16 Mar 2012, 13:30
ފުލުހުންގެ މަސައްކަތްތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓްގެ ދަތިކަން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އިއްޔެ ވިދާޅުވީ މިވަގުތައް ފުލުހުންގެ މަސައްކަތަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ބަޖެޓްގެ ދަތިކަން ކަމަށާއި ހުރިހާ ކަމެއް ގުޅިފައި ހުރީ ފައިސާ އާ ކަމަށެވެ. އަދި މިހާރަށް ވެސް ފުލުހުންގެ މުއައްސަސާ އަށް އިތުރު ފުލުހުން ބޭނުންވާކަން ފާހަގަކުރައްވައި ކޮމިޝަނަރު ވިދާޅުވީ އިތުރު ފުލުހުން ބޭނުންވާ ކަން ބަޔާންކޮށް ސަބަބުތަކާ އެކު ސަރުކާރުގެ ހުއްދައަކަށް މިހާރު އެދިފައި ވާނެ ކަމަށެވެ.
"އެންމެ ބޮޑު ގޮންޖެހުމަކަށް މިވަގުތައް އޮތީ ފައިނޭންސް. ފައިސާއާ ހުރިހާ ކަމެއް ގުޅިފައި މިހުރީ. އިތުރަށް ފުލުހުން ވެއްދުން ވެސް ގުޅިފައި ހުރީ ފައިސާއާ. އެއީ އެމީހުންގެ މުސާރައާއި އެހިނެހެން ކަންކަން ގުޅިފައިހުރީ. އަޅުގަނޑުމެން ވާނީ އެދިފައި ޚިދުމަތަށް އިތުރު ފުލުހުން ބޭނުންވާކަން ހާމަކޮށް ސަބަބުތަކާއެއްކޮށް އެކުމުގެ ހުއްދަ އަށް ސަރުކާރުގައި އެދިފައި،" ރިޔާޒް ވިދާޅުވި އެވެ.
އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތް ކުރާ ފުލުހުން މަދުކަން ފާހަގަކުރައްވައި ކޮމިޝަނަރު ރިޔާޒު ވިދާޅުވީ ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ތަންތަނުގައި ބޭނުންވާ އަދަދަށް ފުލުހުން ނުތިބޭ ކަމަށާއި ހާއްސަކޮށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންގެ ވަރަށް ގިނަ ވަގުތު މަސައްކަތަށް ހުސްކުރަންޖެހިފައިވާ ކަމަށެވެ. އަދި އެމީހުންނަށް އަރާމުކުރަން ލިބޭ ވަގުތު ކުޑަވެ، ޕޮލިސް ސްޓޭޝަންތަކުގެ ހާލަތު ދަށްކަން ފާހަގަކުރެއްވި އެވެ. ކޮމިޝަނަރު ވިދާޅުވީ އެފަދަ ސަބަބުތަކާ ހެދި ރައްޔިތުންނާއި ފުލުހުން ބައްދަލު ކުރަން ޖެހޭ ބައެއް ހާލަތްތަކުގައި ފުލުހުން ނަގަން ޖެހޭ ޑިސިސަންތައް ނުނެގި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މިހާރު އެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ކޮމިޝަނަރު ރިޔާޒު ވިދާޅުވި އެވެ.
"ބޮޑެތި ހާދިސާތައް ހިނގާތަންތަނަކީ ކޮބައިތޯ ބަލައި. އެތަންތަނަށް ފުލުހުންގެ އަދަދު އިތުރުކޮށް އަދި ފުލުހުންނަށް ލިބެން ޖެހޭ އަރާމާ ޗުއްޓީ ލިބޭނެ ގޮތަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް އެބަ ބައްޓަން ކުރަން،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ފުލުހުންނަށް ކައުންސިލުން ދިނުމުގެ މަސައްކަތް ވެސް އަލަށް ފަށާ މަސައްކަތްތަކުގެ ތެރެއިން ފުޅާކުރެވިގެންދާނެ ކަމަށެވެ. އަދި ފުލުހުންނާއި އާންމު ރައްޔިތުންނާ ހުރި ހަމައެކަނި ތަފާތަކީ ގާނޫނު ހިންގުމުގެ ބާރު ލިބިދިނުން އެކަނި ކަމަށާއި އެނޫން އެއްވެސް ތަފާތެއް ނެތް ކަމަށެވެ.