17 Mar 2022, 15:00
އެމެރިކާއާއި ޔޫރަޕުން ރަޝިއާ އާ ދެކޮޅަށް އެޅި ދަތިކުރުމުގެ އެތައް ހާސް ފިޔަވަޅުތަކުންވެސް ރަޝިއާ މައިތިރި ކުރެވޭ މަންޒަރެއް އަދި ޔުކްރޭން ހަނގުރާމަ ހުއްޓުވަން ރަޝިއާއަށް މަޖްބޫރުކުރެވޭ މަންޒަރެއްވެސް ނުފެނެއެވެ.
ލަންޑަންގައި ނުކުންނަ ގާޑިއަން ނޫސް ބުނާގޮތުން އެމެރިކާއާއި ޔޫރަޕްގެ ފިޔަވަޅުތަކުން އަސަރުކުރާތަން ފެންނަނީ ޔުކްރޭން ހަނގުރާމައާ ގުޅުމެއްނެތް ރަޝިއާގެ އާންމުންނަށެވެ. ރަޝިއާގެ ހަނގުރާމައިގެ އާލާތްތަކަކަށް ނޫނެވެ. އަދި ރައީސް ވްލަޑިމީރު ޕޫޓިން އާއި އޭނާގެ ބާރުގަދަ ޓީމުގެ ބޭފުޅުންނަކަށްވެސް ނޫނެވެ.
އެމެރިކާގެ ފިޔަވަޅުތަކުގައި ރަޝިއާއާ ކުރިމަތިލާނެ ބާރެއްނެތް
ދަތިކުރުމުގެ ފިޔަވަޅުތަކުގެ ވަރުގަދަކަމާމެދު ހުޅަނގުން ފަޚުރުވެރިވެ އޭގެ މޮޅުކަމާއި ބާރުގަދަކަމުގެ ޕްރޮޕަގެންޑާތައް ހުޅަނގުގެ މީޑިއާތަކުން ފަތުރާއިރު ރަޝިއާއިން ޔުކްރޭންގެ ސިޓީތައް ތަޅައި ސުންނާފަތިކޮށްފި ކަމަށާއި އެފިޔަވަޅުތަކުން ހާސިލް ކުރެވުނު ކަމެއް ހުއްޓުވުނު ހަނގުރާމައެއް ފެންނަން ނެތްއިރު ރައީސް ޕޫޓިންގެ ހަނގުރާމައިގެ ސްޓްރެޓެޖީއަށްވެސް އެފިޔަވަޅުތަކުގެ ސަބަބުން ބަދަލެއް އައިސްފައިވޭތޯ އެނޫހުންވަނީ ސުވާލު އުފައްދާފައެވެ.
ރަޝިއާ މައިތިރި ކުރުމުގެ ނަމުގައި އެތައް ހާސް ފިޔަވަޅުތަކެއް ހުޅަނގުން ރަޝިއާއާ ދެކޮޅަށް އެޅިނަމަވެސް އޭގެތެރޭގައި ރަޝިއާއަށް ސީދާގޮތެއްގައި އަސަރު ކުރާވަރުގެ އެއްވެސް ފިޔަވަޅެއް ނެތެވެ. އެވަރުގެ ފިޔަވަޅެއް އެޅުމުގެ ކުޅަދާނަކަމާއި ފެންވަރު ހުޅަނގުގައި މިހާރު ނެތްކަންވަނީ ވަރަށް ބޮޑަށް ސާފުވެފައެވެ.
ބާރުހުރި ފިޔަވަޅުތައް އެޅުމުގެ ގާބިލްކަން ހުޅަނގުގައި ނެތް
ރަޝިއާއަށް ސީދާގޮތެއްގައި އަސަރުކުރާނީ ޔޫރަޕަށް ރަޝިއާއިން ފޯރުކޮށްދޭ ގޭހާއި ތެލުގެ ސަޕްލައި އެއްކޮށް ބަންދުކޮށް އެއިން ރަޝިއާއަށް ލިބޭ ޑޮލަރުގެ ފުނިވަރުތައް އެއްކޮށް ހުއްޓުވިގެންނެވެ. ރަޝިއާގެ ހަކަތައަށް ޔޫރަޕްގެ ގައުމުތަކާއި ޔޫރަޕްގެ އިޤްތިޞާދު ބަރޯސާވެފައިވާލެއް ބޮޑުކަމާއި އެނޫންގޮތެއް ކައިރި މުސްތަގްބަލެއްގައި ފެންނަން ނެތުމުން މިކަންކުރަން ޔޫރަޕަށް ކެރިފައެއް ނުވެއެވެ. އަދި ކުރާކަށް ނުވެސް ކެރޭނެއެވެ.

ރަޝިއާގެ ހަމަލާތަކުގައި ޔުކްރޭން ގެ ސިޓީތައް ބިމާ ހަމަވަނީ
ނަތީޖާއަކީ ޔޫރަޕަށް ތެލާއި ގޭސް ވިއްކައިގެން ލިބޭ ޑޮލަރުގެ ފުނިވަރު ކޮންމެ ދުވަހަކު ރަޝިއާއަށް ހުއްޓުމެއްނެތި ލިބެމުން ދިޔުމެވެ. މީގެއިތުރުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުބޮޑުވުމުން ރަޝިއާއަށް ލިބޭ އާމްދަނީވެސް މިހާރުވަނީ ދެގުނައަށް އިތުރުވެފައެވެ.
މާލީ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރު ބައިޕާސް ވެދާނެކަމުގެ ބިރު
އަނެއްކޮޅުން ރަޝިއާއާ ދެކޮޅަށް އެމެރިކާއިން އެޅި މާލީ ފިޔަވަޅުތަކުގެ ގެއްލުން ދިގުމުއްދަތަކަށް ބަލާއިރު ރަޝިއާއަށްވުރެ ބޮޑަށް އެމެރިކާއަށް ކޮށްފާނެކަމުގެ އިހްސާސްވެސް އެމެރިކާ ކުރަންފަށާފައިވާ ކަމަށް އެމެރިކާގެ ނޫހެއްކަމަށްވާ ވޯލްސްޓްރީޓް ޖޯނަލް ބުނެއެވެ. އެ ނޫސް ބުނާގޮތުން ސައޫދީ އަރަބިއާ މިހާރު ގެންދަނީ އެގައުމުން ޗައިނާއަށް ވިއްކާ ތެލުގެ އަގު އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ޔުވާން އިން އަދާކުރާގޮތަށް ހަމަޖެއްސުމާބެހޭ ވާހަކަތައް ޗައިނާއާ ދައްކަމުންނެވެ.
މިއީ އެމެރިކާ ޑޮލަރުގެ ބާރުކުޑަވެ މާލީ މުއާމަލާތްތަކުގައި ޑޮލަރު ބައިޕާސްވާން ފެށުމުގެ ކޮޅުމަތި ކަމަށް ވެދާނެކަމަށް ވޯލްސްޓްރީޓް ޖޯނަލް ބުނެއެވެ. ރަޝިއާއާ ދެކޮޅަށް ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންވަނީ ރަޝިއާއިން ގައުމުތަކާއެކު ކުރާ ވިޔަފާރީގައި އެމެރިކާ ޑޮލަރު ނޫން ފައިސާއެއް ބޭނުންކުރާނެކަން އިއްޔެ ހާމަކުރައްވާފައެވެ.
ޕޫޓިން ވަނީ ދުނިޔޭގެ މާލީ މުއާމަލާތްތައް ޑޮލަރަށް ބަރޯސާވުމަކީ ބޮޑު ނުރައްކަލެއްކަމަށް ސިފަކުރައްވައި އެކަން އެނޫންގޮތަކަށް ބަދަލުކުރަން ގައުމުތަކާ ގުޅިގެން ރަޝިއާ މަސައްކަތް ކުރާނެކަމުގެ އިންޒާރު ދެއްވާފައެވެ.

ރަޝިއާގެ ލަޝްކަރުތައް ޔުކްރޭންގެ ސިޓީތައް ވަށާލަމުންދާގޮތް (ރަތްކޮށްވަނީ ރަޝިއާގެ ލަޝްކަރުތަކުގެ ކޮންޓްރޯލް އޮތް ސަރަހައްދުތައް)
ރަޝިއާއިން އިންޑިއާއާއި ޗައިނާފަދަ ދުނިޔޭގެ ބޮޑެތި ގައުމުތަކާއެކު ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުން ޑޮލަރު އެއްފަރާތްކޮށް އޭގެ ބަދަލުގައި ޔުވާން، ރުބެލް އަދި ރުޕީ ބޭނުންކުރުމަކީ މިތިން ގައުމުގެ މާލީ ނިޒާމުތަކުގެ ތެރެއިން ކުރެވިދާނެ ކަމެއްކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. މިތިން ގައުމަކީވެސް އިލެކްޓްރޯނިކް އަމިއްލަ މާލީ ނިޒާމުތައް ހުރި ގައުމުތަކެވެ.
އެމެރިކާއަކީ ފުރިހަމަ ސިނާއީ ގައުމެއްނޫން
އެމެރިކާއަކީ ޗައިނާ ގޮތަށް ދިރިއުޅުމަށް ބޭނުންވާ ހުރިހާ އެއްޗެހި އުފައްދާ ގައުމެއްނޫނެވެ. އެމެރިކާ މައިގަނޑު ގޮތެއްގައި އުފައްދަނީ ހަތިޔާރާއި މަތިންދާބޯޓުފަދަ ބަރު ސިނާއަތްތަކާއި ސޮފްޓްވެއާ ފަދަ ޓެކްނޮލޮޖީއާ ގުޅިފައިވާ އައިޓީގެ ސިނާއަތްތަކެވެ. މީގެއިތުރުން ދަނޑުވެރިކަމާއި އެއާ ގުޅިފައިވާ ބައެއް ސިނާއަތްތަކެވެ. ނަމަވެސް ޗައިނާއަކީ ދިރިއުޅުމަށް ބޭނުންވާ އެންމެ އާދައިގެ ހުރިހާ ތަކެތިން ފެށިގެން މަތިންދާބޯޓާއި ހަތިޔާރާ އަދި ފަޒާގެ ސިނާއަތްފަދަ ހުރިހާ ތަކެތި އުފައްދާ ގައުމެކެވެ.
ޗައިނާ މިހާ ގިނަ ތަކެތި އުފައްދައި ޗައިނާއަކީ ދުނިޔޭގެ ކާރުޚާނާ ކަމަށްވިޔަސް އަދި އެއްވަނަ ސިނާއީ ގައުމު ކަމަށް ވިޔަސް އެމެރިކާއަކީ އެމެރިކާ ޑޮލަރުން ދުނިޔޭގެ ގައުމުތައް ކުރާ މާލީ މުއާމަލާތްތަކުގެ ޗާޖުގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބޭ ގައުމެކެވެ. ޑޮލަރުން ހިންގާ ޓްރާންސެކްޝަން ތަކުގެ މިންވަރު ދުވާލެއްގެ މައްޗަށް 40 މިލިޔަނަށްވުރެ މައްޗަށް އަރާއިރު މިއިން ކޮންމެ ޓްރާންސެކްޝަނަކުން ޗާޖުގެ ގޮތުގައި (މަސައްކަތެއް ނުކޮށް) އެމެރިކާއަށް ގިނަ ފައިސާތަކެއް ލިބެއެވެ.
ނަމަވެސް ޑޮލަރުގެ ބަދަލުގައި ދުނިޔޭގެ ގައުމުތަކުން އެހެން ފައިސާއެއް ބޭނުންކުރަން ފަށައިފިނަމަ މިގޮތަށް ލިބޭ އާމްދަނީ އެމެރިކާއަށް ކުޑަވެ އެމެރިކާގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އައުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް މާލީ ތަޖްރިބާކާރުން ވިދާޅުވެއެވެ.

ރަޝިއާގެ ހަމަލާތަކުގައި ޔުކްރޭންގެ ސިޓީތައް ބިމާހަމަވަނީ
ޔުކްރޭން ބުނާގޮތުން ޔުކްރޭންގެ އަތްދަށުން ރަޝިއާ ބޮޑު ބައްޔަކުން ބަލިވާނެއެވެ. އެމެރިކާ ބުނާގޮތުން ރަޝިއާގެ ލަޝްކަރުތައްވަނީ ލޮޖިސްޓިކް މައްސަލަތަކާއި ޖާސޫސީ މައުލޫމާތު ގޯސްކަމުގެ މައްސަލަތަކާއި ޔުކްރޭން ރައްޔިތުންގެ ޖިހާދާ ގުޅިގެން ބަލިކަށިވެފައެވެ. އަދި ރަޝިއާއަށްވަނީ ޔުކްރޭން ހަނގުރާމަ ނާކާމިޔާބުވެފައި ކަމަށްވެސް އެމެރިކާ ބުނެފައިވެއެވެ.
އަސްކަރީ ތަޖްރިބާކާރުންގެ ނަޒަރުގައި ރަޝިއާ ސިފައިންނަށް ކިޔޭވްގެ ކޮންޓްރޯލް ނެގުން ލަސްވަނީ އެތައް ސަތޭކަ ކިލޯމީޓަރެއްގެ ދުރުމިންހުރި ޔުކްރޭންގެ އެކި ސިޓީތައް އެއްވަގުތަކު ހިފަން ރަޝިއާ މަސައްކަތްކުރާއިރު އެހާ ބޮޑު ސަރަހައްދެއް ކޮންޓްރޯލް ކުރަންބޭނުންވާ ވަރަށް ރަޝިއާގެ ލަޝްކަރުތަކުގައި ސިފައިންގެ އަދަދު މަދުވުމުންނެވެ.
ނަމަވެސް ރަޝިއާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ އެއްވަނަ ނުވަތަ ދެވަނަ ލަޝްކަރަށްވެފައި ރަޝިއާއަކީ އަސްކަރީ ސިނާއަތުގައިވެސް ދެވަނަ ގައުމު ކަމުން ލަސްވިޔަސް ރަޝިއާ ސިފައިން ޔުކްރޭންގެ ބޮޑެތި ސިޓީތަކުގެ ކޮންޓްރޯލް ނަގާނެކަމީ ޝައްކެތް އޮތްކަމެއްނޫން ކަމާއި އެމެރިކާއަށާއި ނޭޓޯއަށް ރަޝިއާއާ ކުރިމަތިލާން ނުކެރޭނެކަމަށް މިފަރާތްތަކުން ބުނެއެވެ.
ފެންނަނީ އެމެރިކާއަށް ދުނިޔޭގެ ކޮންޓްރޯލް ގެއްލެމުންދާ މަންޒަރު
ރަޝިއާއިން ޔުކްރޭނަށް ބަރު ހަތިޔާރުން ވަރުގަދަ ހަމަލާތައްދީ ޔުކްރޭންގެ ސިޓީތައް ފުނޑުފުނޑު ކުރަމުން ގެންދާއިރު ފެންނަމުންދަނީ އެކަން ހުއްޓުވަން އެމެރިކާވެސް އަދި ނޭޓޯވެސް ޔޫރަޕްވެސް އަދި އދ. ވެސް ނުކުޅެދިފައިވާ މަންޒަރެވެ.
ރަޝިއާގެ އެތެރެއަށް ފޯރާވަރުގެ ބަރު ހަތިޔާރު ޔުކްރޭނަށް ދޭން ހުޅަނގަށް ނުކެރޭ މަންޒަރެވެ. ބާރެއްނެތް ދަތިކުރުމުގެ ފިޔަވަޅުތަކެއް ނޫނީ ރަޝިއާއާ ދެކޮޅަށް ނޭޅޭ މަންޒަރެވެ. އެހެން އިބާރާތަކުންނަމަ ދުނިޔެ ކޮންޓްރޯލް ކުރުމުގެ ބާރު އޮތްކަމަށްބުނެ އަމިއްލައަށް ދުނިޔޭގެ ޕޮލިހަކަށް ހެދި ޓާކޫރު ހެދިގެން ގައުމުތަކަށް ބިރު ދައްކަންއުޅޭ އެމެރިކާއަށް ދުނިޔެ ކޮންޓްރޯލް ނުކުރެވޭ މަންޒަރެވެ.