15 Mar 2012, 22:42
ގދ. އަތޮޅު ކައުންސިލް އިދާރާ އާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި ތިނަދޫ ޕޮލިސް ސްޓޭޝަންގައި ހުޅުޖަހައި އަންދާލި މައްސަލައިގެ ތުހުމަތަށް ތިނަދޫން ފުލުހުން ހައްޔަރު ކުރި 13 މީހެއްގެ ބަންދުގެ މުއްދަތު ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޖަހައިދީފި އެވެ.
ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ އޮފިޝަލަކު މިރޭ ވިދާޅުވީ ތިނަދޫގެ ތަންތަން ރޯކޮށްލި މައްސަކައިގެ ތަހުގީގަށް ފުލުހުން ހައްޔަރު ކުރި 13 މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު މެންދުރު އެ ކޯޓަށް ގެންދިއުމުން 13 މީހުންގެ ބަންދުގެ މުއްދަތު ވެސް އިތުރުކޮށްދީފައިވާ ކަމަށެވެ.
މިއަދު މެންދުރު ކޯޓަށް ގެންދިޔަ 13 މީހުންގެ ތެރެއިން ބައެއް މީހުންނަށް ފަސް ދުވަހުގެ މުއްދަތު އަދި އަނެއްބައި މީހުންނަށް ހަތް ދުވަހުގެ މުއްދަތު ޖަހައިދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މިއަދު މެންދުރު ކޯޓަށް ގެނައި 13 މީހުންގެ ތެރެއިން ބައެއް މީހުންނަށް ހަތް ދުވަސް އަދި އަނެއްބައި މީހުންނަށް ފަސް ދުވަހުގެ މުއްދަތު ވަނީ ޖަހައިދީފައި،" އޮފިޝަލް ވިދާޅުވި އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ 13 މީހުންގެ އިތުރުން، އިތުރު ބަޔަކު ވެސް ފުލުހުން ވަނީ ތިނަދޫން ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތިނަދޫގެ ތަންތަން ރޯކޮށްލި މައްސަލައިގެ ތަހުގީގަށް ހައްޔަރު ކުރަން ޖެހޭ ފަރާތްތައް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ސުވާލު ކުރަން ޖެހޭ ފަރާތްތަކާއި ފުލުހުން ސުވާލުކުރަމުން ގެންދާނެ ކަމަށެވެ.
ތިނަދޫ ޕޮލިސް ސްޓޭޝަން އަންދާލުމުން ތިނަދޫގައި ފުލުހުން މިހާރު ތިބެނީ އެ ރަށު މީހެއްގެ ގެ ކުއްޔަށް ހިފައިގެންނެވެ.
ތިނަދޫގެ ތަންތާގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި މާލެ އިން ވެސް ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. މާލެ އިން ފުލުހުން ހައްޔަރު ކުރީ އެ ރަށު ރިހިވެލި، އަހުމަދު ރިޝާމް ޝަރީފް އެވެ. ގިނަ ދުވަސްތަކަކަށް ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާ 10 ދުވަހަށް ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ފުލުހުން ބުނީ ރިޝާމްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.