20 Mar 2022, 07:41
ނޭވާހިއްލުމަކީ ރާއްޖޭގައި ގިނަ އަދަދެއްގެ ބަޔަކު ތަހައްމަލް ކުރަމުންދާ ބައްޔެކެވެ.
ނޭވާ ހިއްލަން މެދުވެރިވާ ސަބަބަކީ ނޭވާކުރުވެ، ނޭވާލާން އުނދަގޫވުމެވެ. ނޭވާހިއްލުމުގެ ސަބަބުން ނޭވާހިނގާ މަގުގައި އިންފްލެމޭޝަން އުފެދެއެވެ. އޭގެ ސަބަބުން ފުއްޕާމެއަށް އޮކްސިޖެން ލިބޭ މިންވަރު މަދުވެ، މެޔަށް ތަދުވުން އެކަށީގެންވެއެވެ.
ނޭވާ ހިއްލުމަކީ އާއިލީ ގޮތުން ވާރުތަވުމުގެ ފުރުސަތު ބޮޑުު ބައްޔެއް ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ކޮވިޑް-19 ފަދަ ބައްޔެއް ޖެހިފައިވާ މީހެއްނަމަ، މި ބަލީގެ ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
ނޭވާހިއްލުމުގެ އަލާމާތްތަކުގެ ތެރޭގައި ނޭވާކުރުވުން، މޭގައި ކުއްލިއަކަށް ރިއްސުން، ނޭވާކުރުވުުމުގެ ސަބަބުން ނިދަން އުނދަގޫވުން ފަދަ ކަންކަން ހިމެނެއެވެ.
މީގެ އިިތުރުން، ނޭވާލާ ހޮޅި ހިމަވުމުން ބޭރަށް ނެވާލާއިރު ވީޒް ކުރާ އަޑު އިވޭނެއެވެ. މި އަލާމާތް އާންމުގޮތެއްގައި ފެންނަނީ ކުޑަކުދިންގެ ފަރާތުންނެވެ.
"އެސްމާ އެޓޭކް" އަކީ ކުއްލިއަކަށް ނޭވާހިއްލުމުގެ އުދަނގޫތައް ގޯސްވުމެވެ. ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުން ނޭވާހޮޅި ވާންވެ، ފިތި، ދުޅަވެ، ދަވަ ޖަމާވެގެން ދެއެވެ.
ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުން ފެންނާނެ އާންމު އަލާމާތްތަކުގެ ތެރޭގައި ދިރިއުޅުމުގައި އާންމުކޮށް ކުރާ މަސައްކަތްތައް ފުރިހަމަކުރަން އުނދަގޫވުން، މެޔަށް ވާންވެ ތަދުވުން، ނޭވާލާއިރު ތޫލިއަޑެއްހުރުން ފަދަ ކަންކަން ހިމެނެއެވެ.
މި ބައްޔަށް ވަކި ފަރުވާއެއް ނެތް ނަމަވެސް މި ބަލި ކޮންޓްރޯލް ކުރެވިދާނެއެވެ. އެގޮތުން ނޭވާ ހިއްލުމުގެ އަލާމާތްތަށް ދެނެގަނެ ސިއްހަތާ މެދު ފަރުވާތެރިި ވެވިދާނެއެވެ. އެގޮތުން، ގަވައިދުން ޑޮކްޓަރަށް ދައްކާ، ބޭސް ކެއުމުގެ އިތުރުން، ރޯގާ އަދި އަރިދަފުސް ފަދަ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން އިންފްލުއެންޒާ ވެކްސިން ޖެހުން ރަނގަޅެވެ.
މީގެ އިތުރުން ނޭވާހިއްލުމުން އިންހޭލާ ބޭނުން ކުރުމަކީ ނޭވާ ލާން ފަސޭހަ ވާނެ ކަމެކެވެ.