21 Mar 2022, 10:59
ޔޫކްރޭން ހަނގުރާމައިގެ ތެރޭގައި އެގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ދައްކަވާ ހިތްވަރާއި ކެރުމުގެ އަގު ވަޒަން ކުރުމުގެ ގޮތުން އިންޑިއާގެ އަރޯމިކާ ޓީ ކުންފުނިން އެ ކުންފުނީގެ ސައިފަތުގެ ބާވަތަކަށް "ޒެލެންސްކީ"ގެ ނަން ދީފިއެވެ.
އަރޯމިކާ ޓީގެ ޑިރެކްޓަރު ރަންޖީތު ބަރޫއާ ބުނީ ސައިފަތް ބްރޭންޑަކަށް "ޒެލެންސްކީ"ގެ ނަން ދިނުމަށް ނިންމީ، ރަޝިއާގެ ހަމަލާތަކުގެ ކުރިމަތީގައި އޭނާ ފަސްނުޖެހޭކަން ސާބިތުކޮށްދީފައިވާތީއެވެ.
"އެ ވަރުގަދަ ރަޝިއާއިން ހަމަލާ ދެމުން ދިޔަ އިރު، ޒެލެންސްކީ އެހެން ގައުމަކަށް ގެންގޮސްދޭނެ ކަމަށް އެމެރިކާއިން ބުނި ނަމަވެސް، އޭނާ އެ ފުރުސަތު ދޫކޮށްލުމަކީ އަހަރެން ވަރަށް އިޙުތިރާމް ކުރާ ކަމެއް. އޭނާ ނިންމީ ފިލައިގެން ނުދާން، އަދި ގައުމުގައި އެންމެ ކުރީ ސަފުގައި ހުންނަން،" ބަރޫއާ ބުންޏެވެ.
ސައިފަތް ތައްޔާރު ކުރުމުގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ބަރޫއާ ބުނީދުނިޔޭގައި މިވަގުތު ޒެލެންސްކީއަށް ވުރެ ވަރުގަދަ އެހެން މީހަކު ނެތް ކަމަށެވެ.
"އެހެންވެ އަހަރެން ދައްކުވައިދޭން މަސައްކަތްކުރީ، މި ސައިފަތަކީ ޒެލެންސްކީ ފަދަ ބާރުގަދަ ސަޔެއްކަން،" ބަރޫއާ ބުންޏެވެ.
ސާޅީހަށް ވުރެ ގިނަ ވައްތަރުގެ ސައި އުފައްދާ އެ ކުންފުނިން މުޅިން އަލަށް ތައާރަފްކޮށްފައިވާ "ޒެލެންސްކީ" ސަޔަކީ އެ ކުންފުނިން ލިބެން ހުންނަ ސައިފަތުގެ ބާވަތްތަކުގެ ތެރެން އެންމެ އަގުހެޔޮ އެއް ސައިފަތުގެ ބާވަތެވެ. އެގޮތުން އެ ސައިފަތުގެ 200 ގްރާމް، 90 ރުޕީސް (18.28 ރުފިޔާ)އަށް ލިބެއެވެ.
"ޒެލެންސްކީ" ސައިފަތް މިހާރު ބާޒާރަށް ނެރެފައިވާ އިރު، އެ ސައިފަތަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. މިކަމާ ގުޅިގެން ބަރޫއާ ބުނެފައިވަނީ އެ ސައިފަތަށް އެހާ ބޮޑު ތަރުހީބެއް ލިބޭނެކަމަށް އޭނާ އުންމީދުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މީހުން އޭނާގެ ޚިޔާލު ބަލައިގަންނާތީ އުފާކުރާ ކަމަށެވެ.
މީގެ އިތުރުން ބަރޫއާ ވަނީ އެ ސައިފަތަށް ލިބޭ ތަރުހީބަށް ބަލައި، އެ ސައިފަތް ވިއްކައިގެން ލިބޭ ފައިދާ ހަދިޔާ ކުރުމާ މެދު ވަރަށް ބޮޑަށް ވިސްނަމުންދާ ކަމަށް ބުނެފައެވެ.
"ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލުނު ޔޫކްރެއިންގެ ރައްޔިތުންނަށް އެހީވުމަށް ސީދާ ގޮތުން ބައިވެރިވާ ޖަމާއަތަކަށް، [މި ވިޔަފާރިން] ލިބޭ ފައިދާގެ ބައެއް ހަދިޔާ ކުރުމަކީ އަޅުގަނޑު ވަރަށް ކުރަން ބޭނުންވާކަމެއް،" އޭނާ ބުންޏެވެ.