ރާއްޖޭން މިވަގުތު ފަރުވާލިބެން ނެތް ހިތުގެ ބަލިތަކާއި ހިތުގެ އޮޕަރޭޝަންތައް އަދި ދަރިމައިވުމުގައި ދިމާވާ އެކިއެކި މައްސަލަތަކަށް ދެވޭ ހާއްސަ ފަރުވާ ތައާރަފުކުރުމުގެ މަސައްކަތް އޭޑީކޭއިން ފަށައިފި އެވެ.

އޭޑީކޭއަށް 25 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ހޮސްޕިޓަލްގެ ޖެނެރަލް މެނޭޖަރު އަހުމަދު އައްފާލް މިއަދު ވިދާޅުވީ އަހަރީ ދުވަހާ ގުޅިގެން އެ ހޮސްޕިޓަލުން އާ ހިދުމަތްތަކެއް ތައާރަފްކޮށްފައިވާއިރު ކުރިއަށް އޮތްތަނުގައި ވެސް އާ ހިދުމަތްތަކެއް ދިނުމުގެ މަސައްކަތް މިހާރު ވެސް އެ ހޮސްޕިޓަލުން ފަށާފައިވާ ކަމަށެވެ. އެގޮތުން މިވަގުތު ރާއްޖެއިން ލިބެން ނެތް ބައެއް ކަހަލަ ހިދުމަތްތައް ތައާރަފްކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

އައްފާލް ވިދާޅުވީ އެ ހޮސްޕިޓަލުން ދޭ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް މިހާރު ވެސް އެހޮސްޕިޓަލުން ކުރަމުން އަންނައިރު މިއަހަރުގެ ތެރޭގައި އޭޑީކޭގެ އިމާރާތާ ޖެހިގެން އިތުރު އިމާރާތެއް އަޅާ މިވަގުތު ރާއްޖެއިން ފަރުވާލިބެން ނެތް ހިތުބަލިތަކަށް ދެވޭ ފަރުވާއާއި ހިތުގެ އޮޕަރޭޝަންތަކާއި، ދަރިމައިވުމުގައި ހުރި މައްސަލަތަކަށް ދެވޭ ހާއްސަ ފަރުވާ ދިނުމާއި އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ހާއްސަ ހިދުމަތްތައް އެއިމާރާތުން ދެވޭނެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށެވެ.

" ދެއަހަރު ދުވަހުގެ މަޝްރޫއެއްގެ ގޮތުގައި މިހިދުމަތްތައް ތައާރަފުކުރުމުގެ މަސައްކަތް މިހާރު ވެސް ވަނީ ފެށިފައި. އަދި ރާއްޖޭން ލިބެން ނެތް ހިތުގެ ބަލީގެ ފަރުވާއާ ހިތުގެ އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން މިދަނީ. ހަމައެއާއެކު ދަރިމައިވުމުގެ މައްސަލަތަކަށް ދެވޭ ހާއްސަ ފަރުވާ ވެސް ދިނުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ. " އައްފާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭޑީކޭގެ ދެމުންގެންދާ ހިދުމަތް ފުޅާކުރުމަށް އެ ފަށާފައިވަނީ 21 މިލިޔަން ޑޮލަރުގެ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ހޮސްޕިޓަލަށް ކުރެވިފައިވާ އިންވެސްޓްމަންޓް ހަ މިލިއަނަށް އަރާނެ ކަމަށެވެ.

އެޑީކޭއަށް 25 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން އެހޮސްޕިޓަލުން ވަނީ އާ ހިދުމަތްތަކެއް ތައާރަފްކޮށްފަ އެވެ. އެގޮތުން މިއަދު ހެނދުނު 10:30 ފެށިގެން ވަނީ އެހިދުމަތްތައް ތައާރަފްކޮށް ހިދުމަތް ދޭން ފަށައިފަ އެވެ. އަލަށް ތައާރަފުކުރި ހިދުމަތްތަކުގެ ތެރޭގައި ޑައިލިސިސް ޔުނިޓެއް ގާއިމްކޮށް ދެ ޑައިލިސިސްޓުންނާ އެކު އެހިދުމަތް ފަށާފައިޥާއިރު އެޔުނިޓުން ހިދުމަތް ދޭން ހަމަޖެހިފައިވަނީ 1350ރ. އަށެވެ.

މީގެއިތުރުން ހޮސްޕިޓަލްގައި އަލަށް ގާއިމްކޮށްފައިވާ ލޭބާރޫމް ރަސްމީކޮށް އިފްތިތާހުކުރުން ވެސް މިއަދު އޮތެވެ. އޭޑީކޭގައި އަލަށް ގާއިމްކުރި ލޭބާރޫމަކީ ހަތް ޕޭޝަންޓުންގެ ޖާގައިގެ ތަނެކެވެ. އަދި އެ ހޮސްޕިޓަލްގައި ލެބޯޓްރީގައި އާ މެޝިނަރީޒް ގާއިމްކޮށް ބަޔޯކެމިކަލްގެ ހިދުމަތް ވެސް ވަނީ ދޭން ފަށާފަ އެވެ. އަދި އެ ހޮސްޕިޓަލުން މިއަދު ވަނީ ބްލަޑް ބޭންކެއްގެ ހިދުމަތްވެސް ދޭން ފަށާފަ އެވެ. އޭޑީކޭއިން ބުނީ މިހިދުމަތް ތައާރަފްކުރުމާ ގުޅިގެން އެކިއެކި ލޭގެ ގްރޫޕް ހޯދުމުގައި ފަސާހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން މިއަދުން ފެށިގެން ހަފްތާއެއްގެ ނިޔަލަށް އޭޑީކޭއިން ހިދުމަތް ހޯދާ ކޮންމެ ފަރާތްތަކަށް ވެސް ހާއްސަ އިނާމެއް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ. ކުޑަކުޑަ ފޮޓެއްގައި ބަންދުކޮށްފައިވާ އެ އިނާމުގެ ތެރޭގައި އޮންނަނީ އޭޑީކޭގެ ލޯގޯ ރަމްޒުކޮށްދޭ ފެހި އާފަލަކާއި މުހިންމު ބައެއް މައުލޫމާތުތަކެއް ހިމެނޭ ކާޑުތަކެކެވެ.

އޭޑީކޭގެ އަހަރީ ދުވަހާ ގުޅުވައިގެން އާ ހިދުމަތްތަކެއް ތައާރަފްކުރުމުގެ އިތުރުން އެ ހޮސްޕިޓަލުން ވަނީ ހާއްސަ ޕްރޮގްރާމްތަކެއް ވެސް މިއަދު ހިންގާފަ އެވެ. އެގޮތުން އެ ހޮސްޕިޓަލުން ހިދުމަތް ހޯދަން ދާ ފަރާތްތަކަށް ހޮސްޕިޓަލާ ބެހޭ މައުލޫމާތުތައް ފަށޭހައިން ލިބޭނެ ގޮތަށް އިންފޮމޭޝަން ކައުންޓަރެއް ވަނީ ގާއިމްކޮށްފަ އެވެ. އަދި ނަރުހުންނަށް ވީހާވެސް ފަށޭހަކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމުގެ ގޮތުން އޭޑީކޭއިން ވަނީ އެހޮސްޕިޓަލުގެ ތެރޭގައި ނަރުހުންގެ ޖަގަހައެއް ވެސް މިއަދު ގާއިމްކޮށްފައި ވެއެވެ.

އޭޑީކޭގެ ހިދުމަތް ފުރަތަމަ ދޭން ފަށާފައި ވަނީ މާޗް 15 1987 ގައި މ. ތިލަފެހިގޭގައި ހިންގަން ފެށި ކްލިނިކަކުންނެވެ.