ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އިސްނަގައިގެން މިއަދު މާލޭ ފަތާ ޓްރެކް ސަރަހައްދާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސާފުކޮށްފިއެވެ.

އެ ދެ ހަރަކާތަކީ، މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރާ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.

އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޑައިވް ކްލަބް މޯލްޑިވްސް އާއި ޑައިވް ޑެސްކް އަދި ޕާލޭއާ ގުޅިގެން މިއަދު ހެނދުނު 6:00 އިން ފެށިގެން 9:00 އަށެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުޙައްމަދު ސައީދު ވިދާޅުވީ މީގެ ތިން އަހަރު ކުރިން ވެސް އެ ބޭންކުން ފަތާ ޓްރެކް ސަރަހައްދު ސާފުކުރިކަމަށެވެ. އަދި އޭރާ އަޅާ ބަލާއިރު މިހާރު އެ ސަރަހައްދު ސާފުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހުޅުމާލެ ފޭސް ދޭއްގެ ސަރަހައްދަށް ބަލާއިރުވެސް އަތިރިމައްޗާއި ގޮނޑުދޮށުގައި ގިނަ ޕްލާސްޓިކް ކޮތަޅާއި ފުޅި ހުރި. ހުޅުމާލޭގެ ބީޗް ސަރަހައްދުގެ އެއްބައި މިއަދު ސާފުުކުރެވުނު އިރު 500 ކިލޯގެ ކުނި ނެގެނު. މި ހަރަކާތުގައި މުވައްޒަފުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުނު،" އޭނާ ވިދާޅުވިއެވެ.

އެ ދެ ސަރަހައްދުން ޖުމްލަ 755 ކިލޯގެ ކުނި ނަގާފައިވެއެވެ. އޭގެ ތެރެއިން 84 ކިލޯގެ ޕްލާސްޓިކް ރީސައިކަލް ކުރުމަށް ޕާލޭއާ ވަނީ ހަވާލުކޮށްފައެވެ.

އެ ހަރަކާތުގައި ބީއެމްއެލްގެ 80 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރު ވެސް އަތޮޅުތެރޭގައި މަސައްކަތް ކުރާ ބީއެމްއެލްގެ މުވައްޒަފުން ވަނީ މި ދުވަހާ ގުޅުވައިގެން ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގައި ހަރަކާތްތަކެއް ހިންގާފައެވެ.