16 Mar 2012, 17:33
އެމްޑީޕީގެ ސިލްސިލާ މުޒާހަރާ ކުރަމުންދާ ރާޅުގަނޑު ސަރަހައްދުން މިއަދު ހަވީރު 5:15 އެހާކަށްހާއިރު ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑީޔާ އޮފިޝަލް އަހުމަދު ޝިޔާމް ވިދާޅުވީ ރާޅުގަނޑު ސަރަހައްދުން ބިދޭސީއެއްގެ ބޮލަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލިކަމަށް ތުހުމަތު ކުރެވޭ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެދވެ. އަދި ވިދާޅުވީ ޒަހަމްކޮށްލި ބިދޭސީ މީހަކީ ފިރިހެނެއް ކަމަށާއި އޭނަ އަށް އޭޑީކޭއިން ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ބިދޭސީ މީހާއަށް ހަމަލާދީ އޭނާ ޒަހަމް ކޮށްލި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ގިނައަދެއްގެ މީހުންނާއި ކުޑަކުދިން ހިތްފަސޭހަ ކޮށްލުމަށް މީހުން ޒިޔާރަތްކޮށްއުޅޭ ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދުގައި މިދިޔަމަހު 17 ފެށިގެން އެމްޑީޕީން އަންނަނީ ސިލްސިލާ މުޒާހަރާ ކުރަމުންނެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީކައުންސިލުން އެމްޑީޕީގެ މުޒާހަރާކުރުމަށް މިއަންނަ ޖޫންމަހުގެ ނިޔަލަށް ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދު ވަނީ އެމްޑީޕީއަށް ދީފަ އެވެ.
ރާޅުގަނޑުސަރަހައްދު އެމްޑީޕީއަށް ދިނުމާއި ގުޅިގެން މިއަދުން ފެށިގެން އަންނަ 2013 ވަނައަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް ޕީޕީމެގެ ބައެއް ހަރަކާތްތައް ހިންގުމަށް ބޭނުންވާތީ ރާޅުގަނޑު ސަރަހައްދު އެޕާޓީއަށް ދޫކޮށްދެއްވުމަށް އެދީ މާލޭ ސިޓީކައުންސިލަށް ޕީޕީއެމުން ވެސް ވަނީ ސިޓީއެއް ފޮނުވާފަ އެވެ.