18 Mar 2022, 20:27
ޔޫކްރޭންގެ މަރިއުޕޯލް ސިޓީގައި އާންމުން ހިޔާވަހިކަން ހޯދަން ބޭނުންކުރި ތިއޭޓަރަކަށް ރަޝިއާއިން ބޮން އެޅިކަމަށް ޔޫކްރޭނުން ތުހުމަތުކޮށްފިއެވެ.
މަރިއުޕޯލްގެ ޑެޕިއުޓީ މޭޔަރު ސަރްގޭ އޯލޯވް ވިދާޅުވީ އެ ހަމަލާ ދީފައި ވަނީ ތިއޭޓަރުގައި 1000 އާއި 1200އާ ދެމެދުގެ އަދަދަކަށް މީހުން ތިއްބާ ކަމަށެވެ.
އެ ހާދިސާގައި ޒަހަމްވި މީހުންގެ އަދަދު އަދި ސާފުވެފައި ނުވެއެވެ. ނަމަވެސް އެ ތިއޭޓަރުން ގިނަ ބަޔަކު ސަލާމަތް ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޔޫކްރޭންގެ ޕާލިމެންޓު މެންބަރެއް ކަމަށްވާ ޑިމިޓްރޯ ގުރިން ވިދާޅުވިއެވެ.
އެ ސިޓީގެ މޭޔަރުގެ ތަރުޖަމާނެއް ކަމަށްވާ ޕެޓްރޯ އަންދްރިއުޝްޗެންކޯ ވިދާޅުވީ، ރަޝިއާއިން މެދުނުކެނޑި ބޮން އަޅަމުން ދިޔުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
ރަޝިއާގެ ވައިިގެ ހަމަލާތަށް ޔޫކްރޭންގެ އެޕާޓްމެންޓްތަކަށާއި ހޮސްޕިޓަލްތަކަށްވެސް ވަނީ އަމާޒުވެފައެވެ.
އެ ހަމަލާއާ ބެހޭ ގޮތުން މަރިއުޕޯލްގެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ރަޝިއާގެ ސިފައިން އެ ތިއޭޓަރު "ގަސްތުގައި، އިހާނެތި ގޮތަކަށް ހަލާކުކޮށްލާފައިވާ" ކަމަށް ބުނެފައެވެ. އަދި އެ ތިއޭޓަރަކީ، ރަޝިއާގެ ހަމަލާތަކުން ރައްކާތެރިވުމަށް މަރިއުޕޯލްގެ އެތައް ސަތޭކަ ރައްޔިތުން ދިރިއުޅެމުން ދިޔަ ތަނެއް ކަމަށް ވެސް ބުނެފައެވެ.
މީގެ އިތުރުން، ސިޓީ ކައުންސިލާއި ޔޫކްރޭންގެ ޚާރިޖީ ވަޒީރު ވެސް ވަނީ ރަޝިއާއަކީ "ހަނގުރާމައިގެ ޖަރީމާތައް" ހިންގާ ބައެއް ކަމަށް ތުހުމަތުކޮށްފައެވެ. އަދި ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ބޮމުގެ ހަމަލާ ކުށްވެރި ކުރައްވައި، ރަޝިއާއިން ގަސްތުގައި ތިއޭޓަރަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް ވިދާޅުވެފައެވެ.