ސްޕެނިޝް ލީގުގައި ރޭ ވަރުގަދަ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ފަސޭހަކަމާއެކު ރެއާލް ބަލިކޮށް، ބާސެލޯނާއިން ލީގު ތާވަލްގެ ތިން ވަނައަށް ޖެހިލައިފިއެވެ.

ރެއާލްގެ ސެންތިއާގޯ ބާނެބާއޯގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ބާސާއިން ވަނީ ރެއާލްގެ ގޯލަށް ނުރައްކާކޮށް ހަމަލާތަކެއް އުފައްދާފައެވެ. ރެއާލްގެ އޭރިޔާ ތެރޭ ހުސްކޮށްހުރެ ޕިއޭ އެމެރިކް އޮބަމަޔަން ފޮނުވާލި ހަމަލާ ކީޕަރު ތިބައުލްޓް ކޯޓޮއިސް ވަނީ މަތަކޮށްފައެވެ. އަދި ރެއާލްގެ އޭރިޔާ ބޭރުން ބާސާގެ ފެރާން ޓޮރޭސް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެެޗުގެ 28 ވަނަ މިނެޓުގައި ބާސާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބަލޭ ނަގައިދިން ހުރަހަކުން ޕިއޭ އެމެރިކް އޮބަމަޔަންގެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މިރޭ ކުޅުނު އެލްކްލެސިކޯގެ ތެރެއިން

ލަނޑަށްފަހު މެޗުގެ 34 ވަނަ މިނެޓުގައި އޮބަމަޔަންގް ފޮނުވާލި ހަމަލާ ވެސް ރެއާލްގެ ކީޕަރު ކޯޓޮއިސް ވަނީ މަތަކޮށްފައެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ބާސާއަށް ލިބުނު ކޯނަރެއްގައި ޑެމްބެލޭ ނަގައިދިން ބޯޅަޔަކުން ރޮނާލްޑް އަރައުހޯ ވަނީ ބޮލުން ގޯލަށް ފޮނުވާލައިގެން އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ބާސާގެ ފެރާންއަށް ވަނީ ލީޑު ފުޅާ ކުރުމަށް ތަނަވަސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ހުސްކޮށް ހުރެ އޭނާ ފޮނުވާލޮ ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އޭގެ މިނެޓެއް ފަހުން ފެރާން ވަނީ ބާސާގެ ތިން ވަނަ ލަނޑު ޖަހައިދީފައެވެ. އޮބަމަޔަންގް ދިން ބޯޅައަކުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މިރޭ ކުޅުނު އެލްކްލެސިކޯގެ ތެރެއިން

މެޗުގެ 51 ވަނަ މިނެޓުގައި ފެރާން ދިން ބޯޅައަކުން އޮބަމަޔަންގް ލަނޑެއް ޖެހި ނަމަވެސް ފުރަތަމަ ރެފްރީ ނިންމާފައިވަނީ އޮފް ސައިޑު ކަމަށެވެ. ނަމަވެސް އޭގެ ފަހުން ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެއީ ގޯލެއްކަމަށް ނިންމާފައެވެ. އެއާއެކު ބާސާއިން ވަނީ 4-0 އިން ލީޑު ފުޅާކޮށްފައެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ޖޯޑީ އަލްބާ ދިން ބޯޅައަކުން އޮބަމަޔަންގް ފޮނުވާލި ނުރައްކާތެރި ހަމަލާ ދިޔައީ ރެއާލްގެ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އޭގެ ފަހުން ވެސް ބާސާ އިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ރެއާލްގެ އޭރިޔާ ތެރެއިން ލިބުނު ފުރުސަތެއްގައި ޑެމްބެލޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މިރޭ ކުޅުނު އެލްކްލެސިކޯގެ ތެރެއިން

މެޗުގެ 78 ވަނަ މިނެޓުގައި މެމްފިސް ޑިޕާއީ ފޮނުވާލި ހަމަލާ އަމާޒުވީ ރެއާލްގެ ކީޕަރު ކޯޓޮއިސް ވަނީ މަތަކޮށްފައެވެ.

މެޗުނެ މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ބާސާއިން ވަނީ ލީގު ތާވަލްގެ ތިން ވަނައަށް ޖެހިލައިފައެވެ. އެއީ އެތުލެޓިކޯ މެޑްރިޑަށްވުރެ އެއް މެޗު މަދުން ކުޅެގެން ލިބުނު 54 ޕޮއިންޓާއެކުއެވެ. ލީގު ތާވަލްގެ އެއް ވަނައިގައި 66 ޕޮއިންޓާއެކު ރެއާލް އޮތްއިރު، ދެ ވަނައިގައި އޮތް ސެވިއްޔާއަށް ލިބެނީ 57 ޕޮއިންޓެވެ.

ބާސާގެ ކޯޗުކަމާ ޒަވީ ހެނާންޑޭޒް ހަވާލުވިފަހުން އެ ޓީމުން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.