މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އުޖާލާ ދިރިއުޅުން ފެސިލިޓީގައި މަސްވެރިންނަށް ބައިވެރިވެވޭ ގޮތް ހަދައިފިއެވެ.

އެމްއައިބީގެ އުޖާލާ ދިރިއުޅުން ފެސިލިޓީގެ ޚިދުމަތް މަސްވެރިންނަށް ދޭން ފެށުމުގެ ގޮތުން ރޭ ގދ. ފަރެސްމާތޮޑާގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެ ރަސްމިއްޔާތުގައި އެމްއައިބީގެ އެކްޓިން ސީއީއޯ އަޙުމަދު ރިޒާ ވިދާޅުވީ އިސްލާމިކް ބޭންކަކީ މަސްވެރިކަމުގެ ސީނާއަތަށް އަބަދުވެސް ތަރުހީބުދޭ ތަނެއް ކަމަށެވެ. އެގޮތުން މުޅި ރާއްޖެއިން ގާތްގަނޑަކަށް 100 ދޯންޏަށް އެ ބޭންކުން މިހާރުވެސް ފައިނޭންސްކޮށްފައިވާނެ ކަމަށް ރިޒާ ވިދާޅުވިއެވެ.

"މިރޭ މި ހާސިލް ކުރެވޭ ކާމިޔާބީގެ ފޮނި މީރުކަން އިތުރުވެގެންދާ އެއް ސަބަބަކީ މިއީ ދިވެހިރާއްޖޭގެ ބޭންކަކުން މިހާތަނަށްވެސް ދިވެހި މަސްވެރިންނާ މިހާ ގާތުން މަސައްކަތްކޮށް، ދިވެހި މަސްވެރިންނަށް ބޭނުންވާ ފައިނޭންސިން ޚިދުމަތެއް އަދި ވަކިން ޚާއްޞަކޮށް އިސްލާމިކް އުސޫލުން ދެވޭ ޝަރީޢާ ކޮމްޕަލައަންޓް ފައިނޭންސިން ޚިދުމަތެއް ތައާރަފް ކުރެވިގެންދާ ފުރަތަމަ ފަހަރު ކަމަށް ވުން،" ރިޒާ ވިދާޅުވިއެވެ.

އުޖާލާ ދިރިއުޅުން ފެސިލިޓީއަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ މުދާ ހެޔޮއަގުގައި މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާގޮތަށް އިސްލާމީ ޝަރީއަތުގެ ހަމަތަކުގެމަތިން ދޭ ފެސިލިޓީއެކެވެ.

އެ ފެސިލިޓީގެ ދަށުން އެކިބާވަތްތަކުގެ މުދާ ނެގޭނެއެވެ. އޭގެ ތެރޭގައި ފަރުނީޗަރާއި އިލެކްޓްރޯނިކްސް އާއި ފޯނާއި ހިފާގެންގުޅޭ ތަކެތި ހިމެނެއެވެ.

އެ ފެސިލިޓީގައި މަސްވެރިންނަށް ޚާއްޞަކޮށްފައިވާ ސްކީމްގެ ދަށުން، މަސްވެރިންނަށް ލިބޭ އާމްދަނީއަށް ބަލައި އެއް ލައްކަ ރުފިޔާއާ ހަމައަށް މުދާ ނެގުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.