21 Mar 2022, 07:50
ބޮލީވުޑްގެ ބައެއް ފިރިހެން އެކްޓަރުން ސަނީ ލިޔޯންއާއެކު މަސައްކަތް ކުރުން، އެމީހުންގެ އަނބިން ހުއްޓުވާ ކަމަށް ސަނީ ލިއޯން ބުނެފިއެވެ.
ސަނީ ލިޔޯން އަކީ އަމިއްލަ މަސައްކަތުން ފިލްމީ ދާއިރާއިން ކުރިއަރައިގެން ގޮސްފައިވާ އެކްޓްރެސްއެއް ނަމަވެސް އެ ދާއިރާގައި އޭނާއަށް ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ.
ސަނީ ލިޔޯން ބުނި ގޮތުގައި އެއްބައި އެކްޓަރުންގެ އަނބިން ތިބެނީ އެމީހުންގެ ފިރިން، އޭނާއާއެކު މަސައްކަތް ކުރުމާ މެދު ސަމާލުވެގެންނެވެ. މިކަމުގެ ސަބަބުން ލިޔޯންގެ މަސައްކަތްތަކަށް ބުރޫ އަރާފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ސަނީ ބުނީ، އޭނާއާ އެކު މަސައްކަތް ކުރާ ގިނަ އެކްޓަރުންނަކީ ކައިވެނިކޮށްގެން އުޅޭ އެކްޓަރުން ކަމަށެވެ. އަދި އެމީހުންގެ އަނބިންނާ ބައްދަލުކުރާއިރު، އާންމު ގޮތެއްގައި އެކްޓަރުންނަށް ވުރެ އެމީހުންނާ ގުޅުން ބަދަހިކުރަން ފަސޭހަ ކަމަށެވެ.
އެހެންނަމަވެސް ގިނަ ފިރެހެން އެކްޓަރުންގެ އަނބިން، އެމީހުންގެ ފިރިން ސަނީއާ އެކު މަސައްކަތްކުރުމަށް ނުރުހޭ ކަމަށާއި އޭގެ ސަބަބުން އެ އެކްޓަރުން ސަނީއާ އެކު ފިލްމު ކުޅެން ބިރުގަންނަކަމަށް އޭނާ ބުންޏެވެ.
ސަނީ ބުނި ގޮތުގައި އެމީހުންނަށް އޭނާ ބުނެލަން ބޭނުން ވަނީ އޭނާ އެހެން މީހެއްގެ ފިރިއެެއް ބޭނުން ނުވާކަމަށެވެ. އަދި އޭނާގެ އަމިއްލަ ފިރިމީހާ އޭނާއަށް ރަނގަޅު ކަމަށެވެ.
ސަނީ ލިޔޯން އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ތައާރަފްވީ ރިއަލިޓީ ޝޯ "ބިގް ބޮސް"އިން 2011 ވަނަ އަހަރެވެ. އެއަށް ފަހު ޕޫޖާ ބަޓްގެ ތްރިލާ ފިލްމު "ޖިސްމް 2" އިން އޭނާގެ ރޯލަށް ބޮޑު ތަރުހީބެއް ލިބުނެވެ.
އޭގެ ފަހުން އޭނާ ޖެކްޕޮޓް (2013)، ރާގިނީ އެމްއެމްއެސް 2 (2014)، އޭކް ޕަހެލީ ލީލާ (2015) އަދި ތެރާ އިންތިޒާރު (2017) ފަދަ ފިލްމުތަކުގައި މަސައްކަތްކުރިއެވެ.
ހަމައެއާއެކު، މިއުޒިކް ވީޑިއޯތަކުން ވެސް ސަނީ ލިޔޯން ފެނިފައިވާއިރު، އެ ވީޑިއޯތައް ވެސް ބެލުންތެރިންގެ މެދުގައި މަގުބޫލުވިއެވެ.