މިހާރު ވެރިކަމުގައި އޮތީ އިންޑިއާގެ ގޮނޑި ކޮއްކޮ ސަރުކާރެއްކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ޅ. ނައިފަރުގައި ބޭއްވި އިންޑިއާ އައުޓް ހަރަކާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގައި ތިބީ ހުސް އިންޑިއާގެ އަޅުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކަކީ ކޮބައިކަން އެނގެނީ މަދު ބަޔަކަށްކަމަށެވެ.

"އެގްރިމެންޓުގައި ފޮރުވިފައިހުރި ކަންކަން އެބަވޭ. އެ ފޮރުވިފައިހުރި ކަންކަން މި އުޅެނީ އެންމެންނަށް ނުފޮރުވިގެން. އެ އެނގޭ މީހުންނަށް އެބަ އެނގޭ. އެ އެނގޭ މީހުންގެ ތެރޭގައި އަޅުގަނޑު މިއީ އެކެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބިކަން ދޮގުކުރާކަމަށެވެ. އަދި ހަތިޔާރު އެޅި ސައިފައިން އަމުދުން ރާއްޖޭގައި ނުތިބޭނެކަމަށް ސަރުކާރުން ބުނާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ސަރުކާރުން ބުނާ ގޮތުގައި ރާއްޖޭގައި ތިބީ ފަންނީ މަސައްކަތް ކުރަން އައިސްތިބި ސިފައިންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް ޔާމީން ވިދާޅުވީ އެ ފަންނީ މީހުން ރާއްޖޭގައި ކުރި ފަންނީ ކަމެއް އަދި ނުދެކޭ ކަމަށެވެ. އެމީހުންގެ ހެލިކޮޕްޓަރުތައް ރާއްޖޭގައި އުދުހޭއިރު އެއިން ހެލިކޮޕްޓަރެއްގައި ހާލުދެރަވެފައިވާ ބަލި މީހެއްވެސް އުފުލާފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ދައްކާ ވާހަކައަށް ޑިފެންްސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ރައްދުދޭންނުޖެހޭނެކަމަށެެވެ. މިނިސްޓަރު މާރިޔާ އަކީ ޤާނޫނޫ އަސާސީއަށް އިހާނެތިކޮށް ހިތައި އޭގެ މައްޗަށް ފައިން އަރާފައިވާ ބޭފުޅެއްކަމަށް ރައީސް ޔާމީން ވިދާޅުުވިއެވެ. އެފަދަ އަމަލުކުރާ މީހަކަށް ރާއްޖޭގެ މިނިވަންކަން ދިފާއު ނުކުރެވޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމަނިކުފާނު ދައްކަވާ ވާހަކައަށް ރައްދު ދޭންޖެހޭނީ އެމްއެންޑީއެފްގެ ޖެނެރަލުންނެވެ. އެމްއެންޑީއެފްގެ ޖެނެރަލުން ނޫސްވެރިން ހާޒިރުކޮށްގެން އެ މައްސަލައާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ރާއީސް ޔާމީން ގޮވާލެއްވިއެވެ.

"އަޅުގަނޑު މި ދަންނަވާ ވާހަކައަށް ޖަވާބު ދެއްވާ ހާމަކޮށް ބޮޑު ގެތެއްގައި ބާއްވާ ނޫސް ކޮންފަރެންސަކުން. ނޫސްވެރިންނަށް ވަދެވެންވާނެ. ނޫސްވެރިން ބޭނުންވާ ސުވާލެއް ކުރެވެންވާނެ. އެ މީހުން ބޭނުންވާ ސުވާލަކަށް ސާފުބަހުން ޖަވާބު ދެއްވަންވާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.