ޓެލްއަވީވް (މާޗް 16): ފަލަސްތީނުގެ ހިފާފައިވާ ބިންތަކަށް ގަދާބާރުން ވެރިވެގަނެގެންއުޅޭ ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަމާ ދެކޮޅަށް ޔޫރަޕްގެ އިއްތިޙާދުން ތައްޔާރުކޮށް ނެރުނު ރިޕޯޓަށް އިސްރާއީލު ދެކޮޅުހަދައިފި އެވެ.

ބާބޭރިޔަނުން ގޮތަށް ފަލަސްތީނުގެ ބިންތަކުގައި ހިތުހުރި ގޮތަކަށް އުޅެމުންދާ ހައްދުފަހަނަޅާފައިވާ ޔަހޫދީ ވަޒަންވެރިން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ އިިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ކުށްވެރިކޮށް ޔޫރަޕުން ނެރުނު ރިޕޯޓެއްގައި އެމީހުންގެ އަނިޔާވެރިކަން ހުއްޓުވުމަށް އިސްރާއީލުން ފިޔަވަޅުނާޅާކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ޔަހޫދީ ވަޒަންވެރިންނަކީ ފަލަސްތީނުގެ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމަށް ޓަކައި ދުނިޔޭގެ ކަންކޮޅުތަކުން ފަލަސްތީނަށް ގެނަސް ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި ވަޒަންވެރިކުރުވާފައިތިބޭ ޒަޔަނިސްޓް ޚިޔާލުގެ ހަރުކަށި ޔަހޫދީންނެވެ. ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަނުން ބޭރުކުރުމަށް ޓަކައި ޔަހޫދީ ވަޒަންވެރިން ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތަކުގެ ތެރޭގައި ފަލަސްތީނުގެ ގެދޮރަށް ޙަމަލާދިނުމާއި އަންހެނުންނާއި ކުޑަކުދިންނަށް ގޯނާކުރުމާއި ފަލަސްތީނުގެ ދަނޑުވެރިންނަށް ޙަމަލާދީ އެމީހުން މެރުމާއި ދަނޑުތައް ހަލާކުކުރުމާއި މިސްކަތްތަކުގައި ހުޅުޖަހައި އަންދާލުމާއި ވައްކަންކުރުމާއި މަގުފޭރުމުގެ ޢަމަލުތައް ހިމެނެ އެވެ.

ޔަހޫދީން ވަޒަންވެރިން މިޢަމަލުތައް ހުއްޓުވުމަށާއި އެމީހުން ހިންގާ ޖަރީމާތަކަށް އިސްރާއީލުން ފިޔަވަޅުނާޅާތީ މިއީ އިސްރާއީލުގެ ރުހުން ލިބިގެން ވަޒަންވެރިން ހިންގާ ޢަމަލުތަކެއް ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ތުހުމަތުކުރެ އެވެ. ޔޫރަޕްގެ އިއްތިޙާދުގެ ރިޕޯޓްގައި ޔަހޫދީ ވަޒަންވެރިންގެ މިޢަމަލުތަކަކީ އިންސާނިއްޔަތާޚިލާފު އަނިޔާވެރި ޢަމަލުތަކެއް ކަމަށާއި މިކަންހުއްޓުވުމަށް އިސްރާއީލުން އެކަށީގެންވާ މަސައްކަތްނުކުރާ ކަމަށް ބުނެފައި ވާތީ އިސްރާއީލުގެ ޚާރިޖިއްޔާ އިން ޔޫރަޕްގެ ރިޕޯޓް ސިފަކޮށްފައި ވަނީ ބުރަދަނެއްނެތް ރިޕޯޓެއްގެ ގޮތުގަ އެވެ.

ފާއިތުވި 2011 ވަނަ އަހަރު ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ޢާންމުންނާ ދެކޮޅަށް 411 ޖަރީމާ ހިންގާފައިވާ ކަމަށާއި މީގެތެރެއިން ބައެއް ޖަރީމާތަކުގައި ފަލަސްތީނުގެ ބައެއްމީހުން މަރުވެފައިވާ ކަމަށް ޔޫރަޕްގެ އިއްތިޙާދުގެ ރިޕޯޓް ބުނެއެވެ. (އަލްޖަޒީރާ)