ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލަށް އެންމެ ގެއްލުންހުރި މަސައްކަތެއް ކުރައްވަނީ އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޅ. ކުރެންދޫ ކައުންސިލްގެ ރައީސް ކަމުގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓަށް ތާއީދު ހޯއްދެވުމަށް އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ, އެމަނުކުފާނާ ވާދެވެރި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެމަނިކިފާނު އިސްކޮށް ހުންނަވައި ފައްޓަވާފައިވާ 'އިންޑިއާ އައުޓް' ކެމްޕެއިންގެ ހުރި ނުރައްކާތެރިކަން ކިޔައިދެއްވާފައެވެ.

"ރައީސް ޔާމީން އިންޑިއާ އައުޓް ކިޔުއްވާފަ އެ ކުރައްވަނީ ވަރަށް ނުރައްކާތެރިކަމެއް. ވަރަށް ނުރައްކާތެރިކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަމާ އަޅުގަނޑުމެންގެ ރާއްޖޭގެ އިސްތިގްލާލަށް މިއަށްވުރެން ގެއްލުންހުރި މަސައްކަތެއް އެހެން އަކަކުވެސް ނުކުރޭ," ޔާމީންއަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަކީ އަމިއްލަ މަންފާއެއް ހާސިލުކުރުމަށް ރައީސް ޔާމީން ކުރައްވާ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޮޑެތި ގައުމުތަކާއި ރާއްޖެއާ ދެމެދު މައްސަލަތައް ޖެހެމުން އަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ނަފުރަތު އުފެއްދެވުން. އެގައުމުތަކުގެ ރައްޔިތުން ވެސް އެގައުމުތަކުގެ ސަރުކާރުތައް ވެސް އެގައުމުތަކުގެ ވެރިން ވެސް އަޅުގަނޑުމެންނާ ދޭތެރޭގައި ހިތްބަރު ކުރައްވާ. ބޭރުގައުމެއްގެ ރުހުމުގެ ލޮލުން މި ދިވެހިރާއްޖެއަށް ނުބެލުނީމާ އަޅުގަނޑުމެނަށް ލިބޭނެ ނިކަމެތިކަމަކީ މި ދިވެހިރާއްޖޭގެ ތާރީހް ދަންނަ އެކަކަށް ވެސް އޮޅޭނެ ހަގީގަތެއް ނޫން," ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއިން މީގެއް އެތައް ސަތޭކަ އަހަރެއް ކުރިން ރަށްވެހިކަން ހޯދައި މިނިވަންކަން ހޯދާފައިވަނީ އަވަށްޓެރި ގައުމުތަކާ ގުޅިގެންކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެކަން ވަރަށް ރަނގަޅަށް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ރައީސް ޔާމީނަށް އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ އެބޭފުޅާ އެ ކުރައްވާ ކަމަކީ ދިވެހިރާއްޖެ އަނދަވަޅަކަށް ގެންދިއުން. އެބޭފުޅާގެ ވެރިކަމުގެ ބޭނުމުގަ. ވެރިކަމުގެ އުންމީދުގައި," ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީން އެކުރައްވަނީ ނުރައްކާތެރި މަސައްކަތެއްކަން ތަކުރާރު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ, އެފަދަ އެތަކެއް ވެރިންނެއް ދިވެހިން ދެކިފަ ވާނެ ކަމަށާއި އެވެރިންނަށް ދިވެހީން އަމަލުކުރި ގޮތް ތާރީޚުން ފެންނަން އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕީޕީއެމްގެ މެންބަރުންނަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ, ރައީސް ޔާމީނަށް ތާއިދުކުރެއްވުމަކީ ވަކި ކަމެއް ކަމަށާއި ނަމަވެސް ރާއްޖެއަށް ގެއްލުންހުރި ކަމެއް އެއްވެސް މެންބަރަކު އަދި އެއްވެސް ދިވެހިރައްޔިތަކު ކުރުމަކީ ބުއްދުވެރިކަމެއް ނޫން ކަމަށެވެ.

'އިންޑިއާ އައުޓް' ކެމްޕެއިންގެ ސަބަބުން ކުރިމަތިވާ ކަންތައްތަކުގެ ދިރާސާއެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ ނުވަތަ 241 ކޮމެޓީ އިން ވެސް ވަނީ ނިންމައިފައެވެ. އެ ކޮމެޓީއަށް ހުށަހެޅުއްވީ ރައީސް ނަޝީދެވެ.