށް ދާނެކަމަށްވަނީ އަންދާޒާ ކުރެވިފައެވެ.

ޔުކްރޭން ރެފިއުޖީންގެ ތެރެއިން ގިނަބަޔަކު ގޮސްފައިވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ޔޫރަޕްގެ ގައުމުތަކަށެވެ. ޚާއްސަކޮށް ޕޮލެންޑާއި ރުމޭނިއާ، ހަންގޭރީ އަދި މޯލްޑޯވާއަށެވެ. މިހާ ގިނަ އަދަދެއްގެ ރެފިއުޖީންނަށް ދިގުމުއްދަތަކަށް ޚަރަދު ކުރަންޖެހުމަކީ ޔޫރަޕްގެ ގައުމުތަކަށް މާލި ބޮޑު ބުރައަކަށް ވެގެންދާނެކަމެއްކަށް ބެލެވޭއިރު އެކަމުގެ ސަބަބުން ޔޫރަޕްގައި ބޮޑު އަރާރުމެއް އުފެދުމަކީ އެކަށީގެންވާ ކަމެއްކަމަށް މިޑިއާ ރިޕޯޓްތައް ބުނެއެވެ.

ރެފިއުޖީންގެ ބުރަ ޔޫރަޕަށް ޖައްސައި ޔޫރަޕް ގެ އިގްތިސާދު ހީނަރުކޮށް ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ޚިލާފުތައް އުފެއްދުމަކީ ރަޝިއާގެ ރައީސް ވްލަޑީމީރު ޕޫޓިންގެ ސްޓްރެޓެޖީއެއް ކަމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ތުހުމަތު ކުރެއެވެ.

އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ކިތަންމެ ފިޔަވަޅުތަކެއް އަޅާފައިވީނަމަވެސް އެކަމުގެ އެއްވެސް އަސަރެއް ރަޝިއާގެ އަސްކަރިއްޔާއަށް ކޮށްފައެއް ނުވެއެވެ. އަދި މަގްސަދު ހާސިލް ނުވަނީސް ޔުކްރޭން ހަނގުރާމަ ހުއްޓާލަން ރަޝިއާއަށް މަޖްބޫރު ކުރެވިފައެއްވެސް ނުވެއެވެ.