މާތް ﷲ އިންސާނުން ހައްދަވާފައިވަނީ އެކަކު އަނެކަކުގެ އެހީތެރިކަމަށް ބޭނުންވާގޮތަށް ކަމަށާއި، އެހެންކަމުން މީހުނަށް އެހީތެރިވެ އޯގާތެރިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

ހުކުރު ޚުތުބާގައި ބުނީ، މާތްﷲ އިންސާނުން ހައްދަވާފައިވަނީ އެކަކު އަނެކަކަށް އެހީތެރިވެ އިޖުތިމާޢީ ދިރިއުޅުމެއް އުޅޭގޮތަށް ކަމަށެވެ. އަދި މުސީބާތާ ތަކުލީފުގެ ވަގުތުގައި އެހީތެރިވުމަކީ ވާޖިބެއް ކަމަށާއި އެކަމުން އީމާންތެރިކަން ރަމްޒުކޮށްދޭކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

މުޖުތަމަޢުގައި އެކި ގޮތްގޮތަށް އެހީތެރިކަން ބޭނުންވާ މީހުން ތިބޭކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޚުތުބާގައި ބުނެފައިވަނީ އެއްބަޔަކު މާލީގޮތުން އެހީތެރިކަން ބޭނުންވާއިރު، އަނެއްބަޔަކު އެހީތެރިކަން ބޭނުންވާނީ ނަފްސާނީ ގޮތުންކަމަށެވެ. އެފަދަ މީހުންނަށް ބޭނުންވާނީ އަޅާލުމާއި، ލޯތްބާއި ކުލުނުކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ދެމީހެއްގެ ދޭތެރޭގައިވާ ގުޅުން ސިފަކޮށްފައިވަނީ ގެއެއްގެ ސިފައިގައެވެ. އެގޮތުން ގެ ކޮޅަށްހުރުމަށް ޓަކައި އެއް ގާގަނޑު އަނެއްގާގަނޑުގެ އެހީތެރިކަން ބޭނުންވާ ފަދައިން ދެމީހުން އެކަކު އަނެކަކުގެ އެހީތެރިކަން ބޭނުންވާނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެއިތުރުން ޚުތުބާގައި ބުނެފައިވަނީ ފަގީރުންނާއި ނިކަމެތިންނަކީ މުޖުތަމަޢުގައި ނުހަނު ބޭނުންތެރި ބައެއްކަމަށެވެ. އަދި މި އުންމަތަށް ނަޞްރު ދެއްވާނީ އެ މީހުންގެ ދުޢާއާއި އިޚުލާސްތެރިކަމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެމީހުނަށް އެހީތެރިވުމަށް ވެސް ޚުތުބާގައި ގޮވާލިއެވެ.