15 Mar 2012, 22:28
ވެސްޓްޕާކް ރެސްޓޯރެންޓް ކައިރީ ހުންނަ "ޝެރިފު"ގޭގައި ހިންގި ހާބަލް ބިއުޓީ ސެލޫން، މަސާޖު ޕާލާގައި ހަށިވިއްކި ކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރު ކުރި ދިވެހީން ދޫކޮށްލުމަށް ފަހު، ބިދޭސީ ފަސް މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން މިރޭ އިތުރުކޮށްދީފި އެވެ.
އެމީހުންނަށް ކުރިން ކޯޓުން ކުރިން ޖަހައިދިން ފަސް ދުވަހުގެ މުއްދަތު ހަމަވުމުން އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިރޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުލުހުން ހައްޔަރު ކުރި ތިން ދިވެހި ފިރިހެނުން ދޫކޮށްލުމަށް ފަހު ތައިލޭންޑްގެ ފަސް އަންހެނުންގެ ބަންދަށް ވަނީ 10 ދުވަސް އިތުރުކޮށްދީފަ އެވެ.
މި މަހުގެ ނުވަނަ ދުވަހުގެ ރޭ ހާބަލް ބިއުޓީ ސެލޫނުން ފުލުހުން ހައްހައްޔަރު ކުރި ދިވެހި ތިން ފިރިހެނުންނަކީ މާލޭ ދަފުތަރު 7448 ހަސަން ޒަރީރު އާއި، ޅ. ހިންނަވަރު ގުލިސްތާނުގޭ، މުޖުތަބާ އަބްދުﷲ އަދި ހއ. އިހަވަންދޫ، ދޭލިއާގޭ، އިބްރާހިމް އަބްދުލް ހާފިޒެވެ.
މަސާޖު ޕާލާތަކުން ހަށި ވިއްކަމުންދާ ކަމަށް ބުނެ އެތަންތަން ބަންދުކުރަން ފުލުހުން ފަށާފައިވާ ހަރަކާތުގެ ތެރެއިން ހާބަލް ބިއުޓީ ސެލޫންގެ ނަމުގައި ހިންގި ޕާލާގެ އިތުރުން ފުލުހުން ބަންދުކޮށްފައި ވަނީ މާފަންނު ވީބީ މާޓް ފިހާރަ ހުންނަ "ޝެރިން"ގޭގައި ހުންނަ ނެޗުރަލް ބިއުޓީ ކެއާގެ ނަމުގައި ހިންގަމުން ދިޔަ ޕާލާއެކެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ނެޗުރަލް ބިއުޓީ ކެއާއިން ފުލުހުން ހައްޔަރު ކުރި ބިދޭސީ 10 އަންހެނުންނާއި ބިދޭސީ ފިރިހެނެކާއި ދިވެހި ތިން ފިރިހެނަކު ވަނީ ކޯޓު އަމުރަކާ އެކު ފަސް ދުވަހަށް ފުލުހުންގެ ހައްޔަރުގައި ބައިތިއްބުމުގެ ހުއްދަދީފަ އެވެ.
ފުލުހުން އެތަނުން އަތުލައިގަތް 10 އަންހެނުންގެ ތެރޭގައި ހިމެނެނީ ޗައިނާ މީހަކާއި ތައިލެންޑްގެ ހަތަރު މީހުންނާއި ލަންކާގެ ތިން މީހަކާއި ނޭޕާލްގެ އެކަކާއި އިންޑިއާގެ އަންހެނެކެވެ.