ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް ޖެއްސުންކުރާކަމަށް ސިޓީ ކައުންސިލްގެ މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލަރު އަޙްމުދު ޒަމީރު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލްްގެ ހަތަރު ވަނަ ދައުރުގެ 44 ވަނަ ދައުރުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ ސަރުކާރުން މި ދައުރުގެ ސިޓީ ކައުންސިލަށް އެއްބާރުލުން ނުދޭކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވާ ހަ މެންބަރަކު ސިޓީ ކައުންސިލުގައި ތިބި ނަމަވެސް ސަރުކާރުގެ ފަރާތުން ނުވަތަ އެމްޑީޕީގެ ފަރާތުން އެއްބާރުލުން ނުދޭމިންވަރަށް ޕީޕީއެމްގެ ފަރާތުން އެއްބާރުލުން ދޭކަމަށް އޭނާ ވިދާޅުވިއެވެ.

"މެޖޯރިޓީގެ ޕީޕީއެމްގެ ކައުންސިލުން އެއްބާރުލުން އެބަ ދެއްވައޭ. މާލޭގެ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ރައްޔިތުންގެ ހައްގުގަ ވަކާލާތު ކޮށް ކަންކަން ކުރުމުގައި ހަމަ އެމްޑީޕީގެ ކައުންސިލަރުންގެ ދާއިރާތަކަކީ ޕީޕީއެމް ކައުންސިލަރުންގެ ދާއިރާއެކޭ ހަމަ ހަމަހަމަ. އެއްވެސް ތަފާތުކުރުމެއް ނެތޭ،" ޒަމީރު ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިޙު ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އޭނާ ވިދާޅުވީ މައި ސަރުކާރެއްގެ ވާޖިބަކީ ތަރައްޤީގެ މަޝްރޫޢުތައް ހިންގާއިރު ރައްޔިތުންގެ ޝާމިލުވުން އޮވެގެން މަޝްރޫއުތައް ކުރިއަށް ގެންދިއުންކަމަށެވެ.

ރައްޔިތުންގެ ޝާމިލުވުން އެ ކަންކަމުގައި ބޭއްވުމަށް އެންމެ މުހިންމު ކަމަކީ ލޯކަލް ކައުންސިލާ ހިއްސާކުރުން ކަމަށް ސައިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ގިނަ މަޝްރޫއުތައް ހިންގާއިރު ކައުންސިލްއާއި މަޝްވަރާނުކުރާކަމަށެވެ. ސަރުކާރުން ބޮޑެތި މަޝްރޫއުތައް ހިންގާއިރު ސިޓީ ކައުންސިލަށް އެންގުމަކީ ވެސް މުހިންމުކަމެއްގެ ގޮތުގައި ނުދެކޭކަމަށް ސައިފް ވިދާޅުވިއެވެ.


މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ސައިފް ފާތިހު--- ފޮޓޯ/ ސިޓީ ކައުންސިލް

"އަޅުގަނޑު އެއްގޮތަކަށް ވެސް ކޮންމެހެން ބްރިޖު އެޅުމަކާ އެހެން ޕްރޮޖެކްޓު ނޫނީ އެހެން އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓަކާ ގުޅިގެން އެކަމުގެ ބަހުސެއް ނޫންމިކުރަނީކީ،" ސައިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕްލޭނިން މިނިސްޓްރީން ހިންގާ ކަންކަން ވެސް ނިމޭއިރު އެކަމާ ހަވާލުވާން ޖެހެނީ ސިޓީ ކައުންސިލުންކަމަށެވެ. ބަދަލު ދޭންޖެހޭ ހާލަތުގައި ބަދަލު ދޭން ވެސް ޖެހެނީ ސިޓީ ކައުންސިލުން ކަމަށް ވެސް ސައިފް ވިދާޅުވިއެވެ.

މީގެ އިތުރުން ސައިފް ވިދާޅުވީ ސަރުކާރުން އަމުރުވެރި ސިޓީ ފޮނުވިޔަސް އެއީ މަޝްވަރާ ކުރުންނޫންކަމަށެވެ. މަޝްވަރާ ކުރެވޭނީ މަޝްވަރާގެ މޭޒުދޮށަށް އައިސްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް ނުދަންނަވަން ބްރިޖު ނާޅާށެކޭއެއް. ބްރިޖު ވެސް އަޅަންވީ. އެތަނަށް ބިން ވެސް ބޭނުންވާނެ. އެތަނުގައި ބިން ހުސްކުރަން ވެސް ޖެހޭނެ. އެހެންނަމަވެސް އެކަން ކުރެވޭނެ ކޮންމެވެސް ހަމައެއް އޮންނަންވާނެ ދެއްތޯ. މީ ރަސްކަމެއް ނޫނޭ،" ސައިފް ވިދާޅުވިއެވެ.