19 Mar 2022, 10:33
"މަންމަ ބޭނުން ވާހަކައެއް ދައްކާލަން..." ޒަރީނާ ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ.
އައިޒަކްގެ ހިތް ތެޅިގަތެވެ. ޒަރީނާ ދައްކަން އުޅެނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަނެއްކާ އިރަމް ވަރިކުރާށޭ ބުނަން އުޅެނީ ހެއްޔެވެ؟ އެކަމަކު ޒަރީނާ ވާހަކަ ދެއްކިލެއް މަޑުމައިތިރިކަމުން ދައްކަން އުޅެނީ އެފަދަ ވާހަކައެއް ނޫންހެންވެސް އައިޒަކަށް ހީވިއެވެ.
********
"މަންމަގެ ބަނޑުން އުފަންނުވިޔަސް، މަންމަ އަބަދުވެސް ދެކެނީ ތީ މަންމަގެ އަމިއްލަ ދަރިއެއްގެ ގޮތުގަ..." ޒަރީނާ ވާހަކަ ދައްކަން ފެށިއެވެ. "މަންމަ ވަރަށް ދެރަވެއްޖެ ދަރިފުޅު މަންމަމެން ތިހާ ދުރުކޮށްލީމަ..."
"މަންމާ!...." އައިޒަކަށް ބުނެވުނެވެ.
ދެލޯ ފެންކަޅިވުމުން، ޒަރީނާ އިސްޖަހައިލިއެވެ.
"މަންމައަށް ހަމަ އެންމެ ސަބަބެއްވެސް ބުނެދީފާނަންތަ؟... އެންމެ ސަބަބެއް..." ޒަރީނާ އައިޒަކްގެ މޫނަށް ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ.
"މަންމާ..." އައިޒަކް ޒަރީނާގެ ދެއަތުގައި ހިފައިލިއެވެ. "ދުވަހަކުވެސް މަންމަ ދުރެއް ނުކުރަން... ނުވެސް ކުރާނަން..."
ޒަރީނާގެ ދެލޯ ފުރިގެން ކަރުނަތައް ބަންޑުންވާން ފެށިއެވެ. އައިޒަކްގެ އެންމެ ޖުމުލައަކުންވެސް ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދަނީ ކީއްވެ ހެއްޔެވެ؟ މައިވަންތަކަމުގެ ލޯބިން ހިތް ފުރިގެން ބަންޑުންވާން ހިނދުކޮޅެއްވެސް ނުނަގައެވެ. އަމިއްލަ ދަރިންނެކޭ އެއްވަރަށް ޒަރީނާ އައިޒަކްދެކެ ލޯބިވެއެވެ. ދުވަހަކުވެސް ދެރަގޮތެއް ވާކަށް ނޭދެއެވެ. އައިޒަކްދެކެ ރުޅި އަންނަން މަސައްކަތްކުރިޔަސް، އެކަން ކުރަން ޒަރީނާއަށް ވަނީ އުނދަގޫ ކަމަކަށެވެ.
"އެހެންވިއްޔާ ދަރިފުޅު ބުނެބަލަ... ދަރިފުޅު ބޭނުންވެގެން ކުރި ކައިވެންޏެއްތަ އެއީ؟..." ޒަރީނާ އަހައިލީ އުނދަގޫ ގޮތަކަށެވެ.
އައިޒަކް މުޅި އުމުރަށް ޒަރީނާގެ ކައިރީގައި ބަހައްޓަން ކުރި މަސައްކަތް ބޭކާރުވުމުން އެ ހިތުގައި ދިލަ ރިހުމެއް އުފެދިގެން ދިޔައެވެ.
އައިޒަކް ނުހަނު އަވަހަށް ބޯ ޖަހައިލިއެވެ. އެ ކުޑަކުޑަ އަމަލުންވެސް، އައިޒަކަށް އެ ކައިވެނި މުހިއްމު މިންވަރު ޒަރީނާ ދެނެގަތެވެ.
"މަންމަ ދެރަވީ އެންމެ ކަމަކާ... ދަރިފުޅު މަންމައަށް އިތުބާރު ނުކުރީމަ..." ޒަރީނާގެ ހިތުގެ ރިހުން ފިލައި ނުދިޔައެވެ. ހިތުގެ ޝަކުވާތައް ދުލާއި ހަމައަށް ނުގެންނަން މަސައްކަތްކުރި ނަމަވެސް، އެކަން ބޭކާރުވިއެވެ. "ދަރިފުޅަށް ހީވޭތަ، ދަރިފުޅު ކުރަން ބޭނުން ކަމަކާ މަންމަ ދެކޮޅުހަދާނެހެން؟..."
އައިޒަކް ބޯ ހޫރައިލިއެވެ. މީހެއްގެ އެހީތެރިކަމަށް އެންމެ ބޭނުންވި ދުވަހު، އައިޒަކަށް އެހީވީ، ޒަރީނާގެ އާއިލާއެވެ. މައިމީހާ ވަކިވެގެން ދިޔުމުގެ ހިތާމައިން އައިޒަކަށް އަރައިގަނެވުނީ، ޒަރީނާގެ މައިވަންތަކަމުގެ ލޯބިން އޭނާގެ އުނގު ފުރާލަދިނުމުންނެވެ. އައިޒަކަށް މަންމައެއް ނެތްކަމުގެ އިހުސާސްވިޔަ ނުދޭން ޒަރީނާ ކުރި މަސައްކަތް އައިޒަކްގެ ހަނދާނުގައި އެބަހުއްޓެވެ. އެކަމަކު، އެ ހުރިހާ ކަމަކަށް ފަހުގައިވެސް، އައިޒަކަށް ކަންތައް ކުރެވުނީ އެންމެ ރަނގަޅަކަށް ނޫނެވެ. ފަހުން ވާނެ ގޮތަކާއިމެދު ވިސްނައިލުމެއްނެތި، އޭނާއަށް އަމިއްލަ އާއިލާއަށް ކަންކަން ސިއްރުކުރެވުނީއެވެ. ކަންތައް ކުރެވުނު ގޮތުން އައިޒަކްގެ މުޅި ނަފުސުވެސް އޭނާއަށް މަލާމާތްކުރަމުން ދިޔަކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ.
"މަންމަ އަބަދުވެސް ބޭނުންވަނީ ދަރިފުޅު އުފަލުގަ ހުންނަތަން ދެކެން..." ޒަރީނާ އައިޒަކްގެ މޫނުގައި އަތް ޖައްސައިލިއެވެ. "ދަރިފުޅު އުފަލުގަ ހުރީމަ މަންމައަށް އެ ނިމުނީ..."
އައިޒަކް ހިފަހައްޓައިގެން އިން ކަރުނަތައް ކޯތާފަތްމައްޗަށް ފައިބައިގަތެވެ. ކަރުނަތައް ހިފަހައްޓާކަށްވެސް އޭނާ މަސައްކަތެއް ނުކުރެއެވެ. ޒަރީނާއަކީ ކޮންފަދަ މާތް މަންމައެއް ހެއްޔެވެ؟ އަމިއްލަ އެދުން އިސްކުރުމެއްނެތި، އެ ވިސްނީ އަމިއްލަ ބަނޑުން އުފަން ނުކުރާ ދަރިއަކާއި މެދުގައެވެ. ޒަރީނާ ބޭނުންނަމަ، ވިޝްކާ އާއި ކައިވެނިކުރަން އައިޒަކަށް މަޖުބޫރުކުރުވިދާނެއެވެ. އެކަމަކު، އަމިއްލަ ހިތުގެ މުރާދު ފުރިހަމަކުރުމަށްވުރެ، ޒަރީނާއަށް މުހިއްމުވީ އޭނާގެ ދަރިފުޅުގެ އުފަލެވެ.
"މާފުކުރޭ މަންމާ..." އައިޒަކަށް ރޮވުނެވެ. ޒަރީނާގެ އަތް ގެންގޮސް ނިތްކުރީގައި ޖައްސާލައިގެން އިނދެ އައިޒަކް އެތައް އިރަކު ރުޔެވެ.
އައިޒަކާއި ޒަރީނާގެ ވާހަކަތައް އަޑު އަހަން ދޮރު ކައިރީގައި ވިޝްކާ ހުއްޓެވެ. ފެންކަޅިވެފައިވާ ދެލޮލުން ކަރުނަތައް އޮހެމުންދިޔައިރު، އަމިއްލަ މައިމީހާ އާއިމެދު އެ ހިތުގައި އުފެދިފައިވީ ޝަކުވާއެވެ. އިދާން ބުނާހެން، ޒަރީނާއަށް އޭނާގެ ދަރިންނަށްވުރެވެސް މުހިއްމީ އައިޒަކްއޭ އޭނާގެ ހިތް ބުންޏެވެ.
"ކޮބާ، ކޮންކަހަލަ އިހުސާސެއް މިހާރު ކުރެވެނީ؟..." ދާދި ކައިރިން އިދާންގެ އަޑު އިވުނު ނަމަވެސް، ވިޝްކާ ނުސިހެއެވެ. އިދާން އާއި ދިމާއަށް އޭނާ ބަލައިވެސް ނުލިއެވެ. އިސްޖަހައިގެން ހުރެ ކަރުނަތައް ފޮހެމުންދިޔައިރު، އަމިއްލަ ނަފުސުދެކެވެސް އޭނާ ރުޅި އައިސްފައި ހުރިކަން އެނގެއެވެ.
"އަދިވެސް އޭނައާ އިނުމުގެ ޚިޔާލު ދޫކޮށްލާކަށްނުވޭ؟..." އިދާން ވިޝްކާގެ ކަންފަތް ކައިރީގައި ސިއްރުން ބުނެލިއެވެ.
"ދޮންބޭ... އަހަރެން މިހުރީ ދެރަވެފައޭ..." ވިޝްކާ ތުންފިއްތައިލަމުން، މައުސޫމުގޮތަކަށް ބުނެލިއެވެ.
އިދާން ހީގަތެވެ. ކުދިކިޔަމުން އެތަނުން ދާން ހިނގައިގަތެވެ.
"ހެލްޕް މީ..." ވިޝްކާ ބުނެލިއެވެ.
********
ކޮޓަރިއަށް ވަންގޮތަށް އައިޒަކް ގޮސް އެނދުގައި އޮށޯވެލިއެވެ. އުފަލުންގޮސް އައިޒަކްގެ ތުންފަތުން ހިނިތުންވުމުގެ އަސަރު ފިލައިނުދެއެވެ. އިރަމްއަށް ގުޅާފައި އެ ހަބަރު ދޭން ހިތް އެދުނެވެ. އިރަމް އުފާވާނެވަރު އޭނާއަށް އެނގެއެވެ. ފޯނު ނެގިގޮތަށް އައިޒަކް މާޔޫސްވިއެވެ. އައިޒަކް ހީކުރީ އެ ހުރިހާއިރު ވެގެން ދިޔައިރު، އިރަމް ގުޅާލާނެ ކަމަށެވެ. ނޫނީ މެސެޖެއް ކޮށްލާނެ ކަމަށެވެ. އެހެނަސް، އިރަމްގެ ނުގުޅައެވެ. މެސެޖެއްވެސް ނުކުރެއެވެ. ވެދިޔަ ކަންތަކުގެ ސަބަބުން އިރަމް ހިތްހަމަނުޖެހުނީބާއޭ އައިޒަކްގެ ހިތަށް އެރިއެވެ. ނޫނީ އޭނާ އައިޒަކްދެކެ ފޫހިވީ ހެއްޔެވެ؟ ކަންތައް ވީގޮތުން، އައިޒަކަށް އިސްވެ އިރަމްއަށް ގުޅާކަށް ނުކެރުނެވެ.
މާކިންގެ ކޯލެއް ލިބުނީ އައިޒަކް އެހެން އޮއްވައެވެ. ދެފިކުރެއްގައި އޮވެފައި އައިޒަކް ފޯނު ނެގީ ނަގާ ހިތަކުން ނޫނެވެ.
"ތީ އެކަމަކު ރަނގަޅު މީހެއް އިނގޭ..." މާކިން ކުޑަކޮށް ހިތްހަމަނުޖެހިފައި ބުނެލިއެވެ.
"ކިހިނެއްވީ؟..." އައިޒަކް ހައިރާންވިއެވެ.
"އަނތްބަކު އެބަހުރިކަން އެނގޭތަ؟..." މާކިންގެ އަޑުން އޭނާ ކުޑަކޮށް ހިތްހަމަނުޖެހިފައިވާކަން އައިޒަކް ދެނެގަތެވެ. "އޭނަގެ ކަމަކަށް އަޅައެއް ނުލާނަންދޯ..."
"އިރަމްއަށް ކަމެއްވީތަ؟..." އައިޒަކް ހާސްވިއެވެ.
"ހުރިހާ ކަމެއްވެސް ވާނެ..." މާކިން ބުންޏެވެ.
"މާކް... ސާފުކޮށް ވެގެންއުޅޭގޮތެއް ބުނެދީބަލަ..." އައިޒަކް އޭނާގެ ނުތަނަވަސްކަން ފޮރުވަން މަސައްކަތްކުރަމުން ބުނެލިއެވެ.
"ޒެކް ގުޅާއިރު، އިރަމްގެ ފޯނަށް ފިރިހެނަކު ޖަވާބުދިނީމަ ޒެކްއަށް ކިހިނެއްވާނީ؟..." މާކިންގެ އަޑުގައި ސަމާސާއެއް ނެތެވެ.
"އޭނ؟..." އައިޒަކް ސިހުނެވެ.
އައިޒަކްގެ ހަނދާނަށް އައީ، އޭނާ ފާހާނާއިން ނުކުތްއިރު، ވިޝްކާ އެ ކޮޓަރީގައި ހުރި ހަނދާނެވެ. އައިޒަކް ފެނުމުން ވިޝްކާ ކަންތައް ކުރިގޮތުން، އޭނާއަށް ހުރިހާ ކަމެއް ޔަގީންވިއެވެ.
"ވިޝްކާ..." އައިޒަކްގެ ދެބުމަ ގޮށްޖެހުނެވެ.
********
އެތައް އިރެއް ކޮށްފައި އިރަމް ފޯނު ހުޅުވިއެވެ. އޭނާ ހައިރާންވީ، ފޯނު ހުޅުވުމާއިއެކު، ފުލުފުލުގައި އެތައް މެސެޖެއް އަންނަން ފެށުމުންނެވެ. ގިނައިރުތަކެއްނުވެ، އައިޒަކް ގުޅިއެވެ. އިރަމްއަށް ބަލައިލެވުނީ އޭނާގެ ކައިރީގައި ތިބި މީހުންނަށެވެ. އެންމެންވެސް ތިބީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރާށެވެ. އެންމެންގެ ތެރެއިންވެސް އިރަމްއަށް އައި ބަދަލު ފާހަގަވީ، ހަމައެކަނި ޒިވިއަންއަށެވެ. އޭނާ ނިތް އަރުވައިލުމުން އިރަމް ފުންމައިގެން ތެދުވިއެވެ. ފޯނު ހިފައިގެން އޭނާ ނުކުތީ މަގުމައްޗަށެވެ.
އަނދިރިކަން ވެރިވެފައިވާ މަގުމަތިން ފެންނަމުން ދިޔައީ ފަޅުކަމެވެ. ދިރޭ ފުރާނައެއްގެ ހިލަމެއްވެސް އެއިން ހިސާބަކުން ނުވާ ކަހަލައެވެ.
"ހަލޯ..." ފޯނު ނެގިގޮތަށް އިރަމް ބުނެލީ މަޑުމަޑުންނެވެ.
އައިޒަކްގެ އަޑެއް ނީވުނެވެ. އިރަމް އިސްކްރީނަށް ބަލައިލިއިރު، ފޯނު އޮތީ ކެނޑިފައެވެ. އައިޒަކަށް ގުޅަން އުޅެފައިވެސް އިރަމް ފޯނު ޖީބަށް ލިއެވެ. އެނބުރި ގޭތެރެއަށް ވަންނަން އުޅުނު ވަގުތު، އޭނާ ސިހުނީ، ކުރިމަތިން ތަންކޮޅެއް ދުރުގައި މީހަކު ހުއްޓާ ފެނުމުންނެވެ. ކަޅު ހިޔަންޏެއް ފަދައިން ފެންނަން ހުރި އެ މީހާ އިރަމްއާއި ދިމާއަށް ހިނގަމުން ދިޔައެވެ.
"ކާކު؟..." އިރަމްގެ ހިތް ތެޅިގަތެވެ.
ބިރުން ފަހަތަށް ޖެހިލެވުނު ނަމަވެސް، އިރަމްގެ ދެފައި ބިމުގައި ތަތްލާފައިވާ ކަހަލައެވެ. ހަށިގަނޑު ގުޑުވައިލަންވެސް ނުކެރި ދެލޯ ބޮޑުކޮށްގެން އެމީހަކާއި ދިމާއަށް ބަލަން އޭނާ ހުއްޓެވެ. ދެން ހަދަންވީ ކިހިނެއްކަމެއް ނޭނގިފައެވެ. އެމީހަކީ އައިޒަކް ކަން އިރަމްއަށް އެނގުނީ ދާދި ކައިރިވެފައި ހުއްޓައެވެ. އައިޒަކް އެދިޔަ ބާރުމިނުގައި ގޮސް، އިރަމްގެ ގައިގައި ބައްދައިލިއެވެ.
އިރަމްގެ ފަހަތުން ނުކުތް ޒިވިއަންއަށް އެ މަންޒަރު ފެނުމާއިއެކު ހުއްޓުން އެރިއެވެ. އެ އަނދިރީގައިވެސް އިރަމްގެ ގައިގައި ބައްދާލައިގެން ހުރީ ކާކުކަން އޭނާއަށް އެނގުނެވެ. އެއީ އައިޒަކެވެ. ހުރިހާ ކަމެއް ޒިވިއަންއަށް ފަހުމުވީ ދެނެވެ.
ހުރެވުނީ ކޮންތާކުކަން އިރަމްއަށް އެނގުނީ އިރުކޮޅެއް ފަހުންނެވެ. އޭރުވެސް އައިޒަކް އޭނާގެ ގައިން ދޫކޮށެއް ނުލައެވެ. އެތައް ދުވަހަކަށްފަހު، ދެމީހުން ބައްދަލުވި ކަހަލައެވެ. އިރަމް އެހާ ބިރުން ހުއްޓައި ކުއްލިއަކަށް އައިޒަކް ފެނުމުން، އެ އަތުގެ ހިމާޔަތަށް ހުދު އޭނާއަށްވެސް އެދެވުނީއެވެ.
"މީހަކަށް ފެނިދާނެ..." އިރަމް އަވަސްއަވަހަށް އައިޒަކް ދުރުކުރަން އުޅުނެވެ.
"އަހަރެން ހީކުރީ އަނެއްކާވެސް އަހަންނަށް އިރަމް ގެއްލުނީ ކަމަށް..." އައިޒަކްގެ އަޑުގައި ރިހުމެއްގެ އަސަރުވިއެވެ. އޭނާ ކުރިއަށްވުރެ ބާރަށް އިރަމްގެ ގައިގައި ބައްދައިލިއެވެ. މާކިން ވާހަކަދެއްކިގޮތުން އައިޒަކްގެ ހިތް ބިރުގަނެފައިވީ މާ ވަރަކަށެވެ.
"ދެން ދޫކޮށްލަބަލަ... މީހަކަށް ފެނިދާނެއޭ..." އިރަމް ހުރީ ލަދުގަނެފައެވެ. އެއާއި އެއްވަރަށް އައިޒަކް ލޯބިވާވަރު އިހުސާސްވެ، އުފާވެސް ވެފައެވެ.
"ތީ އަހަރެންގެ އަނބިމީހާކަން މުޅި ދުނިޔެއަށްވެސް އަންގަން ބޭނުން..." އައިޒަކް ބުނެލިއެވެ.
ކާގޭގައި ތިބި މީހުން ނުކުންނަން އުޅޭހެން ހީވެ، ޒިވިއަން ތެޅިގަތެވެ. ވަށާފާރު ކައިރީގައި އޮތް ގާކޮޅެއް ނަގައި އިރަމްމެންނާއި ދިމާއަށް އެއްލިއެވެ. އިރަމް ބަލައިލުމުގެ ކުރިން އޭނާ ފާރާއި ނިވާވެލިއެވެ. އިރަމް އައިޒަކް ކޮއްޕައިލުމަށްފަހު، ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ގޭތެރެއަށް ވަނެވެ. އައިޒަކް އެތެރެއަށް ވަނީ އިރުކޮޅެއް ފަހުންނެވެ. އަނދިރިކަމުން ފާރު ކައިރީގައި ހުރި ޖޯއްޔެއްގައި ޒިވިއަން އޮތްކަމެއް އޭނާއަކަށް ނޭނގުނެވެ.
އައިޒަކް ފެނުމުން، އެންމެންގެ ސަކަރާތް ހުއްޓުނެވެ. މަޑުމަޑުން އެންމެން ގޮސް އެމީހެއްގެ ކޮޓަރިއަށް ވަންނަން ފެށިއެވެ. ސަލާމުވެސް ހުރީ އައިޒަކް ފެނުމުން ގަބޫލުކުރަން ދަތިވެފައެވެ. އައިޒަކަށް ކޮޓަރިއެއް ހޯދަން އޭނާ އަވަސްވެގަތެވެ. އެންމެން ދިޔުމުން އެތަނުގައި ތިބީ، އައިޒަކާއި އިރަމްގެ އިތުރުން ޒިވިއަންއެވެ.
********
ޒަރީނާދެކެ ރުޅި އައިސްގެން ވިޝްކާ ހުރީ މާނޭވާ ލެވޭވަރު ވެފައެވެ. އައިޒަކް އާއި އިރަމްގެ ކައިވެންޏަށް ރުހުން ދިނުމުންނެވެ. އަމިއްލަ ދަރިންނާއި ދޭތެރޭގައި ޒަރީނާ ކުޑަކޮށްވެސް ނުވިސްނާ ކަމަށް ވިޝްކާ ތަކުރާރުކޮށް ބުނަމުން ދިޔައެވެ. ވިޝްކާގެ ހަރަކާތްތަކަށް ބަލަން ތަންކޮޅެއް ދުރުގައި އިދާން ހުއްޓެވެ. އޭނާގެ ތުންފަތުގައިވި ވިހަ ހިނިތުންވުން ރަމްޒުކޮށްދެނީ ލިބިފައިވާ ކާމިޔާބީއެވެ.
"މަންމަ އަހަރެންދެކެ ލޯތްބެއް ނުވެއޭ، ނުވެއޭ..." ވިޝްކާ ތުން ފިއްތައިލިއެވެ. ކުޑަކުއްޖެއްހެން ރޯން ފެށިއެވެ.
"ދަރިފުޅު ދެން އެކަން ހަނދާން ނައްތާލަން މަންމަ މިބުނަނީ ހަމަ ދަރިފުޅުގެ ރަނގަޅަކަށޭ... މިހާރު އެއީ މީހެއްގެ ފިރިއެއް..." ޒަރީނާ ބުންޏެވެ.
"މަންމަ ދެން ތިހެން ނުބުނެބަލަ..." ވިޝްކާގެ އަޑު ކުރެހުނެވެ. "އަހަންނަށް އޯކޭއޭ ބުނެފީމެއްނޫންތަ، ޒެކް ސަތޭކަ މީހުންނާ އިނދެގެން އުޅުނަސް ހެވޭ... އަހަރެން ބޭނުމީ ޒެކްއާ މެރީކުރަން... ޕްލީޒް މަންމާ... އަހަންނަށް ހެލްޕެއްދެވޭ މީހަކަށް ހުރީ މަންމަ އެކަންޏޭ... މަންމަ ދައްކާ ވާހަކަ ޒެކް ގަބޫލުކުރާނެ..."
"ދަރިފުޅު ތީ ނުވިސްނޭ ވަރުގެ ކުޑަކުއްޖެއް ނޫނެއްނު މިހާރު..." ޒަރީނާ މަސައްކަތްކުރީ ވިޝްކާއަށް ވިސްނައިދޭށެވެ.
"މަންމާ އަހަރެން ޒެކްދެކެ ލޯބިވޭ..." ވިޝްކާ ބުންޏެވެ.
"އެކަން ހަނދާން ނައްތާލާ ދެން..." ޒަރީނާ ތެދުވެގެން ހިނގައިގަތެވެ.
"ދެން މަންމާ..." ޒަރީނާގެ ހެދުމުގައި ހިފަމުން ވިޝްކާ ބުންޏެވެ.
"ކޮން ކަމެއް ހަނދާން ނައްތާލާށޭ؟..." ސައްތާރުގެ އަޑަށް ޒަރީނާ އާއި ވިޝްކާވެސް ސިހުނެވެ.
(ނުނިމޭ)