ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ޒަރީރުގެ މައްޗަށް ގެވެށި އަނިޔާގެ ބޮޑު ތުހުމަތެއް ކުރެވޭއިރު ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު މި ނޫހަށް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ޒަރީރުގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަޒްރާ "ސަން" އަށް ބުނިގޮތުގައި ޒަރީރުއާއެކު ވޭތުކުރި 17 ވަރަކަށް އަހަރު ތެރޭގައި އޭނާއަށް ތަޖުރިބާ ކުރަން ޖެހުނީ މާޔޫސީ ދުވަސްތަކެކެވެ.

ޝަޒްރާ ބުނިގޮތުގައި 2002 އަހަރުގެ ޑިސެންބަރު މަހުން ފަށައިގެން ޒަރީރުގެ އަންބެއްގެ ގޮތުގައި އޭނާ ހޭދަކުރިއިރު ކޮންމެ ދުވަހަކީ ތަފާތު އެތައް ކަމެއް ތަޖުރިބާކުރި ދުވަސްތަކެކެވެ.

"ޒަރީރުއާ އިނދެގެން ފުރަތަމަ ދަރިފުޅަށް ޕްރެގްނެންޓްވީ ހިސާބުން ފަށައިގެން ޒަރީރުއަކީ ވަރަށް އެބިއުސިވް މީހެއް. ފިޒިކަލީ އަޅުގަނޑަށް އަނިޔާ ކުރާކަން އެނގިގެން ޒަރީރުގެ ބައްޕަ ވެސް ބުނެފަ ހުންނާނެ ޒަރީރުއޭ މީހެއްގެ ދަރިއަކަށް ތިޔަކަހަލަ އަނިޔާ ނުކޮށް ދޫކޮށްލާށޭ. އެހެން ބުނާ ވަރަށް ޕްރެގްނެންޓް އިރުވެސް އަނިޔާކުރި. އެވަރަށް އަނިޔާކުރާ އިރުވެސް އަހަރެން އެކަން ޓޮލެރޭޓް ކުރިން،" ޝަޒްރާ ބުންޏެވެ.

ޒަރީރުއަކީ ދެމަފިރިންގެ މެދުގައި ޖެހޭ ކުދިކުދި މައްސަލަތަކުގައި ވެސް ވަރަށް ފަސޭހައިން ވަރި އިސް ކުރާ ބޭފުޅެއްކަން ފާހަގަ ކުރަމުން ޝަޒްރާ ބުނީ އެގޮތުން ތާކުންތާކު ނުޖެހޭ މައްސަލައެއްގައި ޒަރީރު އޭނާ އެންމެ ފުރަތަމަ ވަރިކުރީ ދަރިފުޅުގެ އުމުރުން ހަތަރު މަސް ވީތަނާހެން ކަމަށެވެ.

"އޭގެ ފަހުން ޒަރީރު އެތައް އާދޭހެއް ކޮށްގެން ރައްޓެހިން ފޮނުވައިގެން އެކަހަލަ ގޮތަކަށް އަނެއްކާ ވެސް އޭނާގެ ލައިފަށް އެނބުރި ދިޔައީ. ގޮސްގެން ދެވަނަ ދަރި ލިބިފައި ހުއްޓާ އަނެއްކާ ވެސް ދަރިފުޅަށް ނުވަ މަހުގަ ދެވަނަ ފަހަރަށް ވަރިކުރީ،" ޝަޒްރާ ކިޔައިދިނެވެ.

"ދެން ހެދި ގޮތަކީ ރާއްޖެއިން ބޭރަށް އަޅުގަނޑު ފޮނުވާލަނީ. ފޮނުވާލާފަ ތިން ވަނަ ދަރިފުޅު ލިބޭތަނުން އަނެއްކާ ރާއްޖެ ގެނެސް، ދެހާސް ތޭރަ ވަނަ އަހަރުގެ އީދު ދުވަހު ޒަރީރު އަނެއްކާ ވެސް ތިން ވަނަ ފަހަރަށް ވަރިކުރީ. އެ ހިސާބުން އެ ތިން ފަށްވީ. އެދުވަހު އަޅުގަނޑުގެ ބޭބެ މިގެއަށް އައިސް އަޅުގަނޑު ގޮވައިގެން ވެސް ދިޔަ. ދެން ޒަރީރު އައިސް ތިމަންނަގެ ތިން ދަރިންނަށް ޓަކާއޭ ކިޔައިގެން އާދޭސް ކުރުމުން އަޅުގަނޑު އަނެއްކާ ވެސް އެނބުރި އައީ،"

ދަރީންގެ ހައްގުގައި ޒަރީރު ކައިރިއަށް އައިސް ކެތް ކޮށްގެން ހުއްޓެއްކަމަކު ޒަރީރުގެ މައިންބަފައިންނާއި އެއްބަނޑުއެއްބަފާ ކުދީންގެ ކުރިމަތީގައި ވެސް އެ ދުވަސްތަކުގައި ގެންދިޔައީ ބޮޑެތި އަނިޔާތައް ކުރަމުން ކަމަށް ޝަޒްރާ ބުނެއެވެ.

ޒަރީރުގެ ފަރާތުން ލިބެމުންދިޔަ އަނިޔާގެ ތަކުގެ ތެރޭގައި، ހޭނެތިގެން ހުރި ތަނަށް ވެއްޓޭ ފަހަރު އަންނަ ކަމަށް ވެސް ޝަޒްރާ ބުންޏެވެ.

ޒަރީރުގެ ފަރާތުން ލިބެމުންދިޔަ އަނިޔާތައް އެންމެ ކައިރިން ފެންނާނޭ އެއްބަޔަކީ ޝަޒްރާގެ އާއިލާ މީހުން ކަމަށް ވެފައި އެހެނެއްކަމަކު ޝަޒްރާގެ ދިފާއުގައި އެމީހުން ތެދުވެ، ހެކިބަސްދޭން ވެސް ނުކެރުނު ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ގިނަ ފަހަރަށް ޒަރީރު އަޅުގަނޑާ ދޭތެރޭގައި ކަންތައްތައް ކޮށްފައިހުރި ގޮތަކީ މައިންބަފައިން ކުރިމަތީގަ ބަވާ ކުޑަކޮށްލާފަ ހުންނައިރު ވެސް އަޅުގަނޑުގެ މައިންބަފައިންނަކަށް ނުކުރޭނެ ޒަރީރު ކުރިމަތީގަ ޗުއްޕު ވެސް ބުނާކަށް. އަޅުގަނޑުގެ މުޅި އާއިލާ ތެރެއަށް އޮތީ ޒަރީރުގެ ނުފޫޒު ވަދެފައި. މިއީ އެއްވެސް ދޮގަކާ ނުލާ މާތްﷲ ގަންދީ ހުވާކޮށްފަ ބުނާ ތެދު،" ޝަޒްރާ ބުންޏެވެ.

ދެމަފިރިންގެ ދެމެދުގައި އުފެދެންފެށި އަރާރުމާއި ހަމަނުހެނުންތަކުގެ ތެރޭގައި ބޮޑެތިވެ، ތަރުބިއްޔަތުވަމުން އައި ތިން ދަރީންނަށް ވެސް ވަނީ ނަފުސާނީ ގޮތުން ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކޮށްފައި ކަމަށް ޝަޒްރާ ބުންޏެވެ.

"ބޮޑެތި މެންޓަލް އެބިއުސް ތަކެއްގެ ތެރޭގައި ބޮޑެތިވަމުން އައި ކުދިންތަކެއް ވީމަ އެކުދީންގެ ފަރާތުން ވެސް މިހާރު އެކަން ފެންނަން ފަށައިފި. ޖެންޑާއިން ވެސް ވަނީ މިހެން ބުނެފައި. ވަރަށް ބޮޑެތި މެންޓަލް އެބިއުސްތަކެއްގެ ތެރޭގައި ހަތަރު މީހުން ވެސް ހަމަ ގަނަތެޅުނީ" ޝަޒްރާ ކިޔައިދިނެވެ.

ޝަޒްރާ ބުނީ ލިބެމުންދިޔަ އަނިޔާތަކާއި ހިތްދަތިކަމުގެ ވާހަކަ ޒަރީރުގެ މައިންބަފައިންނަށް ވެސް ކިޔައިދެމުން ދިޔަ ކަމަށެވެ.

އެ ހުރިހާ ދުވަހަކު ލިބެމުން ދިޔަ ހިތްދަތިކަމާއި ކުރާ ގޯނާތަކުގެ ވާހަކަ ފޮރުވައިގެން ހުރެވުމަކީ ދިރިއުޅުމުގައި ހެދުނު ވަރަށް ބޮޑު ގޯހެއްގެ ގޮތުގައި ޝަޒްރާ މިއަދު ބުނެއެވެ.

ފިރިމީހާގެ ފަރާތުން އެފަދަ އަނިޔާ ތަހައްމަލް ކުރާން ޖެހުނު ހިނދުގައި ވެސް އެކަމަށް ކެތް ކޮށްގެން ޝަޒްރާ އުޅުނީ ކުދީންގެ ކިޔެވުމާއި މުސްތަޤްބަލަށް ޓަކައެވެ.

އޭނާ ބުނީ ތިން ފަހަރަށް ވަރިކުރުމުންނާއި ޒަރީރުގެ ފަރާތުން ލިބުނު ގެވެށި އަނިޔާތަކަށް މައާފް ކުރުމަށްފަހު އާ ދިރިއުޅުމެއް ފަށައިގެން މިވާހަކަތައް ހިއްސާ ކުރަން ޖެހުނީ ޒަރީރުގެ ފަރާތުން ލިބޭ އުދަނގޫތައް ދުވަހުން ދުވަހަށް އިތުރުވާން ފެށުމުން ކަމަށެވެ.

ޝަޒްރާގެ މި ވާހަކަތަކާއި ގުޅުވައިގެން "ސަން"އަށް ޒަރީރު ވިދާޅުވީ "ރޯބުހުތާނު ދޮގު" ހެދުމަކީ ޝަޒްރާގެ ކަށީގައި ހިފާފައިވާ ކަމެއް ކަމަށެވެ.

"ޝަޒްރާ އެ ހަދަނީ ކަނޑައެޅިގެން ދޮގު. ނިކަން ބައްލަވާ އަޅުގަނޑު އޭނާ ވަރިކުރި ފަހުންވެސް ހަތް އަހަރު ވަންދެން އޭނާގެ ހުރިހާ ކަމެއް ބަލަހައްޓައިދިނިން. ހަމަ މާލޭގަ މިނިސްޓަރެއްގެ އަންހެނުންނަށްވުރެ، އިއްޒަތުގައި ގެންގުޅުނީ. ނިކަން ބައްލަވާ ޝަޒްރާއަކީ ވެސް ހަމަ ރީތި ކުއްޖެއް. ގެވެހި އަނިޔާ ކުރާނަމަ އަޅުގަނޑު ކައިރީގައި އެހާ ދުވަހު ހުންނާނެތޯ،" ޒަރީރު ވިދާޅުވިއެވެ.

ޝަޒްރާ ތިން ވަނަ ފަހަރަށް ވަރިކުރާން ޖެހުނު ސަބަބެއްގެ ގޮތުގައި ޒަރީރު ވިދާޅުވީ ގޭގައި ގެންގުޅޭ ބިދޭސީ މަސައްކަތުމީހާއާ މާރާމާރީ ހިންގުމެވެ.

ޝަޒްރާގެ ފަރާތުން މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.

ޒަރީރު، ތިންފަށް ވަރިއަކުން ޝަޒްރާ ވަރިކުރުމުން އޭނާ މިހާރު އުޅެނީ އެހެން މީހަކާއިއެކު ޒަވާޖީ ހަޔާތެއް ފަށައިގެންނެވެ.

ޝަޒްރާ ބުނީ އުފާވެރި ކައިވެއްޏެއްގެ ހިތްގައިމުކަން ތަޖުރިބާ ކުރާން ފެށުނީ އަދިކިރިޔާ ކަމަށެވެ. އަދި ޝަޒްރާގެ މިހާރުގެ ފިރިމީހާ ސިފަ ކުރީ ޒަރީރުގެ ފުށުން އޭނާގެ ހިތަށް ލިބިފައިވާ ޒަޚަމް ތަކަށް ދެއްވި ޝިފާއެއްގެ ގޮތުގައެވެ.