ދިރާގުގެ މުވައްޒަފުންގެ މެދުގައި ބާއްވަމުން އަންނަ "ޑެސްކަޕް" ފުޓްސަލް މުބާރާތް މި އަހަރު ވެސް ކާމިޔާބުކަމާއެކު ބާއްވައި، ނިންމާލައިފިއެވެ.

މިއަހަރުގެ މުބާރާތް ކުރިއަށް ދިޔައީ މިހަހުގެ ނުވަ ވަނަ ދުވަހުން 16އަށެވެ.

ލީގު އުސޫލުން ކުޅުނު މި މުބާރާތުގައި ބައިވެރިވި ޓީމުތައް ތިން ޑިވިޝަނަކަށް ވަނީ ބަހާލާފައެވެ. އެއީ ފިރިހެނުންގެ ޕްރިމިއާ ލީގާއި، ސުޕާ ލީގު، އަދި އަންހެނުންގެ ޑިވިޝަނެވެ.

ޖުމްލަ 24 ޓީމު ބައިވެރިވި މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރީ ސީއެސްސީ ހޯކްސް އާއި ސޭލްސް ފޯސްއެވެ. މެޗު ނިމުނުއިރު ނަތީޖާ އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީއާއެކު، 5-3ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ސޭލްސް ފޯސްއެވެ.

ޕްރިމިއާ ލީގުގެ ފައިނަލުގައި ނެޓްވޯކްސް ޔުނައިޓެޑާއި، އާރްއޯސީ ޔުނައިޓެޑް ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ނެޓްވޯކްސް ޔުނައިޓެޑެވެ.

ސުޕަ ލީގުގެ ޗެމްޕިއަނަކީ ރޮކާޒްއެވެ. އެ ޑިވިޝަނުގެ ފައިނަލް އެ ޓީމުން ކާމިޔާބު ކުރީ 6-2 އިން ފައިނާންޒެޒް ބަލިކޮށްގެންނެވެ.

މި މުބާރާތުގެ ކޮންމެ ޑިވިޝަނަކުން އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާއާއި، އެންމެ މޮޅު ފަސް ކުޅުންތެރިން، އަދި އުންމީދީ ކުޅުންތެރިޔާއާއި، ފެއާ ޕްލޭ ޓީމް ވަނީ ހޮވާފައެވެ.

ދެހާސް ފަސްވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ބާއްވަމުން އައި މި މުބާރާތް މިއަހަރު މި ބޭއްވުނީ ކޮވިޑުގެ ހާލަތާ ގުޅިގެން ދެ އަހަރު މެދުކެނޑިފައި އޮތުމަށް ފަހުގައެވެ.