19 Mar 2022, 13:14
ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި، ގދ. ތިނަދޫއިން މީހުން ބޭލުވި މައްސަލައިގެ އަޑުއެހުންތައް ފެށިގެން ކުރިއަށް އެބަދެއެވެ.
ތިނަދޫގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގައި ކުރިއަށްދާ މި އަޑުއެހުންތައް މިމަހުގެ 22ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން މައުލޫމާތުދެއެވެ.
އެ އޮފީހުން ބުނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00އަށް އަދި މެންދުރު ފަހު 2:00އިން 6:00އަށް މި އަޑުއެހުންތައް ކުރިއަށް ދާނެކަމަށެވެ. މި އަޑުއެހުންތައް ދައުލަތުގެ މީޑިއާއިން އަންނަނީ ވަގުތުން ދުރަށް ދައްކަމުންނެވެ.
ޗީޕް އޮމްބަޑްސްމަން އަބްދުއްސަލާމް އާރިފް "ސަން"އަށް ވިދާޅުވީ މިއީ ތަހުގީގުގެ އެއް ބައި ކަމަށާއި، ބަޔާން ނެގުމަށް ފަހު، އެ ބަޔާންތައް ދިރާސާ ކުރުމުގެ މަސައްކަތް މާގިނަ ދުވަހެއް ނުވެ ނިންމާލެވޭނެ ކަމަށެވެ.
"ބަޔާން ދޭ އިރު އެބައާދޭ ބައެއް ކަންކަމާ ގުޅޭ ގޮތުން ވަރަށް ގިނަ މައުލޫމާތު. އޭގެ ތެރެއިން ޖިނާއީ ބައެއް ކުށްތަކުގެ މައުލޫމާތު ވެސް އެބަ އާދޭ. އެ މައުލޫމާތު ތަކާއި، ހުރިހާ ކަމަކަށް ރިއާޔަތް ކުރެވިގެން އަޅުގަނޑުމެންގެ ގާނޫނުގައި ބުނާ ގޮތަށް އެ ކަންކަމަށް ހައްލެއް ގެނައުމަށް ޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން،" ސަލާމް ވިދާޅުވިއެވެ.
އެ މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅީ ތިނަދޫ ކައުންސިލުންނެވެ. އެ ހުށަހެޅުމުގައި މައިގަނޑު ހަތަރު ކަމަކަށް އެދިފައިވެއެވެ. އޭގެ ތެރޭގައި، މާލޭގައި ހުންނަ ވެލާނާގޭގެ ނަން "ގދ. ތެނަދޫ" ވެލާނާގެއަށް ބަދަލުކުރުމަށް އެދިފައި ވެއެވެ.
މީގެ އިތުރުން އެ ކަމަށް ދިވެހި ދައުލަތުގެ ފަރާތުން، ތިނަދޫ ރައްޔިތުންގެ ކިބައިން މާފަށް އެދުމަށާއި، ނިގުޅައިގަނެފައިވާ ހައްގުތައް ހޯދައި ދިނުމަށާއި، އެކަމުގައި ބައިވެރިވި ފަރާތްތަކުގެ މުދަލާއި ބިންތަކުން ލިބޭ 50 އިންސައްތަ ފައިދާ ތިނަދޫ ރައްޔިތުންނަށް ދާއިމަށް ލިބޭނެ ގޮތް ހެދުމަށް ވެސް އެ ހުށަހެޅުމުގައި ވެއެވެ.
ރައީސް ނާސިރުގެ ދުވަސްވަރު އެ ރަށުން މީހުން ބޭލީ ވަކި ސަރުކާރެއް އިއުލާނުކުރުމާއެކު، ހަވަރާއެކު އެރަށަށް ވަޑައިގަތުމަށް ފަހުއެވެ. އެ ހާދިސާގައި އަނިޔާވެރި، ލާއިންސާނީ އަމަލުތަކެއް ހިންގި ކަމަށް ގިނަ ބަޔަކު ބުނެއެވެ.