މުދަލާއި ފައިސާއާ ބެހޭ 8،000 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނަ މައްސަލަ ހުށަހަޅާފައި ވަނީ މުދަލާއި ފައިސާއާ ބެހޭ ގޮތުންނެވެ. އެގޮތުން އެފަދަ 8604 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އަދި އޭގެ ތެރެއިން 891 މައްސަލަ މިހާރު ވަނީ ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފަ އެވެ. ދެވަނަ އަށް އެންމެ ގިނަ އަށް ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތެކެވެ. އެގޮތުން ވައްކަމުގެ 5454 މައްސަލައެއް ހުށަހަޅާފައިވާ އިރު، އޭގެތެރެއިން ތަހުގީގު ނިންމައި 533 މައްސަލައެއް ވަނީ ޕީޖީ އަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިދިޔަ އަހަރު ކައުންޓަފީޓް އަދި ފޯޖު ކުރުމުގެ 1614 މައްސަލައެއް ވެސް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.
މިދިޔަ އަހަރު ތަފާތު އެކިކަހަލަ އެކްސިޑެންޓްތަކުގައި މީހުން މަރުވެގެން އަށް މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ އިރު، ޓްރެފިކް މައްސަލަތަކުގެ ގޮތުގައި 2264 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އޭގެތެރޭގައި ހާހަކަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައި ވަނީ އެއްގަމުގައި ދުއްވާ އެއްޗެހީގެ މައްސަލަ އެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިދިޔަ އަހަރު ވެސް ވަނީ މަސްތުވާތަކެއްޗާއި މާރާމާރީގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައިފަ އެވެ. އޭގެތެރޭގައި ނާކޮޓިކް ޑްރަގްގެ 1616 މައްސަލައެއް ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން ވެސް ރާގެންގުޅުމުގެ 96 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

މިދިޔަ އަހަރު ޓެރަރިޒަމްގެ 90 މައްސަލައެއް ޕީޖީއަށް ފޮނުވާފައިވާ އިރު، މާރާމާރީ ހިންގުމުގެ 421 މައްސަލައެއް ވަނީ ޕީޖީ އަށް ފޮނުވާފައި އެވެ. އަދި ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ ތިން މައްސަލަ އެކެވެ. ގަސްތުގައި ކުޑަ ކުއްޖަކު މަރާލުމުގެ ދެ ދައުވާއެއް ޕީޖީ އަށް ފޮނުވާފައިވާ އިރު، މަރާގުޅޭ 171 މައްސަލަ މިދިޔަ އަހަރު ފުލުހުނަށް ހުށަހަޅާފައިވެ އެވެ. އޭގެތެރެ އިން ޕީޖީ އަށް ދައުވާ ކުރުމަށް 20 މައްސަލައެއް ވަނީ ފޮނުވާފަ އެވެ. މިދިޔަ އަހަރު އަމިއްލައަށް މަރުވާން މަސައްކަތް ކުރި 14 މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ އިރު އޭގެތެރެއިން ތިން މައްސަލަ ވަނީ ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފަ އެވެ.

މިދިޔަ އަހަރު ޒިނޭކޮށްގެން 17 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ އިރު އޭގެތެރެއިން އަށް މައްސަލަ ވަނީ ޕީޖީއަށް ފޮނުވާފަ އެވެ. އަދި ނަހަލާލަށް ވިހެއި 97 މައްސަލައެއް ހުށަހަޅާފައިވާ އިރު ނަހަލާލަށް ބަލިވެ އިނދެގެން ހުށަހަޅާފައި ވަނީ ފަސް މައްސަލަ އެކެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވިހެއުމުގެ ކުރިން ނުވަތަ ވިހެއުމާ އެކު ދަރިމަރާލުމުގެ އަށް މައްސަލައެއް ހުށަހަޅާފަ އެވެ. އޭގެތެރެއިން އެއް މައްސަލަ ވަނީ ޕީޖީ އަށް ފޮނުވާފަ އެވެ. ވިހޭކަން ނޭންގުމުގެ މަގުސަދުގައި ވިހާފައި ދަރިމަރާލާ ފޮރުވަން މަސައްކަތް ކުރި މައްސަލައެއް ވެސް ފުލުހުންނަށް ހުށަހަޅާފަ އެވެ.
މިދިޔަ އަހަރު އެއްޖިންސުން ގުޅުންހިންގައިގެން ހުށަހަޅާފައި ވަނީ 15 މައްސަލަ އެކެވެ. އޭގެތެރޭ ގިނައިން ހިމެނެނީ ފިރިހެނުން އެއްޖިންސުން ގުޅުންހިންގައިގެން ހުށަހަޅާފައި ހުރި މައްސަލަތަކެވެ.

ބަދުއަޚްލާގީ ޢަމަލު ހިންގުމުގެ 485 މައްސަލައެއް މިދިޔަ އަހަރު ރިޕޯޓު ކޮށްފައިވާ އިރު އޭގެތެރެއިން 210 މައްސަލައެއް ވަނީ ޕީޖީ އަށް ފޮނުވާފަ އެވެ. އަދި ނުރުހުމުގައި ބަދުއަޚްލާގީ ޢަމަލު ހިންގި 130 މައްސަލައެއް ހުށަހަޅާފައިވާ އިރު 32 މައްސަލައެއް ވަނީ ދައުވާ ކުރަން ފޮނުވާފަ އެވެ.

ޓޫރިސްޓަކާ މެދު ނުރުހުމުގައި ބަދުއަޚްލާގީ އަމަލު ހިންގުމުގެ ހަތް މައްސަލަ އެއް ހުށަހަޅާފައިވާ އިރު ޚާއްސަ އެހީއަށް ބޭނުންވާ މީހަކާ ދޭތެރޭ ބަދުއަޚްލާގީ އަމަލު ހިންގުމުގެ ފަސް މައްސަލައެއް ހުށަހަޅާފައިވެ އެވެ. އަދި ހަށިވިއްކުމުގެ 13 މައްސަލައެއް ހުށަހަޅާފައިވާ އިރު ކުޑަކުއްޖަކު ލައްވައި ހަށިވިއްކި މައްސަލައެއް ވަނީ ޕީޖީއަށް ފޮނުވާފަ އެވެ. ކުޑަކުދިންނާ އެކު ބަދުއަޚްލާގީ އަމަލު ހިންގުމުގެ 262 މައްސަލައެއް މިދިޔަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވާ އިރު، އެންމެ ގިނައިން ހުށަހަޅާފައި ވަނީ 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނާ އެކު ބަދުއަޚްލާގީ އަމަލު ހިންގުމުގެ މައްސަލަތަކެވެ.

މިދިޔަ އަހަރު އޮރިޔާން ފޮޓޯ އާއި ފިލްމުގެ މައްސަލަތަކުގެ ގޮތުގައި 59 މައްސަލައެއް ހުށަހަޅާފައިވާ އިރު ގިނައިން ހުށަހަޅާފައި ހުރީ އޮރިޔާން ފޮޓޯ ނެގުން ނުވަތަ ފިލްމުގެ މައްސަލަ ތަކެވެ.