ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތް ހެދުމަށް ބައު ޖަމާލުއްދީން ހުސްކުރުމަށް އެތަނުގައި ހިންގަމުން އަންނަ އިދާރާތަކަށް އަންގައިފިއެވެ.

އެ އިމާރާތުގައި މިވަގުތު އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާ ބެހޭ މަރުކަޒުގެ އިތުރުން ސްކައުޓް އެސޯސިއޭޝަނުގެ އިދާރާވެސް އަންނަނީ ހިންގަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބު "ސަން"އަށް ވިދާޅުވީ އެ ތަން ހުސްކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި ވަގުތީގޮތުން އެ ތަނުގައި ހުރި ސާމާނު އެންމެ ފަހުން ހުސްކުރި ޢަރަބިއްޔާގެ އިމާރާތަށް ބަދަލު ކުރަމުންދާ ކަމަށެވެ.

ހަބީބު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ކޮމިޝަނަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވާނެ ކަމަށެވެ.

"ރާއްޖޭގެ އެންމެ ބޮޑު ތިން އިންތިޚާބު ކުރިއަށް މިއޮތީ ޖެހިޖެހިގެން، އެހެންވީމަ ވަރަށް ބޮޑަށް ޖާގައިގެ ދަތިކަން ދިމާވާނެ" ހަބީބް ވިދާޅުވިއެވެ.

މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒުގެ މަސައްކަތް ކުރުމަށް ދަރުބާރުގެ ދޫކޮށްފައެވެ. އޭގެ ފަހުން ނަސަންދުރަ ހޮޓެލްގައާއި، ޑްރީމް ބިލްޑިންގައި ވެސް ވަނީ އެ މަރުކަޒު ހިންގާފައެވެ. ބައު ޖަމާލުއްދީނަކީ އެ ފާއިތުވި ހަ އަހަރުގެ ތެރޭ އެ މަރުކަޒު ހިންގި ހަތަރުވަނަ އިމާރާތެވެ.