21 Mar 2022, 07:52
ހާޓްއެޓޭކް ޖެހުން ނުވަތަ ހިތް ހުއްޓުމަކީ ގިނަ އަދަދެއްގެ ބަޔަކަށް ކުރިމަތިވާ ސިއްހީ މައްސަލައެކެވެ.
ހާޓްއެޓޭކް ނުވަތަ ސިއްހީ ނަމުންނަމަ "މަޔޯ ކާޑިއަލް އިންފާކްޝަން" ޖެހުމަށް މެދުވެރިވާ ސަބަބަކީ ހިތުގައިވާ މަސްތަކަށް ލޭދައުރުކުރާ މިންވަރު މަދުވުމެވެ.
ހާޓްއެޓޭކް ޖެހެން ދިމާވަނީ ހިތަށް ލޭފޯރުކޮށްދޭ ލޭހޮޅިއެއް މުޅިން ބެދި، ހިތުގެ ވަކި ހިސާބަކަށް ލޭދިއުން މަދުވުމުން އޭގެ ސަބަބުން ހިތުގެ ބައެއް ހަލާކުވެގެންނެވެ. ހާޓްއެޓޭކް ޖެހެން ދިމާވާ މައިގަނޑު އެއް ސަބަބަކީ ހިތަށް ލޭފޯރުކޮށްދޭ މައިލޭހޮޅިއެއް ކަމުގައިވާ ''ކޮރޯނަރީ އާޓަރީ" ބެދުމުގެ ސަބަބުުންނެވެ.
ހާޓްއެޓޭކެއް ޖެހުމަށް ފަހު ފަރުވާނުދެވި ގިނައިރު ވާނަމަ ހިތުގެ މަސްތަކަށް ގެއްލުން ލިބެއެވެ. އެހެންކަމުން ހާޓްއެޓޭކެއްގެ އަލާމާތްތަކާ ބެހޭ ގޮތުން ހޭލުންތެރިވުމަކީ ނުހަނު މުހިންމު ކަމެކެވެ.
ހާޓްއެޓޭކް ޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން ނުވަތަ ބޯ އެނބުރުން، ކަރުގައި ރިއްސުން، ހޫނުވެ ދާހިއްލުން، ނޭވާކުރުވުން އަދި މޭގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ.
ހާޓްއެޓޭކް ޖެހޭ ގިނަ ހާލަތްތަކުގައި، މޭގެ ވައަތް ފަޅިއަށް ތަދުވާނެއެވެ. އަދި އެ ތަދު ކުޑަ ވަގުތުކޮޅަކަށް ހުރެއެވެ. ނުވަތަ ކުޑަ ވަގުތުކޮޅަކަށް ތަދުވުމަށް ފަހު، ރަނގަޅުވެ، އަނެއްކާވެސް ތަދުވާން ފަށާނެއެވެ.
ހާޓްއެޓޭކް ޖެހުމަށްފަހު ހިތަށް ގިނަގުނަ ގެއްލުންތަކެއް ލިބެއެވެ. އެގޮތުން، ހިތުގެ ވިންދު ޖެހުމަށާއި ލޭދައުރުކުރުމަށް މި ކަމުގެ ސަބަބުން އަސަރު ކުރެއެވެ.
މުސްތަގްބަލްގައި ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ގިނައެވެ. އެގޮތުން، ގަވައިދުން ކަސްރަތުކުރުން، ސިއްހަތަށް ފައިދާލިބޭ ކާނާ ކެއުން އިތުރުކުރުން، ދުންފަތުގެ އިސްތިއުމާލު ނުކުރުން، ކާޑިއަކް ރިހެބްލިޓޭޝަން ސެންޓަރަށް ދިިޔުން ފަދަ ކަންކަން ހިމެނެއެވެ.
ކާޑިއަކް ރިހެބްލިޓޭޝަން އަކީ ކޮބާ؟
ކާޑިއެކް ރިހެބިލިޓޭޝަން އަކީ ހާޓް އެޓޭކެއް ޖެހި، ހިތް ހުއްޓުން، ނުވަތަ އެނޫންވެސް ހިތުގެ މައްސަލައެއް ޖެހި، ސާޖަރީ ނުވަތަ ބޭސްފަރުވާ ކުރަން ޖެހޭ ކޮންމެ މީހަކަށް ވެސް ވަރަށް މުހިންމު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީތެރިވެދޭނެ ގޮތްތައް އުނގަންނައިދިނުމުގެ އިތުރުން، ސިއްހަތަށް ފައިދާލިބޭ ކާނާ ކެއުމަށް ބާރު އަޅައެވެ. ހަމަ މިއާއެކު، ސެޓްރެސް ރިލީޒް ކުރުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ކައުންސެލިން ދެއެވެ.
އެހެންކަމުން ހާޓްއެޓޭކް ޖެހިފައިވާ ކޮންމެ މީހެއްވެސް މި ޕްރޮގްރާމް ފުރިހަމަ ކުރުމަކީ މުހިންމުކަމެކެވެ.