15 Mar 2012, 22:48
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ބަޔަކު ރާއްޖޭގެ ޓޫރިޒަމަށް ގެއްލުންދީ އެ ސިނާއަތު ބަލިކޮށްލުމަށް ކުރަމުންދާ މަސައްކަތް ޕީޕީއެމުން މިއަދު ކުށްވެރިކޮށްފި އެވެ.
ޕީޕީއެމް އޮފީހުގައި ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން އެޕާޓީގެ ކައުންސިލް މެންބަރު ޑރ. މުހައްމަދު ސައުދު މިއަދު ވިދާޅުވީ ރައީސް ނަޝީދުގެ އެކުވެރި އިނގިރޭސި ރައްޔިތެއްކަމަށްވާ ޑޭވީޑް ހާޑިން ހަމާއި ކުރިން ރާއްޖޭގެ ފަރާތުން އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު ފަރަހަނާޒް ފައިސަލް އިސްވެ ރާއްޖޭގެ އަގު ވައްޓާލުމަށް ބާލިން ފެއާގައި ޓޫރިޒަމާއި ގުޅޭ ގޮތުން ވަރަށް ނޭދޭވޭ ވާހަކަ ތަކެއް ދައްކަމުން ގެންދިޔަ ކަމަށެވެ.
"އެމީހުން ދައްކާ ވާހަކަ ތެރޭގައި ރާއްޖޭގައި އޮތީ ޣައިރު ގާނޫނީ ސަރުކާރަކޭ. ފުލުހުން ރައްޔިތުންނަށް އަނިޔާކުރަމުންދާ ވާހަކަ ހިމެނޭ. އަދި ރާއްޖެއަށް ޓޫރިސްޓުން ނުދިއުމަށް ވެސް އެމީހުން ގޮވާ،" ސައުދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފެބުރުއަރީ އަށްވަނަ ދުވަހު އެމްޑީޕީން އިސްވެ އައްޑުއަތޮޅުގައި ހިންގި ހުޅުޖެހުމުގެ ހަރަކާތްތަކާއި ގުޅިގެން އައްޑުއަތޮޅުގައި ހުރި ރިސޯޓް ތަކަށާއި ރައްޖޭގެ އެހެނިހެން ރިސޯޓްތަކަށް އައި ޓޫރިސްޓުން މަދުވެގެން ދިއުމަށް ފަހު އެކަން ރަނގަޅުވެ ޓޫރިސްޓުން އަންނަން ފެށުމާއެކު އަނެއްކާ ރައްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލާ މަސައްކަތްކުރާނަމަ އަނެއްކާވެސް ޓޫރިސްޓް ރިސޯޓްތަކަށް އަންނަ ޓޫރިސްޓުންގެ ބުކިންސްތައް ކެންސަލްކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށެވެ.
"މިކަން މިގޮތަށް ކުރާނަމަ މިއީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް. މިއީ ދިވެހިރާއްޖެއަށާއި ދިވެހިރައްޔިތުންނާ ދެކޮޅަށް ބަޔަކުމީހުން އެމީހުންގެ ހާއްސަ މަސްލަހަތެއް ހާސިލްކުރުމަށްޓަކައި ކުރާ ކަމެއް،" ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ބޮއިކަޓް ކުރުމަށް ގޮވާ ގޮވުމަކީ ދިވެހި ރައްޔިތުންނަށް ލިބޭނެ ގެއްލުމެއް ކަމަށާއި އެފަދަ އަމަލެއް ހިންގާތީ އެކަމާ ޕީޕީއެމް ކަންބޮޑުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.