20 Mar 2022, 12:11
މޮސްކޯ (20 މާޗް 2022): ރަޝިއާއިން ފުރަތަމަ ފަހަރަށް އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ ހައިޕާ ސޮނިކް މިސައިލެއް ޔުކްރޭންއާ ދެކޮޅަށް ބޭނުންކޮށްފިއެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނިގޮތުގައި ޔޫކްރެއިނުގެ ހުޅަނގުގައި އޮންނަ އިވަނޯވް ފްރެންކިވިސްކްގެ ބިމުއަޑީގައިވާ ހަތިޔާރު ގުދަންތައް ހަލާކުކޮށްލުމަށް ޓަކައި އިއްޔެވަނީ އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ ހައިޕާ ސޮނިކް މިސައިލެއް ބޭނުންކޮށްފައެވެ.
ހައިޕާ ސޮނިކް މިސައިލް ޓެކްނޮލޮޖީ އަކީ މިހާތަނަށް ރަޝިއާއާއި ޗައިނާއަށް ނޫނީ ލިބިފައިނުވާ ޓެކްނޮލޮޖީއެކެވެ. އެމެރިކާވެސް ހައިޕާ ސޮނިކް ޓެކްނޮލޮޖީގައި މިސައިލެއް އުފައްދަން މިހާތަނަށް ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ.
ހައިޕާ ސޮނިކް މިސައިލް ޓެކްނޮލޮޖީ އަކީ އަޑަށްވުރެ ފަސްގުނަ ބާރަށް ދަތުރުކުރާ މިސައިލް އުފެއްދުމުގެ ޓެކްނޮލޮޖީއެވެ. މިޓެކްނޮލޮޖީގައި ރަޝިއާއިން އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުކުރާ މިސައިލް އުފައްދާފައިވާއިރު ޗައިނާއަށްވެސް އަދި އުފެއްދިފައިވަނީ އަޑަށްވުރެ ފަސް ގުނަ ބާރަށް ދަތުރުކުރާ މިސައިލެވެ. މީގެ މިސައިލް ދާދިފަހުން ޗައިނާވަނީ ތަޖްރިބާކޮށްފައެވެ.

ރަޝިއާގެ ހައިޕާސޮނިކް މިސައިލްގެ ޕްރިންޓް އިމޭޖެއް
ވައިގައި އާންމުކޮށް އަޑު ދަތުރުކުރާ ބާރުމިނަކީ ސިކުންތަކު 343 މީޓަރަށެވެ. ނަމަވެސް ވައިގައި ފިނި ހޫނުމިން ހުންނަގޮތުން އަޑު ދަތުރުކުރާ ސްޕީޑަށް ބަދަލުއާދެއެވެ. އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުކުރުމަކީ ސިކުންތަކު 3078 މީޓަރަށް (ސިކުންތަކު ތިންކިލޯމީޓަރަށްވުރެ ބާރަށް) ދަތުރުކުރުމެވެ. އަޑުގެ ބެރިއާ ނުވަތަ އަޑުގެ ފާރު ފަހަނަޅައި އެއްޗެއް ދާއިރު ހޮނުގުގުރިޖަހާފަދަ ބާރުގަދަ އަޑެއް އިވިގެންދާނެއެވެ.
ހައިޕާ ސޮނިކް މިސައިލްގެ ޚާއްޞަކަމަކީ ރާޑަރުތަކަށް އެތަކެތި ނޭރުމެވެ. ރަޝިޔާގައި އުފައްދާފައިވާ ހައިޕަސޮނިކް މިސައިލުތަކަކަކީ މުޅި ދުނިޔޭގައިވެސް ހުރި އެންމެ ގާބިލު މިސައިލުތަކެވެ. މިއީ އިންޓަނޮންޓިނެންޓަލް ބެލިސްޓިކް މިސައިލް އަށްވުރެވެސް ބާރުގަދަ މިސައިލްއެކެވެ.
މިބާވަތުގެ މިސައިލްތަކުގެ ތެރޭގައި ބަލިސްޓިކް މިސައިލް ގޮތަށް ފޮނުވާލެވޭ މިސައިލާއި ކްރޫޒް މިސައިލް ގޮތަށް ފޮނުވާލެވޭ މިސައިލްތައް ހިމެނެއެވެ. ކްރޫޒް މިސައިލް ގޮތަށް ފޮނުވާލެވޭ ހައިޕާ ސޮނިކް މިސައިލް ފޮނުވުމަށް ބޭނުންކޮށްފައިވަނީ ރަޝިއާގައި އުފައްދާފައިވާ ސުޕަސޮނިކް (އަޑަށްވުރެ ބާރަށް ދަތުރުކުރާ) ފައިޓާ ޖެޓެއްކަމަށްވާ މިގް-31 ކޭ ނަމަކަށް ކިޔާ އަޑަށްވުރެ ބާރަށް ދަތުރުކުރާ ހަނގުރާމަމަތީ މަތިންދާބޯޓެކެވެ.
ރަޝިއާއިން ޔުކްރޭންގެ އިވަނޯވް ފްރެންކިވިސްކްގެ ބިމުއަޑީގައިވާ ހަތިޔާރު ގުދަންތަކަށް އިއްޔެ ހައިޕާ ސޮނިކް މިސައިލް ބޭނުންކޮށްގެން ދިން ހަމަލާގައި އެތަންތަންވަނީ އެއްކޮށް ފުނޑުވެފައެވެ. މިކަން ޔުކްރޭނުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.