16 Mar 2012, 13:51
މި މަހު ފަހުކޮޅު ބާއްވާ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިއްޔެ ހަމަވިއިރު މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އިއުލާންކޮށްފި އެވެ.
މިމަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިއްޔެ ހަމަވި އިރު ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރުގެ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ މިހާރުގެ ވެސް ޕާލިމެންޓްރީ ގުރޫޕްގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އެކަންޏެވެ.
ދެ ބޭފުޅުން އިންތިޚާބު ކުރާ ނައިބު ރައީސް ކަމަށް ކުރިމަތި ލައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބުދުﷲ އަބުދުއްރަހީމްގެ އިތުރުން ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދެވެ.
ސެކްރެޓަރީ ޖެނެރަލް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލްޣަފޫރު ކުރިމަތިލައްވާފައިވާ އިރު، ސެކްރެޓަރީ ޖެނެރަލްގެ ނައިބު ކަމަށް ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޤަސަމް އެވެ. އެ ދެ މަގާމަށް ވެސް އިންތިޚާބުކުރާނީ އެންމެ ބޭފުޅެކެވެ.
ވިޕުންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲއާ އެކު ކުރިމަތި ލައްވާފައި ވަނީ ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒް އަދި ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އެ މަގާމަށް އިންތިޚާބު ކުރާނީ ތިން ބޭފުޅުންނެވެ.