19 Mar 2022, 12:04
ރާއްޖެ އެޓޯލް ވޯލީބޯލް ޗެމްޕިއަންޝިޕްގެ ފ.އަތޮޅުގެ އަންހެން ޑިވިޝަންގައި ރޭ ނިލަންދޫ ސްޕޯޓްސް ކުލަބް (އެންއެސްސީ)އާ ދެކޮޅަށް ކުޅުނު މެޗުން ބިލެއްދޫ ރައިސިން ސްޓާ ސްޕޯޓްސް އެކަޑަމީ (ބީއާރުއެސް)އަށް އުނދަގޫ މޮޅެއް ލިބިއްޖެއެވެ.
ރޭގެ މެޗު ފަށައިގެން ބިލެއްދޫން ދެ ސެޓު ގެނެސްފައި ވަނިކޮށް، ނިލަންދޫން ވަނީ ފަހަތުން އަރައި ދެ ސެޓު ހޯދައި އެއްވަރުކޮށްފައެވެ.
ފުރަތަމަ ސެޓު ބިލެއްދޫން ކާމިޔާބުކުރީ 25-15 އިންނެވެ. އަދި ދެ ވަނަ ސެޓު ކާމިޔާބުކުރީ 25-18 އިންނެވެ.
ނަމަވެސް ނިލަންދޫން ވަނީ 25-22 އިން ތިން ވަނަ ސެޓު ކާމިޔާބުކޮށްފައެވެ. އަދި ޖެހިގެން އައި ހަތަރު ވަނަ ސެޓު ނިލަންދޫން ކާމިޔާބުރީ 25-09 ގެ ބޮޑު ތަފާތަކުންނެވެ.
ފޯރި ގަދަ ކުޅުމަކަށްފަހު ބިލެއްދޫން ވަނީ 15-13 އިން ފަސް ވަނަ ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބިލެއްދޫ ޓީމުގެ ރިފްދާ އިބްރާހީމްއެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގައި މިއަދު ހަވީރު ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) ނިކުންނަަނީ ނިލަންދޫ ސުޕަ ޖެނަރޭޝަން ކުލަބް (އެސްޖީސީ)އާ ދެކޮޅަށެވެ. އަަންހެން ޑިވިޝަންގައި މިރޭ އެފްޑީއެސް ނިކުންނާނީ މަގޫދޫ ޒުވާނުންގެ ކުލަބް (އެމްޒެޑްސީ)އާ ދެކޮޅަށެވެ.