21 Mar 2022, 07:52
މާބަނޑު ދުވަސްވަރު އެންމެންވެސް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދީގެން ކުރާ އެއްކަމަކީ ބަނޑުގައިވާ ދަރިފުޅަށާއި މައިމީހާއަށް ފައިދާހުރި ކާނާ ފޯރުކޮށްދިނުމެވެ.
އެގޮތުން މާބަނޑު ދުވަސްވަރު ސިއްހަތަށް ފައިދާހުރި ކާނާކެއުން އިތުރުކޮށް، ސިއްހަތަށް ގެއްލުން ލިބޭފަދަ ކާނާ ތަކުން ދުރުހެލިވެ ހުރުމަކީ މުހިންމު ކަމެކެވެ.
ޑޮކްޓަރުންނާއި ނިއުޓްރިޝަނިސްޓުން ބުނާ ގޮތުގައި މާބަނޑު ދުވަސްވަރު އަންނާރު ކެއުމުން ނުވަތަ އަންނާރު ޖޫސް ބުއިމަކީ ސިއްހީގޮތުން ގެއްލުންލިބޭ ކަމެއް ނޫނެވެ. މިހާތަނަށް އަންނާރު ކެއުމުން ލިބޭ ގެއްލުމުގެ ހާދިސާއެއް ނުވަތަ ހެއްކެއްވެސް ނެތެވެ.
އަންނާރު ޖޫހުގައި ހަށިގަނޑަށް ފައިދާހުރި ގިނަ މާއްދާތައް އެކުލެވިގެންވެއެވެ. އެގޮތުން އަންނާރުގައި މާބަނޑު އަންހެނުންނަށް ކޮންމެހެން ބޭނުންވާ ވިޓަމިންސް އާއި މިނަރަލްސް ހިމެނެއެވެ.
މީގެއިތުރުން، އަންނާރަކީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މޭވާއެކެވެ. އެހެންކަމުން މި މޭވާ ކެއެމުގެ ސަބަބުން، ހަށިގަނޑުން ދަގަނޑު މަދުވުމުގެ ސަބަބުން ޖެހޭ ބަލިތަކުން ދުރުކޮށްދެއެވެ.
ހަމައެއާއެކު، އަންނާރުގައި ފައިބާ އެކުލެވޭތީ، ބަނޑުގައި ރިއްސުމާއި ހަޖަމުކުރުމުގެ ބަލިތަކުން ދުރުހެލިވުމަށް އެހީތެރިވެދެއެވެ.
މާބަނޑު ދުވަސްވަރު ކޮންމެހެންވެސް ބޭނުންވާ ފޯލޭޓް ވެސް އަންނާރުގައި އެކުލެވިގެންވެއެވެ. އެގޮތުން ދުވާލަކު އަންނާރު ޖޫސްތައްޓެއް ބުއިމުން ހަށިގަނޑަށް ބޭނުންވާ ފޯލޭޓްގެ 10 ޕަސެންޓް ލިއްބައިދޭނެއެވެ.
ފޯލޭޓް އަކީ ތުއްތު ދަރިފުޅުގެ ނާރުތަކުގެ ނިޒާމު އުފެދުމަށް އެހީތެރިވެދީ، ސިކުނޑީގެ ހެދިބޮޑުވުން ރަނގަޅަށް ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރާ އެއްޗެކެވެ.
ކެއުމުގެ ތެރޭގައި އަންނާރު ބޭނުން ކުރެވޭނެ ގިނަ ގޮތްތަކެއްވެއެވެ. އެގޮތުން، ސެލެޑް ތައްޔާރު ކުރާއިރު އަންނާރުގެ އޮއް ބޭނުންކުރުމަކީ ސެލެޑްގެ ރަހަ ރަނގަޅުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން، ހެނދުނުގެ ނާސްތާގައި އަަންނާރު ޖޫސް ބޭނުންކުރެވިދާނެއެވެ.
އަންނާރުން ލިބޭ ފައިދާތައް ލިބިގަތުމަށްޓަކައި ފިހާރަތަކުގައި ވިއްކަން ހުންނަ ޕެކެޓް ޖޫސް ބޭނުންކުރުމުގެ ބަދަލުގައި އަންނާރުގެ ދިޔައިން އަމިއްލައަށް ޖޫސް ހެދުމަށް ފަހު ބުއިން މުހިންމެވެ.
އަންނާރު ގަަންނައިރު އޭގެ ބަރުދަނަށް ސަމާލުކަން ދޭން ޖެހޭނެއެވެ.ސަބަބަކީ، ބަރު އަންނާރު ތަކުގައި އަންނާރުގެ ދިޔަ ގިނައިން އެކުލެވިގެންވާތީއެވެ.