16 Mar 2012, 13:52
ޕެރިސް (މާޗް 16): ފަރަންސޭސިވިލާތުގައި ހިންގި ބަޑިޖެހުމުގެ ހާދިސާއެއްގައި އެ ޤައުމުގެ ސިފައިިންގެ ތިން މީހަކު މަރާލައިފި އެވެ.
ފަރަންސޭސި މީޑިޔާ ޚަބަރުދޭ ގޮތުގައި އެ ތިން މީހުން މަރާލާފައި ވަނީ އެ ޤައުމުގެ ހުޅަނގު ދެކުނުގެ ރަށެއްކަމަށްވާ މޮންތޫބާންގެ އޭޓީއެމް މެޝިނަކުން ފައިސާނަގައިގެން އެމީހުން ދަނިކޮށް ސައިކަލެއްގައި އައި މީހަކު ދިންބަޑީގެ ޙަމަލާތަކެއްގަ އެވެ. ސައިކަލުގައި އައިސް ޙަމަލާދިން މީހާ ހުރީ ހެލްމެޓެއް އަޅައިގެން ކަމަށާއި ޙަމަލާދިނުމަށް ފަހު އެމީހާ ބާރުސްޕީޑެއްގައި ސައިކަލުގައި ފިލާފައިވާ ކަމަށް ޚަބަރުލިބެ އެވެ.
އެ ޙަމަލާދިނުމާ އެކު އޭގެތެރެއިން ދެމީހުން ވަގުތުން މަރުވި ކަމަށާއި ތިން ވަނަމީހާ މަރުވީ ކައިރީގައިވާ ހޮސްޕިޓަލަކަށް ގެންދިޔުމަށްފަހުގައި ކަމަށް ފުލުހުން ބުނެ އެވެ. މިޙާދިސާ ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އެ ތިން މީހުންނަކީ ވެސް ފަރަންސޭސި ކޮމާންޑޯސް ސިފައިންގެ ބައެކެވެ.
އޭޓީއެމް މެޝިނަކުން ފައިސާ ނެގި އިރު އެމީހުންތިބީ ސިފައިންގެ ކެމްފްލާޖް ޔުނިފޯމްގައި ކަމަށް ވެސް ޚަބަރުލިބެ އެވެ. ފަރަންސޭސި ދިފާޢީ ވަޒީރު ވަނީ އެ ހާދިސާ ކުށްވެރިކުރައްވައި އެ ތިން މީހުންގެ ޢާއިލާއަށް ތައްޒިޔާ ފޮނުއްވާފަ އެވެ.
ފަރަންސޭސި ސިފައިންގެ އެ ތިން މީހުން މެރުމުގެ ފަހަތުގައިވާ ފަރާތަކާއި އެކަމުގެ ސަބަބު ނޭންގޭ ކަމަށާއި މިކަން ތަޙްޤީޤް ކުރަމުން ގެންދާ ކަމަށް ފަރަންސޭސި ފުލުހުން ބުނެ އެވެ. (އަލްޖަޒީރާ)