20 Mar 2022, 19:19
ފްރާންސް ލީގުގައި ވަރުގަދަ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ކުޅުނު މެޗު މޮނާކޯއިން ކާމިޔާބުކޮށްފިއެވެ.
މޮނާކޯގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
ޕީއެސްޖީން މިއަދުގެ މެޗަށް ނިކުތީ އެޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލިއޮނަލް މެސީ ޓީމުގައި ނުހިމަނައެވެ. އެޓީމުގެ މެޗަށް ނިކުތީ ފޯވާޑް ލައިންގައި ބްރެޒިލްގެ ނޭމާ ޖޫނިއާ އަދި އެ ޓީމުގެ އެންމެ މުހިންމު ފޮވާޑް، ފްރާންސްގެ ކީލިއަން އެމްބާޕޭ ހިމަނައިގެންނެވެ.
މެޗު ފަށައިގެން ޕީއެސްޖީއިން ރަނގަޅަށް ކުޅެމުން ދަނިކޮށް މޮނާކޯއިން ލަނޑު ޖަަހައި ލީޑު ނެގީ މެޗުގެ 25 ވަނަ މިނެޓުގައެވެ. ޔޮއުސުޕް ފޮފަނާ ދިން ބޯޅައަކުން އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ވިއްސާމް ބެން ޔެޑާއެވެ.
މޮނާކޯގެ ލަނޑަށްފަހު ނަތީޖާ ހަމަހަމަ ކުރުމަށް ޕީއެސްޖީން ވަރަށް މަސައްކަތް ކުރި ނަމަވެސް ފުރަތަމަ ހާފު ނިމުނީ 1-0 އިން މޮނާކޯ ކުރީގައި އޮވެގެންނެވެ.
މޮނާކޯއިން އިތުރަށް ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން މެޗުގެ 68 ވަނަ މިނެޓުގައެވެ. މޮނާކޯގެ ރުބެން އަގިލާ ދިން ބޯޅައަކުން އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ކެވިން ވޮލާންޑެވެ.
ލަނޑެއް ޖަހައި ފަރަގު ކުޑަކުރުމަށް ޕީއެސްޖީން މަސައްކަތް ކުރަމުން ދަނިކޮށް، މޮނާކޯއިން އިތުރު ލަނޑެއްޖެހީ މެޗުގެ 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ޔެޑާއެވެ.
މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު މޮނާކޯ އޮތީ ލީގު ތާވަލްގެ ހަތް ވަނައިގައެެވެ. އެއީ 29 މެޗުން ލިބުނު 44 ޕޮއިންޓާއެކުއެވެ.
މެޗުން ބަލިވި ނަމަވެސް، ޕީއެސްޖީން ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ 15 ޕޮއިންޓުގެ ލީޑަކާއެކުއެވެ. 28 މެޗުން އެ ޓީމަށް ލިބިފައިވަނީ 65 ޕޮއިންޓެެވެ. ދެވަނަގައި އޮތް މާސެއިލްއަށް 28 މެޗުން ލިބެނީ 50 ޕޮއިންޓެވެ.