އިޓާލިއަން ލީގުގައި މިރޭ ސެލަނިޓާނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ޖުވެންޓަސް އިން ލީގު ތާވަލްގެ ހަތަރު ވަނައިގައި ހަމަޖެހިލައިފިއެވެ.

ޖުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ޖުވެންޓަސްގެ ފުރަތަމަ ލަނޑު މެޗުގެ ފަސް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޭރިޔާ ތެރެއިން ޑޫސަން ވްލާވިޗް ދިން ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ޕައުލް ޕޮގްބާއެވެ.

އޭގެ ފަހުން ޕައުލޯ ޑިބާލާއަށް ވަނީ ޖުވެންޓަސްގެ ލީޑު ފުޅާ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ސެލަނިޓާނާގެ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ކީޕަރުގެ އަތް މަތިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި މަތިންނެވެ.

އޭގެ ފަހުން ސެލަނިޓާނާގެ އޭރިޔާ ތެރެއިން ޑިބާލާ ދިން ބޯޅައެއް ވްލާވިޗް ހުސްކޮށް ހުރެ ފޮނުވާލި ނަމަވެސް މަޓިއާ ޑި ޝިގްލިއޯ ކީޕަރު ވަނީ އެ ބޯޅަ މަތަކޮށްފައެވެ. އޭގެ ފަހުން ޑިބާލާ ފޮނުވާލި އިތުރު ބޯޅައެއް ވެސް ސެލަނިޓާނާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ޖުވެންޓަސް އިން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހާފައެވެ. ސެލަނިޓާނާގެ އޭރިޔާ ބޭރުން މަޓިއާ ޑި ޝިގްލިއޯ ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ވްލާވިޗެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުވެންޓަސް އިން ލީގު ތާވަލްގެ ހަތަރު ވަނައިގައި އޮތީ 30 މެޗުން ލިބުނު 59 ޕޮއިންޓާއެކުއެވެ. ލީގު ތާވަލްގެ އެެއް ވަނައިގައި 66 ޕޮއިންޓާއެކު އޮތީ އޭސީ މިލާންއެވެ. ދެ ވަނައިގައި ނަޕޯލީ އޮތީ 63 ޕޮއިންޓާއެކުއެވެ. އަދި ތިން ވަނަގައި އިންޓަ މިލާން އޮތީ 60 ޕޮއިންޓާއެކުއެވެ.