ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވޭ ފަދަ ސިޔާސީ އެއްބަސްވުމަކަށް އައުމަށް ހުރިހާ ޕާޓީތަކުން ބޭއްވި ވާހަކަތަކަށް ކުރިއެރުމެއް ލިބިފައި ނުވާތީ ކަންބޮޑުވާ ކަމަށް ކޮމަންވެލްތުން ބުނެފި އެވެ.

ކޮމަންވެލްތުން މިހެން ބުނީ އެޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ރާއްޖެއާ ބެހޭ ގޮތުން ދެއްވި މައުލޫމާތުތަކަކާ މެދު މަޝްވަރާ ކުރުމަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ބޭއްވި ޓެލެކޮންފަރެންސަކަށް ފަހު މިއަދު ނެރުނު ބަޔާނެއްގަ އެވެ.

އެބަޔާނުގައި ބުނެފައި ވަނީ ވެރިކަން ކުރާ ފަރާތްތަކުގެ ގާނޫނީ ހައިސިއްޔަތާ މެދު ބައިނަލްއަގުވާމީ ގަބޫލުކުރުމެއް އުފެއްދުމަށް ރައްޔިތުން އެދޭ ގޮތް ވީހާ އަވަހަކަށް ދައްކަން ވާނެ ކަމަށް (އިންތިހާބެއް ބާއްވަން ވާނެ ކަމަށް) ކޮމަންވެލްތުން ގަބޫލުކުރާ ކުރުން އަދިވެސް އެގޮތުގައި އެބަ އޮތް ކަމަށެވެ.

"ގްރޫޕުން އުއްމީދުކުރި ގޮތަށް ދިވެހިރާއްޖޭގައި މިއަހަރު އަވަސް އިންތިހާބެއް ބޭއްވުމަށް މަގުފަހިކުރުމަށް ބޭއްވި ހުރިހާ ޕާޓީތައް ބައިވެރިވާ ވާހަކަތަކުން މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާތީ ގްރޫޕުން ހިތް ހަމަނުޖެހުމާއި ކަންބޮޑުވުން ފާޅުކުރަމެވެ." ސީމެގްގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ވަނީ އިހުލާސްތެރިކަމާ އެކު ހުރިހާ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފަށައި، އަވަސް އިންތިހާބެއް ބާއްވާނެ ތާރީހަކާ މެދު އެއްބަސްވުމަކަށް އައުމަށާއި އެކަމަށްޓަކައި ފުރިހަމަ ކުރުމަށް ސީމެގުން ގޮވާލާ ކަމަށެވެ. ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޝެޑިއުލް ކޮށްފައިވާ ގޮތަށް މިމަހުގެ އެއް ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ފުރުސަތު ލިބިފައި ނުވާތީ ކަންބޮޑުވާ ކަމަށް ސީމެގް އިން މިފަހަރު ވެސް ބުނެފައިވެ އެވެ.

ނެޝަނަލް އިންކްއަރީ ކޮމިޝަންގެ މަސައްކަތް ފަށާފައިވާކަން ފާހަކުރާ ކަމަށާއި އެކޮމިޝަންގެ މަސައްކަތަށް ޕާޓީތަކުގެ އެއްބާރުލުން ހޯދިފައި ނުވާކަން ވެސް ފާހަގަކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ކޮމިޝަނަށް ބައިނަލްއަގުވާމީ އެހީތެރިކަން ހޯދަން އެދިފައިވާ ކަން ފާހަގަކުރާ ކަމަށާއި ކޮމަންވެލްތަކީ އެކަމަށް ރަނގަޅު އެހީތެރިކަމެއް ދެވޭނެ ޖަމާއަތެއްކަން ވެސް ފާހަގަކުރާ ކަމަށް ވެސް ކޮމަންވެލްތުން ބުންޏެވެ.

ކުރީގެ ވެރިއެއްގެ ހައިސިއްޔަތުން ރައީސް ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަމާއި މިނިވަން ކަން ކަށަވަރު ނުވެދާނެތީ ކޮމަންވެލްތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސީމެގްގެ އެޖެންޑާގައި ރާއްޖެ އަދިވެސް ބޭއްވުމަށާއި އަންނަ ކުރިއެރުންތަކަށް ބެލުމަށް ފަހު ރާއްޖެއާ މެދު މަޝްވަރާކުރުމަށް އޭޕްރީލް މަހު އަލުން ބައްދަލުވުމެއް ބާއްވުމަށް ސީމެގްގެ ޓެލެކޮންފަރެންސްގައި ވަނީ ނިންމާފަ އެވެ.