އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޓޮޓެންހަމުން ތާވަލްގެ ފަސް ވަނައަށް ޖެހިލައިފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ނުވަ ވަނަ މިނެޓުގައި ޓޮޓެންހަމްއަށް ލީޑު ލިބުނީ ވެސްޓް ހަަމްގެ ކާޓް ޒޫމާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އެއީ ހެރީ ކޭން ހުރަސްކުރި ބޯޅައަކަށް ކުޅެން އުޅުމުގެ ތެރޭގައި އޭނާގެ ފައިގައި ޖެހިފައި ގޯލަށް ވަން ބޯޅައެކެވެ.

އޭގެ މިނެޓެއް ފަހުން ސޮން ހުއެން-މިން ފޮނުވާލި ބޯޅަ އަމާޒުވީ ވެސްޓް ހަމް ޔުނައިޓެޑްގެ އަރިމަތީ ދަނޑިއަށެވެ.

ޓޮޓެންހަމްގެ ލީޑު ފުޅާކޮށްދިނީ މެޗުގެ 24 ވަނަ މިނެޓުގައި ކޭން ދިން ބޯޅައަކުން ސޮންއެވެ. އެއީ ވެސްޓް ހަމްގެ އޭރިޔާ ބޭރުން ކޭން ދިން ބޯޅައަކުން އޭރިޔާ ތެރޭ ހުރެ އޭނާ ގޯލަށް ފޮނުވާލި ބޯޅައެކެވެ.

ވެސްޓް ހަމް އިން ވަނީ މެޗުގެ 35 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޯނަރެއްގައި އައި ބޯޅައެއް ކްރެއިގް ޑައުސަންގެ ބޮލުގައި ޖެހިފައި ލިބުމުން ސާއިދު ބެންރަހްމާއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 އިން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަަށައިގެން ޓޮޓެންހަމް އިން ވަނީ އިތުރު ލަނޑެއް ޖެހުމަށް ވެސްޓް ހަމްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގައި ޓޮޓެންހަމްގެ ތިން ވަނަ ލަނޑު ސޮން ޖަހައިދިނީ މެޗުގެ 88 ވަނަ މިނެޓުގައެވެ. މި ލަނޑު ވެސް އޭނާ ޖަހާފައިވަނީ ކޭން ދިން ބޯޅައަކުންނެވެ. އެއީ ކޭން ދިން ބޯޅައެއް ހިފައިގެން ވެސްޓް ހަމްގެ އޭރިޔާ ތެރެއަށް ވަދެ ކީޕަރުގެ ފައި ކައިރިން އޭނާ ގޯލަށް ފޮނުވާލި ބޯޅައަކުން ކާމިޔާބުކޮށްދިން ލަނޑެކެެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޓޮޓެންހަމް އިން ވަނީ ފަސްވަނަ އަށް ޖެހިލައިފައެވެ. އެއް ވަނައިގައި 70 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު، ދެ ވަނައިގައި ލިވަޕޫލް އޮތީ 69 ޕޮއިންޓާއެކުއެވެ.

ޕްރިމިއާ ލީގުގައި މިރޭ ލެއިސްޓާ ސިޓީ އިން ވަނީ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް 2-1 އިން ބަލިކޮށްފައެވެ.