އައްޑޫ ލިންކްރޯޑުގައި ހުރި ރުއްތައް ކަނޑާލީ އީޕީއޭގެ ހުއްދައިގެ ދަށުން: ނައީމް
އައްޑޫ ލިންކްރޯޑުގައި ހުރި ރުއްތައް ކަނޑާލީ އީޕީއޭގެ ހުއްދައިގެ ދަށުން: ނައީމް

އައްޑޫ ލިންކް ރޯޑުގައި ހުރި ރުއްތައް ކަނޑާލީ އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދައިގެ ދަށުން ކަމަށް އެ އެޖެންސީގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވެއްޖެއެވެ.

"ސަން" އާ ވާހަކަދައްކަވަމުން ނައީމް ވިދާޅުވީ ރުއްތައް ކަނޑަން ހުއްދަދިން ނަމަވެސް އެކަންކޮށްފައިވަނީ ހުއްދައާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

"އެތާ ހުރި ރުއްތަކުގެ ތެރެއިން ހުރިހާ އެއްޗެއް ކަނޑާލާކަށް ނޫން ހުއްދަދިނީކީ،" ނައީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރުއްތައް ކެނޑީ ހުއްދައާ އެއްގޮތައްތޯ ބަލަންފެށީ ގިނަ ބައެއްގެ ޝަކުވާ އެކަމާ ގުޅިގެން ލިބެންފެށުމުން ކަމަށެވެ.

ރުއްތައް ކެނޑުމުގެ ކުރިން އައްޑޫ ލިންކުރޯޑުގެ މަތިން ނަގާފައިވާ ފޮޓޯއެއް

މީގެ އިތުރުން ނައީމް ވިދާޅުވީ މާލެ ސިޓީން ގަސްތަކެއް ކަނޑާލި މައްސަލަ ވެސް އީޕީއޭއިން ބަލަމުންދާކަމަށެވެ.

އައްޑޫ ސިޓީ ލިންކް ރޯޑުގައި ހުރި 55 ރުއް މި މަހުގެ ދިހަވަނަ ދުވަހު އެ ސިޓީގެ ކައުންސިލުން ކަނޑާލީ އާންމުންނަށް ނުރައްކާވާކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން އައްޑޫ ސިޓީގެ ކައުންސިލް މެމްބަރަކު ވިދާޅުވީ އެ ރުއްތަކަށް 70އަށް ވުރެ ގިނަ އަހަރު ވެފައިވާނެކަމަށެވެ. އަދި ވިއްސާރަވެ ވައިބާރުވާ ދުވަސްވަރު އެ ރުއްތަކުން އާންމުންނަށް ގެއްލުންވާކަމަށް އޭނާ ބުންޏެވެ.