21 Mar 2022, 00:36
ސޯސަން މަގުން ޕިކަޕެއް ހުއްޓުވައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެ ޕިކަޕު ހުއްޓުވައި ބަލާ ފާސްކޮށްފައިވަނީ މިރޭ 08:30 ހާއިރެވެ. އަދި އެ ވަގުތު އެ ސަރަހައްދު ވެސް ފުލުހުން ބަންދުކުރިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޕިކަޕުގައި ހުރި ގިނަ އަދަދެއްގެ ކަރުދާސް ފޮށިތަކެއް މަގުމަތީ ބަހައްޓައިގެން ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ. އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި އަޅާފައިވާ ދިހައަކަށް ވުރެ ގިނަ ބޮޑު ރަބަރު ޕެކެޓު އެ ފޮޓޯތަކުން ފެނެއެވެ. ނަމަވެސް އެކަމާ ގުޅިގެން އެއްވެސް މައުލުމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މީގެއިތުރުން ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި މި މަހުގެ 14ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ މަރިޔާޒު، މުހުމައްދު އަބްދުއްލަތީފް، 30، ގެ އިތުރުން އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ، 37، އާއި ބަނގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ކަވްސަރު އަލަމް، 30، އެވެ.
އެ އޮޕަރޭޝަނުގައި، މާލޭގެ ގެއަކާއި ހުޅުމާލޭގެ ގެސްޓު ހައުސްއެއްގެ އިތުރުން ލޯންޗެއް ބަލައި ފާސްކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.