އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ލިވަޕޫލުން މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ޖާގަ ހޯދައިފިއެވެ.

ނޮޓިންހަމް ފޮރެސްޓްގެ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލްއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މެޗުގައި ލިވަޕޫލްގެ ހަމައެކަނި ލަނޑު ފެނުނީ މެޗުގެ 78 ވަނަ މިނެޓުގައެވެ.

ރޭގެ މެޗަށް ލިވަޕޫލުން ނިކުމެފައިވަނީ އެ ޓީމުގެ މިޞްރު ފޯވާޑް މުޙައްމަދު ޞަލާޙާއި ސެނެގާލްގެ ފޯވާޑު ސާޑިއޯ މާނޭ ޓީމުގައި ނުހިމަނައެވެ. ލިވަޕޫލްގެ ފޯވާޑް ލައިންގައި ތިބީ ޑިއޯގޯ ޖޮޓާ، ރޮބާޓޯ ފިރްމީނޯ އަދި ހާވޭ އެލިއޮޓްއެވެ. މެދު ތެރެއިން ކުޅުނީ އެލެކްސް އޮކްސްލޭޑް ޗެމްބަލިން އަދި ފަބީނޯގެ އިތުރުން ނަބީ ކެއިޓާއެވެ.

މެޗު ފަށައިގެން ލިވަޕޫލުން ވަނީ ރަނގަޅަށް ކުޅެ ނޮޓިންހަމް ފޮރެސްޓްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނޮޓިންހަމްގެ އޭރިޔާ ތެރެއިން ލިވަޕޫލްގެ ޖޮޓާއަށް ދޭން މަސައްކަތް ކުރި ބޯޅަ ނޮޓިންހަމްގެ ޑިފެންޑަރަކު ވަނީ ގޯލް މަތިން ބޭރުކޮށްލާފައެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ލިވަޕޫލަށް ލިބުނު ކޯނަރެއްގައި ނަގައިދިން ބޯޅަ ފަބީނޯ ފޮނުވާލި ނަަމަވެސް، ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 42 ވަނަ މިނެޓުގައި ލިވަޕޫލްގެ ޖޯސެފް ގޯމެޒް ފޮނުވާލި ހަމަލާއެއް ވެސް ދިޔައީ ގޯލުގެ މަތިންނެވެ.

ލިވަޕޫލްގެ ހަމައެކަނި ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޮޓާއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ކޮންސްޓަންޓިއޯސް ސިމިކަސް ނަގައިދިން ބޯޅައެއް ފައިން ޖައްސައި ގޯލަށް ވައްދާލައިގެންނެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ ހަަތަރު ޓީމަކީ ލިވަޕޫލްގެ އިތުރުން މެންޗެސްޓާ ސިޓީ، ޗެލްސީ އަދި ކްރިސްޓަލް ޕެލެސްއެވެ.