މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ތައްޔާރީތަކަށް ޓާސްކްފޯހެއް އެކުލަވާލާނެ ކަމަށް އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ބުނެފިއެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނަކީ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތައް ބަޔާންކުރާ ގާނޫނެކެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މަދަނީ އިޖުރާއަތުގެ ބިލު"، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 16ގައެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގުކުރާތާ ހަ މަސް ފަހުންނެވެ. އެހެންކަމުން އެ ގާނޫނަށް އަމަލު ކުރަން ފަށަނީ މިއަހަރުގެ ޖޫން 16 ވަނަ ދުވަހުއެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން ބުނީ މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ކަމާގުޅޭ ޕްރޮގްރާމްތަކެއް ރާވައި ހިންގުމުގެ މަސައްކަތް، ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އެހީއާ އެކު ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެ ޤާނޫނުން އަލަށް ތަޢާރުފުކުރާ މަފްހޫމްތަކަށާއި އިޖުރާއަތުތަކަށް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގެ ކަމާބެހޭ ފަރާތްތައް އަހުލުވެރިކޮށް، އެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލައި، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްޓަކައި ވާންޖެހޭ އެނޫންވެސް ތައްޔާރީތައް ވުމަށް އޭޖީ އޮފީހުން ޤަޞްދުކޮށްފައިވަނީ، ޖުޑިޝަރީގެ ކަމާބެހޭ ކޯޓުތަކާއި އިދާރާތަކާއި، ޤާނޫނީ ވަކީލުންގެ ބައިވެރިވުމާ އެކުގައެވެ. އެގޮތުން އެ ދާއިރާތައް ތަމްސީލުވާ ގޮތުގެމަތިން އެކުލަވާލެވޭ ޓާސްކްފޯސްއެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ކަމާގުޅޭ މަސައްކަތްތައް، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނަކީ މަދަނީ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ ޢާންމު އުސޫލުތައް ބަޔާންކޮށްދޭ، ރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ހަރުދަނާކޮށްދޭނެ މުހިއްމު ގާނޫނެކެވެ.