16 Mar 2012, 17:30
ޕެރިސް (މާޗް 16) : ފަރަންސޭސިވިލާތުގައި ހިންގި ބަޑިޖެހުމުގެ ހާދިސާއެއްގައި އެޤައުމުގެ ސިފައިންގެ ތިން މީހަކު މަރާލައިފިއެވެ.
ފަރަންސޭސި މީޑިޔާ ޚަބަރުދޭގޮތުގައި މި 3 މީހުން މަރާލާފައިވަނީ އެޤައުމުގެ ހުޅަނގު ދެކުނުގެ ރަށެއްކަމަށްވާ މޮންތޫބާން ގެ އޭޓީއެމް މެޝިނަކުން ފައިސާނަގައިގެން އެމީހުން ދަނިކޮށް ސައިކަލެއްގައި އައި މީހަކު ދިންބަޑީގެ ޙަމަލާތަކެއްގައެވެ. ސައިކަލުގައި އައިސް ޙަމަލާދިންމީހާ ހުރީ ހެލްމެޓެއް އަޅާފައި ކަމަށާއި ޙަމަލާދިނުމަށްފަހު އެމީހާ ބާރުސްޕީޑެއްގައި ސައިކަލުގައި ފިލާފައިވާކަމަށް ޚަބަރުލިބެއެވެ.
މިޙަމަލާދިނުމާއެކު އޭގެތެރެއިން ދެމީހުން ވަގުތުން މަރުވި ކަމަށާއި ތިންވަނަމީހާ މަރުވީ ކައިރީގައިވާ ހޮސްޕިޓަލަކަށް ގެންދިޔުމަށްފަހުގައި ކަމަށް ފުލުހުން ބުނެއެވެ. މިޙާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މި 3 މީހުންނަކީވެސް ފަރަންސޭސި ކޮމާންޑޯސް ސިފައިންގެ ބައެކެވެ.
އޭޓީއެމް މެޝިނަކުން ފައިސާނެގިއިރު އެމީހުންތިބީ ސިފައިންގެ ކެމްފްލާޖް ޔުނިފޯމްގައި ކަމަށްވެސް ޚަބަރުލިބެއެވެ. ފަރަންސޭސި ދިފާޢީ ވަޒީރުވަނީ މިހާދިސާ ކުށްވެރިކުރައްވައި މި 3 މީހުންގެ ޢާއިލާއަށް ތައްޒިޔާ ފޮނުއްވާފައެވެ.
ފަރަންސޭސި ސިފައިންގެ މި 3 މީހުން މެރުމުގެ ފަހަތުގައިވާ ފަރާތަކާއި އެކަމުގެ ސަބަބު ނޭންގޭ ކަމަށާއި މިކަން ތަޙްޤީޤް ކުރަމުން ގެންދާ ކަމަށް ފަރަންސޭސި ފުލުހުން ބުނެއެވެ. -- އަލްޖަޒީރާ