އެންޓިކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ)ގެ ރައީސް ކަމަށް އާދަމް ޝާމިލް އަދި ނައިބު ރައީސް ކަމަށް ޢަބްދުއްސަލާމް އައްޔަންކޮށްފިއެވެ.

އޭސީސީގެ މެންބަރު ކަމަށް ޝާމިލް އާއި ޢަބްދުއްސަލާމްގެ އިތުރުން ތިން ބޭފުޅަކު އައްޔަންކޮށްފައި ވަނީ މިއަދު ހެނދުނެވެ. އަނެއް ތިން މެންބަރުންނަކީ ޠާހާ މުޙައްމަދު، ޝަޒްނާ ހާޝިމް އަދި ޝިޔާމާ މުޙައްމަދެވެ.

އޭގެ ތެރެއިން ޝާމިލް އާއި ޢަބްދުއްސަލާމް ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް މިހާރު އައްޔަންކޮށްފައިވާކަން އޭސީސީގެ މީޑިއާ އޮފިޝަލް ޙަސަން މަނިކު ވިދާޅުވިއެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް (ވ) އަދި ނައިބު ރައީސް ޢަބްދުއްސަލާމް -- ފޮޓޯ/ އޭސީސީ

ޝާމިލް އެންމެ ފަހުން ހުންނެވީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަގާމުގައެވެ. އޭނާ ވަނީ ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް ލޯ ހާސިލު ކުރައްވާފައެވެ.

ޢަބްދުއްސަލާމް އެންމެފަހުން ހުންނެވީ ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގައެވެ. ޢަބްދުއްސަލާމް ވަނީ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ ހާސިލު ކުރައްވާފައެވެ.

އޭސީސީއަށް އައްޔަން ކުރަން އެ ފަސް ބޭފުޅުންގެ ނަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 23ގައެވެ. އަދި މަޖިލީހުން އެ ބޭފުޅުންނަށް ރުހުން ދިނީ މިދިޔަ ހޯމަ ދުވަހެވެ.